އިޤްތިޞާދީ ދަތިކަމުގެ ވިލާގަނޑެއް، އަވަސް ފިޔަވަޅު އެޅުން މުހިންމު!

އިޤްތިޞާދީ ދަތިކަމުގެ ވިލާގަނޑެއް، އަވަސް ފިޔަވަޅު އެޅުން މުހިންމު!

Author
ހުސެއިން
08 މާރޗް 2022 07:54
0

އަޅުގަނޑުމެން ދިވެހިންނަކީ ދިރިއުޅުމުގެ އެންމެ ޒަރޫރީ މުހުތާދުތަކަށް ބޭނުންވާ ތަކެތިވެސް ބޭރުން އެތެރެކޮށްގެން ދިއުޅޭ ބަޔެކެވެ. ކެއިން ބުއިމަށް ބޭނުންވާ އެންމެހައި ތަކެއްޗަކާއި ބޭހެވެ. އަންނައުނައި ހިފާގެންގުޅޭ ތަކެއްޗެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ މުޅި އިޤްތިޞާދުގެ %90 އަށްވުރެ ބޮޑު ހިއްސާއަކީ ފަތުރުވެރިކަމުން ލިބޭ ޢާމްދަނީއެވެ. އެހެންކަމުން ދުނިޔޭގެ މަސްރަޙަށް އަންނަ ކޮންމެ ލޮޅުމެއްގެ ސީސާ އަސަރު އިޤްދިސާދީގޮތުން އެންމެފުރަތަމަ ކުރާ ޤައުމުތަކުގެ ކުރީ ސަފުގައި ރާއްޖެ ހިމެނެއެވެ.

ވޭތުވެދިޔަ އެކި ޒަމާންތަކުގައި ދުނިޔެއަށް ކުރިމަތިވި ހަނގުރާމަތަކާއި، ޤުދުރަތީ އެކިއެކި ކާރިޘާތަކާއި، ބަލިމަޑުކަމުގެ ޙާލަތުގައި ވަނީ މިދެންނެވި މަންޒަރު ރާއްޖެއިން ސާފުކޮށް ފެންނިފައެވެ. ކުރީގެ ޒަމާންތަކަށްވުރެ މާބޮޑަށް މިއަދު ރާއްޖެ މިވަނީ ބޭރުދުނިޔެއަށް ބަރޯސާވެފައެވެ.

މިހާރު މިވަނީ އަނެއްކާވެސް މިފަދަ އިޤްތިޞާދީ ދަތިކަމުގެ ވިލާގަނޑެއް ބޯމަތިވެފައެވެ. އެވިލާގަނޑުން ދަނީ ކަނިޖަހަމުންނެވެ. އިސާހިތަކު ބޯކޮށް ވެހިގެންފާނެއެވެ. އޭގެކުރިން ބޯހިޔާކޮށްލާނެފަދަ ގޮތެއް ހޯދޭތޯ މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެން ކުރަންޖެހިފައިވާކަމެކެވެ.

ދަންނަވަން މިއުޅެނީ ޔޫކްރޭންއާއި ރަޝިޔާގެ ހަނގުރާމައާ ގުޅިގެން އިޤްތިޞާދީގޮތުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައެވެ. އަދި އެކަމުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރުގެ ވާހަކަ ވެސްމެއެވެ.

ޔަޝިއާ ޔޫކުރެއިން ހަނގުރާމަދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން

 

ހަނގުރާމަ ދަނީ ވަރުގަދަ ވަމުން! ކުރިޔަށް އޮތް ދުވަސްތައް ބަނަ!

ރަޝިއާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުންވީ ދުނިޔެއަށް ކުއްލި ސިހުމެއް ގެނުވިކަމަށެވެ. އެހެންނަމަވެސް މިހަނގުރާމަ ހުއްޓުވައި މަސްރަހު އަމާންކުރުމަކީ ރަޝިޔާއާ ދެކޮޅަށް ދުނިޔެއަށް ކުރެވިދާނެކަމެއްކަމުގައި އަދި ފެންނާކަށް ނެތެވެ. ނުވަތަ އެކަން ކުރަން ހޭދަވާނެ މުއްދަތެއް ދަންނަވަންވެސް ނޭނގޭހާ ދިގެވެ. ނަތީޖާއެއްގެ ގޮތުގައި ހަނގުރާމަ އޮތީ އަދި ކުރިއަށެވެ. އޭގެ ސަބަބުން އަންނަމުންދާ އިޤްތިޞާދީ ބަދަލުތަކުގެ މަންޒަރުދަނީ ފެންނަމުންނެވެ.

ދުނިޔޭގެ ހިއްސާގެ ބާޒާރަށްވަނީ ހީނަރުކަން އަތުވެއްޖެއެވެ. ތެލުގެ އަގު މައްޗަށްދަނީ އާދަޔާ ޚިލާފު ބާރުމިނުގައެވެ. ފާއިތުވެދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް އެކަނި ބަލާލިޔަސް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ރާއްޖެއަށް ތެޔޮ އެތެތެކުރުމަށް ދައުލަތުންވަނީ ހޭދަކޮށްފައެވެ. މިހާރު ތެލުގެ އަގު މައްޗަށްދާ މިންވަރު ދަށްނުވާނަމަ، މީގެ އެތައް ގުނައެއް އިތުރަށް ތެލަށް ހޭދަކުރަން ޖެހޭނެއެވެ.

މީގެއިތުން ތެލަށްކުރާ ހޭދަ އިތުރުވުމަކީ ރާއްޖޭގެ މުޅި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރޔު ކުރާނެކަމެކެވެ. ދަތުރުފަރުތާއި ކާބޯތަކެއްޗާއި އެހެނިގެން ޚިދުމަތްތަކުގެ އަގުތައްވެސް މައްޗަށް ދާނެއެވެ. ޔުޓިލިޓީސް ބިލްތައް ބޮޑުވާނެއެވެ. ބާޒާރުގައި މުދަލުގެ އަގު ބޮޑުވެގެން ދިއުމަކީ ޢާއްމުރައްޔިތުންގެ ދިރިއުޅުމަށް ވަގުތުންވަގުތަށް އެކަމުގެ ސީދާ އަސަރުކުރާނެކަމެކެވެ. ނަތީޖާއަކަށްވާނީ މިހާރުވެސް ދަރަނި ބަޖެޓެއް ތަންފީޒުކުރަމުންދާ މިރާއްޖޭގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް އަނެއްކާވެސް ވެއްޓިގެން ދިއުމެވެ.

2021ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ގައުމުތައް

ދެން އޮތީ ފަތުރުވެރިކަމެވެ. ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިޔާއާއި ދެކޮޅަށް އެޅި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، އެސަރަހައްދުގެ ދަތުރުފަތުރުވަނީ މުޅިންހެން ހުއްޓިފައެވެ. ރަޝިޔާގެ ވައިގެ ސަރަޙައްދު ހުޅަނގަށް ބަންދުކުރުމާއެކު ވައިގެ ދަތުރުފަތުރުގެ ރާސްތާ ދިގުވެ ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ރަޝިޔާއަކީ ރާއްޖެއަށް މިހާރު އެންމެގިނަ ފަރުތުވެރިން އަންނަ އެއް ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރިންގެ %15.7 އަށްވުރެ ގިނަ މީހުންނަކީ ރަޝިޔާއިން އައި ފަތުރުވެރިންނެވެ. އަދި %3.1 އަށްވުރެ ގިނަ މީހުނަކީ ޔޫކްރޭނުގެ ފަތުރުވެރިންނެވެ. މިހާރު އޮތް ހަނގުރާމައިގެ ޙާލަތު ބަދަލުނުވާނަމަ މި ޢަދަދުތައް ވަރަށްބޮޑުތަނުން ދަށްވެގެންދާނެއެވެ.

 

ރާއްޖޭގެ އިގްތިސާދި އަނެއްކާވެސް ފުން ވަޅުގަޑަކާއި ދިމާލަށް!

މިއިން ކޮންމެކަމަކީ ރާއްޖޭގެ މިއަހަރުގެ ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ކަންކަން ނުކުރެވި އިންތިހާއަށް ހީނަރުކަމާ ކުރިމަތިވާނެ ކަންކަމެވެ. އަސަރުކުރާނީ އެއްކަމަކަށް ދެކަމަކަށް ނޫނެވެ. ކޮންސްޓްރަކްޝަން މެޓީރިއަލްގެ އަގު ބޮޑުވެ، ތެލުގެ އަގުތަކާއެކު ދަތުރުފަތުރަށް އަންނަ ބަދަލުތަކާއެކު، ސަރުކާރުން ހިންގާ އެތައް މަޝްރޫޢަކަށް މީގެ ނޭދެވޭ އަސަރުކުރާނެއެވެ. ހަމަ މިއާއެކު ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމަށްވެސް މި އިގްތިސާދީ ދަތިކަމުގެ ނޭދެވޭ އަސަރު ދާނީ ކުރަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި މިވަގުތު ތެލުގެ އަގު ހުރިގޮތަށް ބަލާއިރު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގަކީ 155 އެމެރިކާ ޑޮލަރެވެ. މިއާއެކު ރާއްޖޭގައިވެސް ތެލުގެ އަގުތަނީ އެއްދުވަހުން އަނެއްދުވަހަށް މަތިވަމުންނެވެ. ރާއްޖޭގައި މިހާރު ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.60ރ.އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. އެވެ. މިއީ ރަޝިޔާ – ޔޫކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގުތަކަށް ބަލާއިރު %15އަށްވުރެވެސް މަތިވުމެކެވެ.

އެސްޓީއޯއިންވަނީ 1 މަހުގެ ތެރޭގައި 3 ފަހަރަށް ތެލުގެ އަގަށް ބަދަލު ގެނެސްފަ

މިފްކޯއިންވެސް ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ދެފަރެއްގެމަތިން ބޮޑުކޮށްފައެވެ. މިފްކޯއިން މިހާރު މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 14.44ރ. އަށެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.10ރ. އަށެވެ. މިއާއެކު މަސްވެރިކަމަށާއި މަހުގެ އަގުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެކެވެ.

ތެލުގެ އަގު ހިފެހެއްޓުމެއްނެތި މަތިވުމަކީ އިޤްތިޞާދީ ދަތުމަޑުމަކާ ދިމާއަށް މިސްރާބު ޖެހުމެވެ. ބޯމަތިވެފައިވާ އިޤްތިޞާދީ ބަނަ ވިލާގަނޑުން ޖަހަމުންދާ ކަނި ބޯވާރެއަށް ބަދަލުވުމުގެކުރިން އެޅެން އޮތް ރައްކާތެރިކަމުގެ ފިޔަވަޅެއްނަމަ އަޅަން އަވަސްވެގަންނަން ޖެހެއެވެ. އެންމެ މުހިންމުކަމަކީ ދައުލަތާއި ފަރުދުންގެ ފެންވަރުގައި ޚަރަދުކުޑަކުރުމެވެ. ބޭކާރު ޚަރަދުތައް ހުއްޓާލައި އިޤްޞާދުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.