މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2022 09:20
0

މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމްއެވެ. މައްސަލަ މަޖިލީހުން ބޭރުކޮށްލީ 26 މެމްބަރުންގެ ވޯޓުންނެވެ. ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދިނީ 3 މެމްބަރެކެވެ.

ޝިޔާމްގެ މައްސަލާގައި ބުނެފައިވަނީ އިންޑިޔާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅަށް މިމަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުނު އިޙްތިޖާޖުގެ ތެރެއިން ދިވެހި ސަރުކާރާ އިންޑިޔާގެ އަމުރަށް 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށް އަނިޔާކޮށްފައިވާކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ ފަރާތްތަކާއި އިންޑިޔާ މިލިޓަރީ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލި އެތައް ދިވެހި ރައްޔިތުން ހިމެނޭކަމަށެވެ. އޭގެ ތެރެއިން 9 މީހުން އަދިވެސް ބަންދުކޮށްފައިވާތީއާއި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު އެ ޙައްޤުތައް ހަނިކޮށް، ނިގުޅައިގަނެފައިވާކަމަށެވެ.

ޖަލުގައި ބަންދުކޮށްފައިތިބި ފަރާތްތަކާއިމެދު ވަރަށް އަނިޔާވެރިކޮށް އަމަލު ކުރަމުންދާތީއާއި، ޖަލުތެރޭގައި ބޭރަށް ހިންގުންފަދަ ބަލިތައް ފެތުރެމުންދާއިރު ތަނުގެ ސާފުތާހިރު ކަމާއި އެފަރާތްތަކަށްދޭ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުވެސް ވަރަށް ދަށު ދަރަޖައިގައި ހުރި ކަމުގެ ޝަކުވާތައް ލިބެމުންދާތީ، އިންޑިޔާ ސިފައިން ބޭލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުންގެ ގޮވަމުންދާއިރު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން ސަރުކާރާ އިންޑިޔާގެ އަމުރަށް ހައްޔަރުކޮށްފައިތިބި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް ޝިޔާމްގެ މައްސަލާގައި ވަނީ ގޮވާލާފައެވެ.

އިންޑިޔާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހުކުރު ދުވަހު މާލޭގައި ބޭއްވުނު ސުލްޙަވެރި އިޙްތިޖާޖުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި މީހުން ދޫކޮށްލަފައިވަނީވެސް ޝަރުތު ތަކާއިއެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
ހައްޔަރުކުރުމުގެ ކުރިިން ބިޑި އަޅުވާ ޕެޕަރ ސްޕްރޭވެސް ޖެހީ ދޯއެވެ؟ ހާދަ ހިތާމަ ހުއްޓެވެ. އެކަހަލަ ކަންތައް ކުރާކަށެއް ނުވާނެ ނޫންހެއްޔެވެ؟ ދެން މީގެ ފަހުން ހައްޔަރުކުރުމުގެ ކުރިން ބިރިޔާނީ ކާންދީ، ޖީބު ފައިސާކޮޅެއްވެސް ދީފަ ނޫނީ ހައްޔަރު ނުކުރެވޭގޮތަށް ގާނޫނު ބަދަލު ކޮއްލައްވާށެވެ. ބަލަ ކަލޭމެން މީހުން އިނދަގަޅުވާލި ހަދާން އެބަހުރި ހެއްޔެވެ؟