މަހިބަދޫ ބޯހިޔާވަހިކަމާއި، ރައްޔިތުންގެ ކަންބޮޑޮވުންތައް ނައިބް ރައީސާއި ހިއްސާކޮށްފި

މަހިބަދޫ ބޯހިޔާވަހިކަމާއި، ރައްޔިތުންގެ ކަންބޮޑޮވުންތައް ނައިބް ރައީސާއި ހިއްސާކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2022 11:26
0

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އެރަށި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ހިއްސާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވަފައެވެ. މިގޮތުން، އެބޭފުޅުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްޗަށެވެ.

މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގެ ނުހެދި ހުރި މަގުތައް ހެދުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނުނު ނަމަވެސް ނުފެށި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމުގެ ދަތިތަކާއި، ރަށުގައި ދަނާލެއް ހުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. އަދި ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާއި ކަމަށް ވުމުން ބިން ހިއްކުމަށް ރަށު ރައްޔިތުން އެދޭކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައކަވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.