ބަރަކާތްތެރި ރަމަޟާން މަހަކީ ރަހުމަތާއި، ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މާތް މައްސަރު ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ "ރަމަޟާން މަހަށް އިސްތިޤުބާލުކުރުން" މައްޗަށެވެ. ޚުތުބާގައި ވަނީ ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ޘަވާބު ހޯދުމާއި ގުޅޭގޮތުން ޚާއްސަ ނަސޭހަތްތަކެއް ދެއްވާފައެވެ. ޚުތުބާގައި ބުނެފައިވަނީ ރަމަޟާން މަސް މާތްކުރެވުނު ސަބަބުތަކުގެ ތެރޭގައި މިމައްސަރުގައި ރޯދައިގެ އަޅުކަން ލައްވާފައި ވުމާއި، ކީރިތި ޤުރްއާން ބާވައިލެއްވުމާއި، އެއްހާސް މައްސަރައްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދްރިވިލޭރޭ ލައްވާފައިވުން ހިމެނެއެވެ.
މާތް ވަޙީކުރައްވާފައި ވެއެވެ. ރޯދަ ފިޔަވައި އާދަމުގެ ދަރިޔާ ކުރާ ކޮންމެ ކަމެއްގެ ސަވާބާއި ދަރުމަ ވަނީ އޭނާގެ އަމިއްލަ ނަފުސަށްޓަކައެވެ. ރޯދައަކީ ތިމަން ރަސްކަލާނގެއަށް ޚާއްޞަ ވެގެންވާ އަޅުކަމެކެވެ. އެރޯދައަށް ޖަޒާދެއްވާނީ ތިމަން ރަސްކަލާނގެއެވެ. ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހެއްނަމަ، ހަޑިހުތުރު ވާހަކަ ދެއްކުމާއި އަޑުގަދަކުރުމުން ދުރުހެލިވާހުށިކަމެވެ. އަދި މީހަކު ބަދުބަސް ބުނެ އަރައިރުން ވެއްޖެނަމަ، ތިމަންނަ މިހުރީ ރޯދައަށް ބުނާހުށިކަމެވެ. މާތް ރަސް ކަލާންގެ ގަންދީ ވިދާޅުވަމެވެ. ރޯދަވެރިއާގެ އަނގައިގެ ވަސް މާތް ރަސްކަލާންގެ ޙަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ ވަސްމީރުކަން ބޮޑެވެ. ރޯދަވެރިޔާ އުފާވާނެ ދެވަގުތެއް ވެއެވެ. އެއީ އޭނާ ރޯދަވީއްލާހިނދު ގައްޔާއި، އޭނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާހިނދުގައެވެ.
– ޤުދުސީ ޙަދީޘެއްގެ މާނައިގާ ވެއެވެ.
މާތްވެގެންވާ ރަމަޟާންމަހުގެ ބަރަކާތާއި، ދަރުމަ ލިބިގަތުމަށް މަސައްކަތްކުރާށެވެ! ރަމަޟާންމަހު، ޢާއްމު ރައްޔިތުންގެ އަތްނުފޯރާ ހިސާބަށް ބައެއް ތަކެތީގެ އަގު ބޮޑުވާކަން ފާހަގަ ކުރެވެއެވެ. ކުއްލިއަކަށް ރަމަޟާން މަހު ތަކެތީގެ އަގުތައް ކުރުމަށް ވުރެ އައުލާކަން ބޮޑުވެގެންވަނީ، ޢާއްމު ރައްޔިތުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި، ވީހާވެސް ކުޑަ އަގެއްގައި، ވަކިން ޚާއްޞަކޮށް ރަމަޟާންމަހު ޢާއްމުކޮށް، ބޭނުންޖެހޭ ތަކެތި ލިބޭނެ ގޮތަށް ވިޔަފާރީގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މި ބަރަކާތްތެރި މައްސަރުގައި ތިމާގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވީހައި ވެސް ލުއިފަސޭހަ ގޮތެއްގައި ވަޒީފާ އިންތިޒާމު ހަމަޖައްސައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މުވައްޒަފުން ވެސް ރަމަޟާން މަހަކީ، ކަންނެތްކަމުގެ މަހެއް ކަމުގައި ނުހަދައި، މި އުއްމަތުގެ އިސްވެދިޔަ ހެޔޮލަފާ މީހުން ނަމޫނާ ދައްކާފައިވާ ފަދައިން، ހިތްވަރާ އެކު ތިމާއާ ޙަވާލު ކުރެވިފައިވާ ޒިއްމާތައް ފުރިހަމައަށް އަދާކުރުމުގައި ހީވާގިވުމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ރޯދަމަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ދެރަކުޢަތުން ދެރަކުޢަތުން ރޭ އަޅުކަންކުރުމަށް ސުންނަތުން ސާބިތުވެފައިވެއެވެ. އެގޮތުން ޖަމާޢަތުގައި ކުރެވޭ ރޭއަޅުކަމުގެ ތެރޭގައި ތަރާވީޙު ނަމާދު ހިމެނެއެވެ. އަދި އިމާމާ ނިމެންދެން އެ އަޅުކަމުގައި މަޑުކޮށްފިނަމަ މުޅިރޭ އަޅުކަންކުރުމުގެ ސަވާބާއި ދަރުމަ ލިބެއެވެ. ރޯދައަށް ތިބެގެން މުސްލިމުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެކަމަކީ ފަރުޟު ފަސްނަމާދަށް ފަރުޟު ފަސްނަމާދަށް ރައްކާތެރިވުންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ