އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އޭނާގެ ކެމްޕެއިނާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއް ރައީސް އޮފީހުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ރިޓްވީޓް ކުރެވުނީ އޮޅުމެއްގެ ތެރެއިން ކަމަށް އެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލައްވާ ކެންޑިޑޭޓް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއް ރީޓުވީޓް ކޮށްފައެވެ.
މުލަކު އަދި ނިލަންދެ އަތޮޅަށް ކުރި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވަން. ޕާޓީގެ ހިންގުން އެހެން މަރުޙަލާ އަކަށް އުފުލާލަން މެންބަރުން އެދޭ. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ.
– ފައްޔާޟުގެ ޓުވީޓުގައި ވިދާޅުވިއެވެ.
މުލަކު އަދި ނިލަންދެ އަތޮޅަށް ކުރި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވަން.
ޕާޓީގެ ހިންގުން އެހެން މަރުޙަލާ އަކަށް އުފުލާލަން މެންބަރުން އެދޭ. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ
— Fayyaz Ismail (@faya_i) March 13, 2022
މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނީ އެއީ އޮޅިގެން ކުރެވުނު ޓުވީޓެއް ކަމަށެވެ. އަދި އެކަމަށް މައާފަށް އެދޭ ކަމަށެވެ. ރައީސް އޮފީހުގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓްތަކުން އެއްވެސް ކެންޑިޑޭޓަކު އެންޑޯޒްކޮށް އެއްވެސް މީހެއްގެ ކެމްޕޭން ހަރަކާތް ނުވަތަ ޕާޓީތައް އެންޑޯޒް ކުރަން މަސައްކަތް ނުކުރާ ކަމުގައިވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މިފަދަ އެހެންކަމެއް ވިޔަ ނުދިނުމަށްޓަަކައި ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިހާތަނަށް އެންމެ ވާދަވެރިކޮށްދާ މިއިންތިޚާބުގައި އިންތިއާއި ފައްޔާޒުގެ ޓީމުންދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. މިއިންތިޚާބަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓާއިމެދު ނިންމާނެ ގޮތެއް ސާފުވާނެ އިންތިޚާބެއްކަމަށް ގިނަބަޔަކު ދެކެއެވެ.
Earlier tonight this account accidentally retweeted tweet from a candidate currently contesting the forthcoming MDP Chairperson election. The retweet was up for a few minutes before it was removed. This was purely accidental and we apologise for it. (1/3)
— The President's Office (@presidencymv) March 13, 2022
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ރޯދައިގައި ބާއްވަ ކުރިން ނިންމާފައިވާ ނިންމުން އެމްޑީޕީގެ ޤަައުމީ މަޖިލީހުން ވަނީ ބޮޑު އައުލަބިއްޔަތަކުން ބަދަލު ކޮށްފައެވެ. ޗެއާޕާސަން އިންތިޚާބު ފަސްކުރަން ފާސްކޮށްފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހަށެވެ. މިތާރީޚަށް އިންތިޚާބު ފަސްކުރުމަށް، ފާސްކުރީ އެމްޑީޕީގެ ޤައުމީ މަޖިލިސްގައި ބައިވެރިވި 100 މެމްބަރުންގެ ވޯޓުންނެވެ.
މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ