ރަޝިއާއިން ޔޫކުރެއިންއަށް އަރާ ކުރަމުންދާ ހަގުރާމައަކީ، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޔޫރަޕް ބައްރުގައި ހިނގަމުންދާ އެންމެ ބޮޑު ހަމަނުޖެހުމެވެ. އަދި މިއީ ފަހުގެ ޒަމާނެއްގައި ދުނިޔޭގެ ބާރުތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ސިޔާސީ އަދި އަސްކަރީ ހަމަ ނުޖެހުމަށް ވެގެން ގޮސްފައިވާރި، މި އަސްކަރީ ހަމަނުޖެހުމާއި ނުރައްކާ އެތައް ގުނައަކަށް އުފުލިގެން ގޮސްފައިވަ އަނެއް ސަބަބަކީ، މި ހަމަ ނުޖެހުމުގެ ތެރޭގައި ދުނިޔޭގެ ނިއުކުލިއަރ ބާރުތައް ވެސް ހިމެނުން ދާތީއެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދެމުންދާތާ މިހާރު ދެ ހަފްތާ ފާއިތުވުމާއި ގާތަށް ދަތުރު ކޮށްފައިވާއިރު، ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުންވަނީ، ރަޝިއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅާފައެވެ. އަދި ރަޝިއާގެ ހަމަލާތައް ވަރުގަދަ ކުރަމުންދިޔަ ވަރަކަށް، ރަޝިއާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައްވެސް ވަރުގަދަ ކުރަމުންގޮސް، ފާއިތުވެދިޔަ ޒަމާންތަކުގައި ދުނިޔޭގެ ގައުމަކާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން އަޅާފައި ނުވާވަރުގެ ވަރުގަދަ، އިގްތިސާދީގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް މިހާރުވަނީ ރަޝިއާއާއި ދެކޮޅަށް އަޅާފައެވެ.
މީގެ ތެރޭގައި، ރަޝިއާގެ ފްލައިޓްތަކަށް މުޅި ޔޫރަޕް ބައްރުގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި، ރަޝިއާގެ ބޭންކުތަކުގެ އެސެޓްތައް ހިފެހެއްޓުމާއި، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ ގާތް މުއްސަދި މަހުޖަނުންގެ އެސެޓްތައް ހިފެހެއްޓުމާއި، އެމީހުންނަށް ވިޔަފާރި ކުރެވޭނެ މަގުތައް ބަންދު ކުރުމާއި، އަދި އެންމެ ފަހުން، ދުނިޔޭގެ އެއްގައުމުން އަނެއްގައުމަށް ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ނެޓްވާރކް، ސުވިފްޓުން ރަޝިއާގެ ބޭންކުތައް އެކީ ވަކިކުރުންވެސް ހިމެނެއެވެ.
މި ފިޔަވަޅުތަކުގެ އަސަރު އެންމެ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަރަށް ނުރަގަޅުކޮށް ރަޝިއާގެ އިގްތިސާދަށް ވަނީ ކޮށްފައެވެ. އިގްތިސާދީގޮތުން ދަތިކުރުމުގެ އެންމެ ހަރުކަށި ފިޔވަޅުތައް ދުނިޔޭގައި މިހާތަނަށް އަޅާފައިވާ އިރާން ފަދަ ގައުމުތަކަށް އެތައް އަހަރެއްގެ ތެރޭގައި ކޮށްފައިވާ އަސަރުތައް އެންމެ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިއާގެ އިގުތިސާދަށް ވަނީ ކުރަން ފަށާފައެވެ. ރަޝިއާގެ ފައިސާ ރުބެލްގެ އަގު ވަނީ %30 ދަށަށް ގޮސްފައެވެ. ރަޝިއާގެ ސެންޓްރަލް ބޭންުކުގެ އެސެޓްތައް ފްރީޒް ކުރުމުގެ ސަބަބުން، އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރުމަށްޓަކާ، ސެންޓްރަލް ބޭންކުގައި ހުރި 650 މިލިއަން ޑޮލަރުގެ ރިޒާވްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭކަށް ނެތެވެ. އަދި މީގެ އިތުރުން އެތައް އަހަރެއްވަންދެން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ރަޝިއާގައި ކުރަމުންއައި ވިޔަފާރިތައް މިހާރުވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
އަދި އެންމެ ކުޑަމިނުން ބޮއިންގ ކުންފުނިފަދަ ކުންފުނިތަކުން ރަޝިއާއެކީ ވިޔަފާރީގެ ގުޅުން އެކީ ކަނޑާލުމުގެ ނަތީޖާއެއްގެ ގޮތުން، ރަޝިއާގެ މަތިންދާ ބޯޓުތަކަށް އުދުހެވޭނެ ގޮތެއް ނެތެވެ. ރަޝިއާގެ ގައުމީ އެއަރލައިން އޭރޯފްފްލޮޓުގެ ފްލައިޓްތައް މިހާރުވަނީ އެކީ ގްރައުންޑް ކޮށްފައެވެ. އަދި މީގެ އިތުރުން، ރަޝިއާގެ ކާރގޯ ބޯޓުތަކަށް ކަނޑުމަގުންވެސް މިހާރު ފަސޭހަކަމާއެކު ދަތުރުކުރުން ވަނީ ދަތިކަމަކަށް ވެފައެވެ.
ކޮންމެއަކަސް ރަޝިއާފަދަ، ބޮޑު އިގްތިސާދެއް އޮތް ގައުމަކާއި ދެކޮޅަށް މިވަރުގެ ވަރުގަދަ، އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން އޭގެ ނަތީޖާ ހަގީގަތިގައިވެސް ދުނިޔޭގެ އެހެން އިގުތިސާދުތަކަށް، ނުވަތަ އެހެން ގިނަގައުމުތަކަށް ކުރާނޭ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އަދި އަމުދުން، އުފެއްދުންތެރިކަމެއް ނެތް، ރާއްޖެފަދަ ކުދި ކުދި އިގްތިސާދުތައް އޮތް ގައުމުތަކަށް ދުނިޔޭގެ އިގްތިސާދަށް އަންނަ މިފަދަ ބޮޑެތި ލޮޅުންތަކުގެ އަސަރު ކުރާ މިންވަރު އަބަދުވެސް ބޮޑު ވާނެއެވެ.
ރާއްޖޭގެ އިގުތިސާދަށް އަސަރު ކުރާނެ!
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، ސީދާ ގޮތުން ދިވެހި އިގްތިސާދުގައި ޖީޑީޕީގެ ނިސްބަތުން 26.3 އިންސަތަ މިއަދު ހިއްސާ ކުރަމުންދާ ސިނާއަތެކެވެ. ނުސީދާގޮތުން ޖީޑީޕީގެ 70 އިންސައްތަ މި ސިނާއަތުގެ ހިއްސާ ދިވެހި އިގްތިސާދުގައި އެބަ އޮތެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖެއަށް ވަންނަމުންދާ ބޭރު ފައިސާގެ 90 އިންސައްތަ ވަންނަމުންދާ މައި ދޮރާށިވެސް މެއެވެ.
މީގެ އިތުރުން، ފާއިތުވެދިޔަ 2021ވަނަ އަހަރަށް ބަލާއިރު، ކޯވިޑްގެ އާލަމީ ވަބާއާއި އެކުވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ "ޓޮޕް މާރކެޓް"ގެ ގޮތުގައި އޮތީ އިންޑިއާއައި ރަޝިއާއެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ރިޒާރަތް ކޮށްފައިވަނީ އިންޑިއާއިން އިންނެވެ. މި ލިސްޓުގެ ދެވަނާގައި އޮތީ ރަޝިއާއެވެ. އަދި އަދި 3 ވަނާގައި އޮތީ ޖާރމަނީއެވެ. ރަޝިއާއިން އުދުވާނީ ހަމަލާދީ، އެގައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދަމުންދާ ޔޫކްރެއިންއަކީ ރާއްޖޭގެ އެންމެ ބޮޑު 10 މާރކެޓްގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިގޮތުން ޔޫކްރެއިންއަކީ 2021ވަނަ އަހަރު 9 ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިކަން ޒިޔާރަތް ކޮށްފައިވާ ގައުމެވެ.
އެހެންކަމުން ޔޫރަޕް ބައްރުގައި މިހާރު ހިގަމުންދާ ބޮޑު ހަމަނުޖެހުމުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ނުކޮށް ދިއުމަކީ ނުވެ ނުދާނެ ކަމެއް ކަމުގައި ގަބޫކުރަން ޖެހެއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ، މި ހަމަނުޖެހުމުގެ އެންމެ ކުރީސަފުގައި އޮތް ދެގައުމު ކަމުގައިވާ ރަޝިއާއާއި ޖާރމަނީއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ދެގައުމު ކަމަށް ވާތީއެވެ. އަދި މީގެ އިތުރުން، މިހަަމަނުޖެހުން ފުޅާވެ، މުޅި ޔޫރަޕް ބައްރަށް ހަނގުރާމަ ފެތުރެމުން ދާއިރު، ޔޫރަޕްގައި ހިގަމުންދާ މި ބޮޑު ހަމަނުޖެހުމުގައި ހިމެނޭ ގިނަ ގައުމުތަކަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތައްކަން މިފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ. މިގޮތުން އިނގިރޭސިވިލާތަކީ މި ލިސްޓުގެ 5 ވަނާގައި އޮތް ގައުމަށް ވާއިރު، ޖެހިގެން މި .ލިސްޓުގެ 6 ވަނާގައި އޮތީ އެމެރިކާއެވެ.
އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ލިސްޓުގެ ދެވަނާގައި އޮތް ރަޝިއާގެ އިގުތިސާދު އިނދަ ޖައްސާލުމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުންނާއި، އަދި އެގައުމުގެ ދަތުރުފަތުރު ކުރުމުގެ މުޅި ނިޒާމު އެކީ ހުއްޓުމަކަށް އައިސްފައިވާ ވުމުގެ ނަތިޖާއެއްގެ ގޮތުން، މިފިޔަވަޅުތަކުގެ އަސަރު ރާއްޖެއަށް ނުކޮށް ނުދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތްް ކަމެކެވެ.
މިގޮތުން ބަލާއިރު، ރަޝިއާއިން ޔޫކުރެއިންއަށް ފާއިތުވެދިޔަ ފެބުރުއަރީމަހުގެ 24ވަނަ ދުވަހު ހަމަލާ ދޭން ފަށާފައި ވާއިރު، އެދުވަހާއި ހަމައަށް މިއަހަރު މިހާތަނަށް ރަޝިއާއިން ރާއްޖެއަށް ސިޔާރަތް ކޮށްފައިވަނީ 39,660 ފަތުރުވެރިންނެވެ. އޭގެ ކުރީ ހަފްތާގައި ރަޝިއާއިން 6،469 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. ހަގުރާމް ފެށުމަށްފަހު ޖެހިގެން އައި ހަފްތާގައި ރަޝިއާއިން ރާއްޖެއަށް ރަޝިއާއިން ޒިޔާރަތް ކޮށްފައިވަނީ، 4،395 ފަތުރުވެރިންނެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އުފުލާދޭ ފްލައިޓެއް ކަމުގައިވާ ރަޝިއާގެ ގައުމީ އެއަރލައިން އޭރޯފްލޮޓްގެ ބައިނަލްއަގުވާމީ ހުރިހާ ދަތުރުތައް މިހާރު ހުއްޓުމަކަށް ގެނެސްފައިވުމުގެ ނަތީޖާއެއްގެ ގޮތުން، ގަބޫލުކުރެވޭ ގޮތުގައި، ރަޝިއާއިން ރާއްޖެއަށް ދަތުރުކުރާ ފަރުވެރިންގެ އަދަދު ކުރިޔަށް އޮތްތަނުގައި ބޮޑުތަނުން ދަށްވެގެން ދާނެއެވެ. އަދި މި ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން، އެންމެ ރަގަޅު 10 މާރކެޓްގެ ތެރޭގައި އޮތް ރަޝިއާއި ޔޫކުރެއިން މިލިސްޓުން އުނިވެގެން ދިއުމަކީ ވުން އެންމެ ގާތް ގޮތެވެ.
އިތުރު ގޮތްތަކެއް ރާވަންޖެހޭ އިގުތިސާދީ ބޮޑު މައްސަލައެއެވެ!
މިހާރު ޔޫކުރެއިންގައި ހިގަމުންދާ ހަގުރާމައިގެ އަސަރު މުޅި ދުނިޔޭގެ މާލީ ބާޒާރުން ފެންނަމުންދާއިރު، ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހަގުރާމައިގެ އަސަރު ކުރަމުންދާނެ ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. އަދި ހަމަ އެއާއެކު، ހަގުރާމަ ފެށުމާއެކު ތެލުގެ އަގަށް ނޭދެވާ ބަދަލު އައިސް، އެންމެ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ވަނީ %15 އިން މަތިވެގެން ގޮސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައިވެސް އެސްޓީއޯއިން މިހާރުވަނީ، މަސްދުވަހުގެ ތެރޭގައި 3ވަނަ ފަހަރަށް ތެލުގެ އަގު ބޮޑު ކޮށްފައެވެ.
އެގޮތުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80 ރުފިޔާއަށެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުވެސް އެ ކުންފުނިން ވަނީ ބަދަލުގެނެސްފައެވެ. އެއިރު ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 12.98 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 13.04 ރުފިޔާއަށެވެ. އެސްޓީއޯއިން ތެލުގެ އަގަށް މިހާރު މިގެނައި ބަދަލާއިއެކު ޕެޓްރޯލް ލީޓަރަކުން 1.65 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 1.76 ރުފިޔާގެ ބޮޑުވުމެކެވެ.
ހުޅަނގާއި ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ބޭންކުތަކުގެ ތެރޭގައި، ހަކަތައި ސިނާއަތުގެ ވިޔަފާރިތައް ހިންގާ އެގައުމުގެ ބައެއް ބޭންކުތައް މިހާތަނަށް ހިމަނާފައި ނުވިނަމަވެސް، ހަގުރާމަ ފުޅާވެ، އެންމެފަހުން މި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާގެ މި ބޭންކުތައްވެސް ހިމެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެމެރިކާއި ޔޫރަޕުން ރަޝިއާގެ ގޭހާއި ތެޔޮ ގަތުން ހުއްޓުމަކަށް ގެނެސްފިނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އޭގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދުން ފެނިގެން ދިއުމަކީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އެހެންނަމަވެސް، މުޅި ޔޫރަޕް ބައްރަށް ފެތުރެމުންދާ މި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، މުޅި ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުގެ ވާހަކަ މިހާތަނަށް ދިވެހި ސަރުކާރުގެ ދައްކަވަމުން ގެންދަވާފައެއް ނުވެއެވެ.
އެހެންނަމަވެސް، ހަނގުރާމައިން ދުނިޔޭގެ އިގުތިސާދަށް ކުރަމުންދާ އަސަރުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނުރަގަޅު އަސަރުގެ ވާހަކަ ސަރުކާރުގެ މާލީ އިދާރާތަކުން މިއަދު ދައްކާން އެބަޖެހެއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުގެ ކުޑަކުރުމުގެ ގޮތުން، އަޅަމުންދާ ފިޔަވަޅުތަކުގެ ވާހަކަ ދައްކާން އެބަޖެހެއެވެ. ސިޔާސަތަކީ ކޮބައިކަން ހާމަކުރާންވެސް އެބަ ޖެހެއެވެ.