އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލަށް ކުރަމުންދާ އެކި ތުހުމަތުތައް އޭނާގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) ދިފާއު ކުރެއްވުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބަހުގެ ހަމަލާތަކެއް އިބުރޭއަށް ދެއްވައިފިއެވެ.
ފޯރިގަދަ ވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރާ ދެކެނޑިޑޭޓުންނަށް ތާއީދުކުރާ އާންމު މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އިންތިގެ ކެމްޕެއިންގައި ހަރަކާތްތެރިވާ ބޭފުޅުން މިނިސްޓަރ ފައްޔާޒަށް ކުރާ އެންމެ ބޮޑު ތުހުމަތު ތަކުގެ ތެރޭގައި ކޮރަޕްޝަނާއި، ނުފޫޒުގެ ތުހުމަތު ހިމެނެއެވެ.
އިންތިގެ ސްޕޯކްސްޕާސަން މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި، ނުފޫޒުގެ ވާހަކަ ނުދައްކައި ކެމްޕެއިން ނުކުރެވޭނެކަމަށެވެ. އަދި އެއީ އެންޓި ކެމްޕެއިންކަމަށް ނުވެސް ބެލެވޭނެކަމަށެވެ. މިނިސްޓަރ ފައްޔާޒަށް އިންތިގެ ޓީމުން ކުރާ ތުހުމަތުތައް ދޮގުކޮށް، އިބުރޭ ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓްރީ ތެރޭގައިވެސް ފައްޔާޒާ ދެކޮޅަށް ކެމްޕެއިން ކުރާ މީހުން ތިބި ކަމަށެވެ. އެ މީހުންނަށް ފައްޔާޒް ބިރު ދައްކާފައިވޭތޯ އިބްރޭ ސުވާލު ކުރިއެވެ. އަދި އެމްޑީޕީ މެމްބަރުންނަށް ވަޒީފާގެ ބިރު ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބުރޭގެ ވާހަތަކާއި ގުޅިގެން އޭނާއަށް ރައްދު ދެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ކަމެއް ކުރިކަމުގައި ވީނަމަވެސް އެމްޑީޕީގައި އެހެން މީހުންވެސް ތިބިކަން އިބުރޭމެން ދަންނަން ޖެހޭކަމަށެވެ. އަދި ހިތުހުރި އެއްޗެއް ގޮވަމުން ނިކުންނަންވީތޯ ނަޝީދު ވަނީ އިބުރޭއާއި ސުވާލު ކުރައްވާފައެވެ.
ކަމެއް ކުރިޔަސް އަޅުގަނޑުމެން ވެސް އެބަތިބިކަން ބަލާ ނުލަނީބާ. މީހެއްގެ ވިއްޔާ ގޮތެއް ހުންނަން ވާނެ ކަމަށް ހީކުރީ.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަތަކާއި ގުޅިގެން އިބުރޭ ވިދާޅުވީ އޭނާ މިނިސްޓަރ ފައްޔާޟާއި، ރޮޒޭނާއަށް ތާއީދު ކުރަންނިންމީ 2017 ވަނަ އަހަރު އިބްރޭ އެމްޑީޕީގެ ޕާޓީގެ އިންތިހާބެއްގައި ވާދަ ކުރުމުން އެމްޑީޕީ ތެރެއިން އޭނާ ހަވަރަށްދީ ކަންކަން ކުރުމުންކަށެވެ. އަދި އެދުވަހު އޭނާގެ ދިފާއުގައި ނިކުތީ ރޮޒޭނާއާއި ފައްޔާޟު ކަމަށާއި، އެހެންކަމުން މިއަދު އެދެބޭފުޅުންގެ ފަހަތަށް އެރުމަކީ އޮތް އެންމެ ރަނގަޅު ގޮތްކަން ގަބޫލު ކުރެވުނަކަމަށެވެ.
ރައީސް ނަޝީދަށް ތައުރީފް ކުރައްވައި އިބުރޭ ވިދާޅުވީ އޭނާ އަދިވެސް އެންމެ ތައީދުކުރާ އެއް ސިޔާސީ ލީޑަރަކީ ރައީސް ނަޝީދު ކަމަށެވެ. ރައީސް ނަޝީދަކީ މިހާރު މިފާޅު ކުރެވޭ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، ބަސް ބުނުމުގެ ހައްގު ހޯދައިދިން ލީޑަރު ކަމަށާއި، މާދަމާ އިންތިޚާބެއްގައި ވާދަ ކުރެއްވިޔަސް ރައީސް ނަޝީދަށް ވޯޓު ދެއްވާނެކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާއިރު އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލާގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށްވެސް ފާޑު ވިދާޅުވެފައެވެ. އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި އެމްޑީޕީގެ ބައެއް ބޭފުޅުން މަޤާމުތަކުން ވަކި ކުރާތީ ކަންބޮޑުވުން ފާޅުކޮށް ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުން ކުރައްވަމުންދަނީ ވަރަށް ސިޔާސީކޮށް ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން ވަކިކޮށް ދެއްވުމަށް ނަޝީދު، ރައީސް ޞާލިހުގެ ކިބައިން އެދިއްޖެ
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް އިންތިޚާބު ވަކި ގޮތަކަށް އަބުރާލުމަށް ބައެއް މަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވަކި ކުރަމުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ވަކި ކޮށްފައިވަނީ ކޮން ބޭފުޅެއްކަމެއް ރައީސް ނަޝީދު ވިދާޅުވެއް ނުވެއެވެ. ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ވަކި ކުރާނަމަ އެމަނިކުފާނުވެސް އެމްޑީޕީން ވަކި ކުރުމަށް އެދޭކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ފައްޔާޒު ވާދަކުރައްވާއިރު، އޭނާއަކީ މިސަރުކާރުގެ ވަޒީރުކަމުން ވަކި ކުރުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް ނަޝީދު ފައްޔާޒު ސިފަކުރައްވަނީ "ބްރޯ"ގެ ގޮތުގައެވެ. ރައީސް ނަޝީދުވަނީ ބްރޯ ހެދިގެން ނޫޅެވޭނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ފައްޔާޒުގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނެގުމަށްވެސް މަޖިލިސް ތެރެއިން ވަނީ މަސައްކަތް ކޮށްފައެވެ.
ނަމަވެސް ފައްޔާޒުގެ ދިފާއުގައި ރައީސް ޞާލިހު ވަނީ ނިކުންނަވައި، ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ. ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވުމަކީ އެމްޑީޕީގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ އިތް ވާދަވެރިކަން ވަރަށް ބޮޑަށް ހާމަވެގެންދާނެ އިންތިޚާބެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ