ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކޮށް ހުރި މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. ސައީދު ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަކީ ލ.މާވަށް، ކުނަހަންދޫ، ހިތަދޫއާއި ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން ގެންދާ ހޮސްޕިޓަލެއްކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް މިސަރުކާރުން ރައްޔިތުންނަށް ކެނޑިނޭޅި ވައުދުވަމުން ގެންގޮސް، އެ މަޝްރޫޢު ކުރިއަށް ގެންދަން އިއުލާން ކޮށްފައިވާ ހޮސްޕިޓަލަކަށްވެފައި، އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅާ އެބޯޑުގެ ދަށަށް ލ.އަތޮޅުގެ 10ރަށުގައިހުރި ސިއްޙީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ބަދަލުކޮށްފައިވާކަމަށެވެ.
ލ.އަތޮޅުގެ ހުރިހާ ރަށަކުންވެސް މި ހޮސްޕިޓަލްގެ ޚިދުމަތް ހޯދަމުންދާއިރު، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުންދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ، ހޮސްޕިޓަލްގައި ޓަރޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމްނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް ފަރުވާކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.
އަދިހަމަ އެހެންމެ ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެންނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުމުންދާތީ، ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާތީ، މިކަންކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް ސައީދުގެ މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ