ފުބޫ އާއި މަޖޫގެ ކެރެކްޓަރ

ރޫމީ ޝެފެއް! ޖަންނަތު ސިފައިންގެ މީހެއް؟

ރޫމީ ޝެފެއް! ޖަންނަތު ސިފައިންގެ މީހެއް؟

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދިނުމަށް މިހާރު ތައްޔާރުވަމުންދާ ސިޓްކޮމް ވެބް ސީރީޒް "ރޫމީ އާ ޖަންނަތު"ގެ ކެރެކްޓަރތައް ދައްކާލައިފިއެވެ.

ޑާކްރެއިން އިން އާންމުކުރި ޕޯސްޓަރުތަކުގެ ތެރެއިން މި ސީރީޒްގެ ނަން ނިސްބަތްވާ ރޫމީގެ ކެރެކްޓަރ އިން ފެންނަނީ އަބްދުﷲ ޝާފިއު (ފުބޫ) ކައްކާއެއްގެ ޔުނީފޯމްގައެވެ. އަދި ޖަންނަތުގެ ކެރެކްޓަރ އިން މަރްޔަމް މަޖުދާ (މަޖޫ) ސިފައިންގެ ޔުނީފޯމުގައެވެ.

ރިޒްވީ، ޝީލާ، އަދި ސައީދުގެ ކެރެކްޓަރ

ދެން ހުރި ކެރެކްޓަރ ތަކުގެތެރޭގައި ޝީލާ އަކީ "ތުއި" ފިލަމީނާއެވެ. ސައީދު ފެންނަނީ ވަރަށް ރުޅިގަދަ ހާދީއެއްގެ ގޮތުގައެވެ. ހަސަން މަނިކުގެ މާލިމީކަން ކުޑަ ނޫނަސް އެއީ ކުޑަމާލިމީއެވެ. ފައިސަލް އެހުރީ ތުންފިއްތާލައިގެން ހުރި ނަޑޭގެ ގޮތުގައި ކޮންމެސް އެއްޗެއް ނޯޓު ކުރާށެވެ. އާދަމް ރިޒްވީ މިއީ ވަރަށް ކަންކަމާ ވިސްނާ ހަސަނެއް ހެން ހީވެއެވެ. މާރިޔާ ތެރޭސާ އަށް ދީފައި މިވާ ކެރެކްޓަރ މިއީ ފަހެ އަހަރެމެން ކަހަލަ ދޫނުފަރިތަ މީހުނަށް ކޮށްފައި އޮތް ޖެއްސުމެއް ހެއްޔެވެ؟ މި ކަމަށް ސީރީޒްގެ ޕްރޮޑިއުސަރ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) ކޮންމެވެސް އެއްޗެއް ބުނަންވާނެ އެވެ.

ފައިސަލް، މާރިއާ، އަދި ހަސަން މަނިކުގެ ކެރެކްޓަރ

ޑާކްރެއިންގެ ކާމިޔާބު މަސައްކަތްތައް ކަމަށްވާ މީ ލޯތްބަކީ، މާމުއި، އަދި ވާށޭމަށާ އެކީ ބެލުންތެރިންނާ ހަމައަށް ގެނެސްދިން ޓީމުގެ މި މަސައްކަތަށް ވެސް ގިނަބަޔަކު މިހާރު ތިބީ ކެތްމަދުވެފައެވެ. ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލުގެ ސްކްރީން ޕްލޭއަށް މި ސީރީޒް ޑައިރެކްޓް ކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ.

އަހާ އަހާ ވެސް ޕްރޮޑިއުސަރ މޮގާ "ރޫމީ އާ ޖަންނަތު" ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއް ނުބުންޏެވެ. މީޑިއާނެޓް އޮރިޖިނަލް އެއް ވީމާ އެހެން ހަމަ ހުރެފައެއް ނުބުނެވޭނެތާއެވެ. ޔަގީނުންވެސް އެނގޭ އެއްޗަކީ މީޑިއާނެޓްގެ "އެމްއައި" ޓީވީން މި ސީރީޒް ފެންނާނެ ކަމެވެ.

މޮގާ! ކެތްމަދުވެފައި ތިބި ފޭނުންނަށް "ރޫމީ އާ ޖަންނަތު" ފެންނާނެ ދުވަހެއް ސިއްރު ސިއްރުން ނަމަވެސް ޚަބަރު އޮންލައިނަށް އަންގާލަދޭން ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *