ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ރަނގަޅަށް ކުރިއަށް ގެންދަން ބޭނުންވާ ކަމުގައިވާނަމަ، އެމްޑީޕީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އެމްޑީޕީން ވަކި ކުރަންޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި، ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ ބޭފުޅުންގެ މެދުގައިވަނީ ވާދަވެރިކަން ބޮޑުވެ ކެމްޕެއިންގެ ފޯރި ގަދަވެފައެވެ. މިވާދަވެރި ކަމުގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އެންމެ ބޮޑަށް ތުހުމަތު ކުރާ އެއްކަމަކީ ރައީސް ޞާލިހުގެ ފަޅިން މަސައްކަތް ކުރަނީ ރައީސް ނަޝީދު އެމްޑީޕީން ވަކިކޮށް އެމްޑީޕީން އެއްފަރާތް ކުރުމަށް ކަމަށެވެ.
އެމްޑީޕީގެ މިހާރުގެ ކަންކަން ހިނގާ ގޮތަށް ބަލައި މޫސަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީ ރަނގަޅަށް ކުރިއަށް ގެންދެވޭނީ، މިހާރުގެ އެމްޑީޕީގެ ރައީސް ނަޝީދާއި، އީވާ އެމްޑީޕީން ވަކި ކޮށްގެންކަމަށެވެ. ރައީސް ނަޝީދަކީ މީގެ ކުރިން އެމްޑީޕީ ހިންގުމުގައި އެޕާޓީގެ އާންމު މެމްބަރުންގެ ބޮޑު ތާއީދެއް ލިބުނު ހުރިހާ ބޭފުޅުން އެމްޑީޕީން ވަކިކޮށް އެއްފަރާތް ކުރެއްވި ބޭފުޅާކަމަށެވެ. މިފަދަ ބޭފުޅަކާއިއެކު އެމްޑީޕީގެ ކުރިމަގެއް ނޯންނާނެކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ މާޒީއަށް ބަލާއިރު ޕާޓީގެ ގިނަ ސަޕޯޓަރުންގެ ތާއީދުލިބުނު ވެރިންތައް ޕާޓީން ބޭރުކުރުމުގާ ނަޝީދު، އެމީހުންގެ ބޮލުގާއެޅުވި އިލްޒާމަކީ ޕާޓީ ފިތުނަ ކުރުންކަމަށްވާއިރު، މިހާރު ރައީސް ނަޝީދު، އީވާ، އަވަހަށް ޕާޓީން ވަކި ނުކޮށް MDP ކުރިޔަށް ގެންދަން ދަތިވާނެ.
– މޫސަ ވިދާޅުވިއެވެ.
މޫސައަކީ ރައީސް ޞާލިހާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އަދި މިއިންތިޚާބުގައި ތައީދު ކުރާނީ ފައްޔާޒަށް ކަމަށް މޫސަ ވަނީ އިއުލާންވެސް ކުރައްވާފައެވެ. މޫސަވަނީ ރައީސް ޞާލިހުގެ ތައިރިއިޑް އޮޕަރޭޝަނަށްފަހު ރާއްޖެއިން ބޭރުގައި ރައީސް ޞާލިހާއި ބައްދަލު ކުރައްވައި އެކި ކަންކަމުގައި މަޝްވަރާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ