ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ހިންގަމުންދާ އިންސާނިއްޔާތާއި ޚިލާފު ޖަރިމާތައް ބެލުމުގެ ތަހުގީގުތައް މިހާރު ފަށާފައިވާކަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހާމަ ކޮށްފިއެވެ. އަދި މި ކޯޓުން ހާމަ ކޮށްފައިވާ ގޮތުގައި، މި ތަހުގީގުތައް ވަގުތުން ވަގުތަށް ފެށުމަށް އެކޯޓުން ނިންމާފައިވަނީ، ދުނިޔޭގެ އެތައް ގައުމަކުން، މި ޖަރީމާތައް ތަހުގީގު ކުރުމަށް މިހާރު ހުށަހަޅާފައި ވާތީއެވެ.
އަދި މިގޮތުން ކުރިޔަށް ގެންދާ ތަހުގީގުގައި، 2013ވަނަ އަހަރު، ޔޫކުރެއިންގައި އޭރުއޮތް ރަޝިއާއިން ތާއީދުކުރަމުންއައި ސަރުކާރު ވައްޓާުމަށް ހިގައިދިޔަ މުޒާހިރާތަކުން ފެށިގެން ހިންގާފައިވާ ކަމުގައި ތުހުމަތު ކުރެވޭ އިންސާނިއްޔާތައި ޚިލާފު ޖަރީމާތައްވެސް ހިމެނުމަށް ހަމަޖެހަފައިވާ ކަމުގައި ބައިނަލް އަގުވާމީ ޖިނާއީ ކޯޓުން ބުނެފައި ވެއެވެ.
މި ކޯޓުން ބުނެފައިވާ ގޮތުގައި، މި ތަހުގީގު ފެށުމަށް އެ ކޯޓުން ނިންމާފައިވަނީ، ރޯމްގެ ސްޓެޗޫންއިން އުފައްދާފައިވާ މި ކޯޓުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ 39 ގައުމަކުން ތަހުގީގު ފެށުމަށް އެދި ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން ކަމުގައެވެ. މި ގައުމުތަކުގެ ތެރޭގައި ކެނެޑާއާއި ފްރާންސްވެސް ހިމެނެއެވެ.
"މި ހުށަހެޅުންތަކުން، ޔޫކުރެއިންގެ މިހާރުގެ ހާލަތުވެސް ހިމެނޭގޮތުން، 21 ނޮވެމްބަރ 2013އިން ފެށިގެން ހިގާފައިހުރި އިންސާނިއްޔަތާއި ޚިލާފް ކަންކަން ބެލުމުގެ ގާނޫނީ ހުރިހާ ބުރަދަނެއް އައިސިސީއަށް ވަނީ ލިބިދީފައި،" ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް އަހުމަދު ޚާން ވިދާޅުވެފައި ވެއެވެ.
މީ ތަހުގީގުގައި، ޔޫކުރެއިންގެ ސަރަހައްދުގައި ހިންގާފައިވާ ހަނގުރާމައިގެ ހުރިހާ ޖަރީމާއަކާއި، އަދި އިންސާނިއްތާ ޚިލާފު ހުރިހާ ޖަރީމާއެއް ބަލާ ތަހުގީގުކުރުންވެސް ހިމެނިގެންދާނެކަމަށްވެސް ޚާން ވިދާޅުވެފައި ވެއެވެ.
އައިސީސީން ޔޫކުރެއިގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ބަލާ ތަހުގީގު ކުރާނެކަން ހާމަ ކޮށްފައިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ރަޝިއާއިން ޔޫކުރެއިންއާ ދެކޮަޅަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އައިއިރު 227 އާންމުން ރައްޔިތުން މަރުވެ، 525 މީހުން އަނިޔާވެފައިވާކަން ޔޫއެންއިން ވަނީ ހާމަކޮށްފައެވެ. އަދި ރަޝިއާގެ ގިނަ އަދެއްގެ ސިފައިން މަރުވެފައިވާކަމަށް ޔޫކުރެއިން ބުނެފައިވާއިރު، ރަޝިއާއިން ބުނެފައިވަނީ މަރުވެފައިވަނީ އެގައުމުގެ 400 އެއްހާ ސިފައިން ކަމުގައެވެ.
ހަގުރާމައިގެ ސަބަބުން ޔޫކުރެއިންގެ އެއް މިލިއަން މީހުން މިހާރުވަނީ ރެފިއުޖީންނަށް ވެފައެވެ.