އެމެރިކާގެ ސްޓްރަޓީޖިކް ޕެޓްރޯލިއަމް ރިޒާރވް (SPR) އިން ކުރިޔަށް އޮތް މަސްތަކުގައި 180 މިލިއަން ފީފާގެ ތެޔޮ ބޭނުންކުރުމަށް ނިންމާފައިވާކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ. އެމެރިކާގެ ތެލުގެ ރިޒާވްގެ ބޭނުންކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ، އެގައުމުގައި މަތިވަމުންދާ ތެލުގެ އަގު އުފުލިގެންދިޔަ ނުދީ ހިފެހެއްޓުމަށެވެ.
އެމެރިކާއިން އެގައުމުގެ ތެލުގެ ރިޒާވުގެ ބޭނުންކުރުމަށް ނިންމާފައިވާއިރު، މިއީ ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި، ތެލުގެ ރިޒާވްގެ ބޭނުންކުރާ 3 ވަނަ ފަހަރެވެ. މިއީ އެމެރިކާގެ ސްޓްރަޓީޖިކް ޕެޓްރޯލިއަމް ރިޒާރވް (SPR) 50 އަހަރުގެ މުޅި ތާރީޚުގައިވެސް އެގައުމުގެ ތެލުގެ ރިޒާވްއިން އެންމެ ގިނަ އަދަދަކަށް ތެޔޮނަގާ ފަހަރުވެސް މެއެވެ.
އެހެންނަމަވެސް، ތެލުގެ ޑިމާންޑް، ކޯވިޑް ކާރިސާގެ ކުރީގެ މިންވަރަށް މިހާރު އުފުލިފައިވާއިރު، ސްޓްރަޓީޖިކް ރިޒާވްގެ ބޭނުން ކޮށްގެން، އުފުލެމުންދާ ތެލުގެ އަގު މިހާތަނަށް ތިރި ކުރެވިފައެއް ނުވެއެވެ. އަދި ދުނިޔޭގެ ތެލުގެ ސަޕްލައި ދަނީ އިތުރަށް ދަށްވަމުންނެވެ.
ވަކީން ޚާއްސަކޮށް ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން، ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ތެލުގެ އަގަށްވަނީ ވަރަށް ބޮޑަށް ނުރަގަޅު އަސަރު ކޮށްފައެވެ. ރަޝިއާއަކީ ދުނިޔޭގައި ކުރޫޑް އޮއިލް ދެވަނައަށް އެންމެ ގިނައިން ބޭރުކުރާ ގައުމެވެ.
ޔޫކުރެއިން ހަނގުރާމަ ފެށުނުފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ވަރަށް ބޮޑުތަކުން އުފުލިގެން ގޮސްފައެވެ. މިގޮތުން މިމަހުގެ ކުރީކޮޅު ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައިވަނީ 139 ޑޮލަރަށް އަރާފައެވެ. މިއީ 2008ވަނަ އަހަރަށްފަހު އެންމެ ބޮޑަށް ތެލުގެ އަގު އުފުލިގެން ދިޔަފަހަރެވެ.
އެމެރިކާގެ ސްޓްރަޓީޖިކް ޕެޓްރޯލިއަމް ރިޒާރވް (SPR)ގައި މިހާރުހުރީ 568.3 މިލިއަން ފީފާ ތެލެވެ. މިއީ 2002 ވަނަ އަހަރަށްފަހު އެގައުމުގެ ތެލުގެ ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.