ބައިޑްން ޕޮލެންޑުގައި ތިބި އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވަނީ

ބައިޑްން ޕޮލެންޑަށް ވަޑައިގެންފި

ބައިޑްން ޕޮލެންޑަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޖޯ ބައިޑްން މިހާރު ޔުރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޕޮލޭންޑަށް ވަޑައިގެންފިއެވެ.

ބައިޑްން ޕޮލޭންޑަށް ވަޑައިގެންފައި މިވަނީ، އިއްޔެ ބްރަސަލްސްގައި ބޭއްވުނު ނޭޓޯގެ އެމަޖެންސީ ސަމިޓްގައި ބައިެވެރިވެ ވަޑައިގަތުމަށްފަހު، ޕޮލޭންޑުގެ ރައީސް އަންދުޒެޖް ޑޫޑާއާއި ބައްދަލު ކުރެއްވުމުގެ އިތުރުން، ޕޮލެންޑުގައި މިވަގުތު ތިބި ޔޫކުރެއިންގެ ރެފިއުޖީންނާ ބައްދަލު ކުރެއްވުމަށެވެ. އަދި މި ދަތުރުފުޅުގައި ބައިޑްން ޚާއްސަ ތަގުރީރެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕޮލެންޑަށް ވަދައިގަތުމަށްފަހު ބައިޑްން އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައިވަނީ، ޕޮލެންޑުގައި ތިބި އެމެރިކާ ސިފައިންގެ 82ވަނަ އެއަރބޯން ޑިވިޒަންގެ ސިފައިންނާއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން ޕޮލެންޑަށް ވަޑައިގެންފައިވާއިރު، ޔޫކުރެއިން ހަގުރާމައަށް އެއްމަސްދުވަސް ފާއިތުވެ، ރަޝިއާ ސިފައިންނަށް މިހަގުރާމާގައި ހާސިލްކުރަން ބޭނުންވި ލަނޑިދަނޑިތައް މިހާތަނަށް ހާސިލް ކުރެވިގެން ގޮސްފައި ނުވާކަމަށް ހުޅަނގުގެ ގައުމުތަކުން ދަނީ ބުނަމުންނެވެ. އަދި ޔޫކުރެއިންގެ ސިފައިން ދީފައިވާ ބައެއް ކައުންޓަރ އެޓޭކްތަކުގައި، ރަޝިއާއިން ކުރިން ހިފާފައިވާ ބައެއް ސަރަހައްދުތައް ޔޫކުރެއިން ސިފައިން އަބުރާ ހިފާފައިވާކަމަށްވެސް ހުޅަނގުގެ ގައުމުތަކުންވަނީ ބުނެފައެވެ.

ނޭޓޯގެ އިމަޖެންސީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައިޑްންވަނީ ޔޫކުރެއިންއަށް ކެމިކަލް ހަތުޔާރުގެ ބޭނުން ކޮށްގެން ހަމަލާ ނުދިނުމަށް ރަޝިއާއަށް އިންޒާރު ކުރައްވާފައެވެ.

"ކެމިކަލް ހަތިޔާރު ބޭނުން ކޮށްފިނަމަ، ޕުޓިން ޖަވާބުދާރީ ކުރުވާންނަ. ޖަވާބުދާރީ ކުރުވާނޭ ގޮތެއް ބިނާވެގެން ދާނި، ކެމިކަލް ހަތިޔާރުގެ ބޭނުން ކުރާ ގޮތެއްގެ މައްޗަށް،" ރަޝިއާއިން ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފިނަ އަމަލުކުރާނޭ ގޮތަކާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައިޑްން ވިދާޅުވެފައި ވެއެވެ.

ޕޮލެންޑަކީ ޔޫކުރެއިންއާއި އިންވެގެން އޮންނަ ގައުމެކެވެ. އަދި ޔޫކުރެއިން އެންމެ ގިނަ އަދަދެއްގެ ރެފިއުޖީން މިވަގުތު ތިބީވެސް ޕޮލެންޑުގައެވެ. މިހާތަނަށް ޔޫކުރެއިންގެ 2 މިލިއަނަށްވުރެ ގިނަ ރެފިއުޖީންވަނީ ޕޮލެންޑަށް ހިޖުރަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *