ރޯދަމަހު ކުނި ނަގާނީ ރޭގަނޑު 8 އިން 12 އަށް

ރޯދަމަހު ކުނި ނަގާނީ ރޭގަނޑު 8 އިން 12 އަށް

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2022 07:48
0

ރަމަޟާންމަހު ވެމްކޯއިން ގޭގެއިން ކުނި ނަގާނީ ރޭގަނޑު 8:00 އާއި 12:00 އާ ދެމެދުކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއަކީ މާލޭ، ވިލިމާލެ، ހުޅުމާލެ، އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައިވެސް ކުނި އުކާލުމުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތްތައް 3 ގޮތަކަށް އަންނަނީ ދެމުންއެވެ. އެއީ ގޭގެއަށް ގޮސްގެން ކުނި އުކާލުމުގެ ޚިދުމަތާއި، ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސެންޓަރުން ކުނި ކަލެއްކްޓްކުރުމުގެ ޚިދުމަތުގެ އިތުރުން ގޭގެއިން ގަނޑުކޮށް ކުނި އުކާލަދިނުމުގެ (ކެޕްސް) ޚިދުމަތެވެ.

އާއްމުންނަށް އެންމެ މުހިންމު ޚިދުމަތްތެއްގެ ގޮތުގައި ވެމްކޯއިން ދެނީ ގޭގެއަށް ގޮސް ކުނި އުކާލުމުގެ ޚިދުމަތެވެ. މީގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަދިގެ ކުންޏާއި، ގޭގެއިން އާއްމުކޮށް އުކާލާ ކުދި ކުނިކޮތަޅު އުކާދިނުމެވެ. ކުނި އުކާލުމުގެ މި ޚިދުމަތް އާއްމު އުސޫލުން ދެމުން އަންނަނީ އިރުއޮއްސި 6:00 އިން ރޭގަނޑު 11:00އާ ދެމެދުއެވެ. ނަމަވެސް ވެމްކޯއިން ބުނެފައިވަނީ ރަމަޟާންމަހު ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ގޭގެއަށް ދާނީ ރޭގަނޑު 8:00 އާއި 12:00 އާ ދެމެދުކަމަށެވެ.

ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަނުން ކުނި އުކާލުމުގެ ޚިދުމަތް ރަމަޟާންމަހު ދެމުންދާނީ ހެނދުނު 9:00އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ފަށާނީ މެންދުރު ފަހު 2:00 ޖަހާއިރުއެވެ.

ގޭގެއިން އުކާލާ ގިނަ ކުނި ނުވަތަ ބޮޑެތި ކުނި އުކާލުމުގެ ކެޕްސް ޚިދުމަތް ދޭނެ ގަޑިތަކަކީ ހެނދުނު 9:00އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށެވެ.

ގޭގެއަށް ގޮސްގެން ކުނި އުކާލުމުގެ ޚިދުމަތް ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދެމުންދާނީ އެކި އަވަށުގައި އެކި ވަގުތުތަކުގައެވެ. މި ގަޑިތައް ވެމްކޯގެ ސައިޓްތަކުންނާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އިޢުލާންކޮށްފައެވެ. އަދި ވެމްކޯގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު، ވެމްކޯގެ ކޯލް ސެންޓަރ 1666އިން ލިބޭނެކަމަށް އެ ކުންފުުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.