ކޮމީޑިއަނަކު ގައުމު ރައީސަކަށް! މިއަދު އެއީ ހަނގުރާމައިގެ ބަތަލެއް!

ކޮމީޑިއަނަކު ގައުމު ރައީސަކަށް! މިއަދު އެއީ ހަނގުރާމައިގެ ބަތަލެއް!

އޭނާ އުޅެ ބޮޑުވެފައިވަނީ ޔޫކުރެއިން އިރު ދެކުނުގައެވެ. އެއީ ކިވްޔީ ޔިހު ނަމަކަށް ކިޔާ ސިޓީއެކެވެ. އެ ސިޓީއަކީ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުގައި ޔަހޫދީ އާއިލާތައް ޔޫކުރެއިންގައި ދިރިއުޅުމަށްޓަކާ އެމީހުން ބަދަލުކުރި ސިޓީއެވެ.

ނަތިޖާއެއްގެ ގޮތުން ޔޫކުރެއިންގެ މިހާރުގެ ރައީސް ޒެލެންސްކީއަކީ ޔަހޫދީ އާއިލާއަކަށް އުފަންވި، އަދި ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ. މި ސިޓީއަކީ ރަޝިއާބަހުން ވާހަކަ ދައްކާ މީހުން އުޅޭ ސިޓީއެއްކަމުން، ޒެލެންސްކީގެ އާއިލާއަކީވެސް އަދި ޒެލެނަސްކީވެސް ފަރިތަކޮށް ރަޝިއާބަހުން ވާހަކަ ދައްކަން ދަންނަ މީހެކެވެ.

އޭނާ ބޮޑުވަމުން އައިއިރު ތައުލީމު ހާސިލް ކުރުމަށްޓަކާ އޭނާ، ޔަހޫދީ ދައުލަތް އިޒްރާއީލަށް ދާން ބޭނުންވި ނަމަވެސް، އޭނާގެ ބައްޕަ ޒެލެންސްކީ ތައުލީމު ހާސިލްކުރުމަށް ގައުމުން ބޭރަށް ދިއުން މަނާކުރިއެވެ.

ނަތީޖާއެއްގެ ގޮތުން، ޒެލެންސްކީ ތައުލީމު ހާސިލް ކޮށްފައިވަނީ، ޔޫކުރެއިން ނޭޝަނަލް އިކޮނޮމިކް ޔުނިވަރސިޓީއިން، ގާނޫނީ ރޮގުންނެވެ.

އެހެންނަމަވެސް، ގާނޫނީ ރޮގުން އޭނާ ތައުލީމު ހާސިލްކުރެއްވި ނަމަވެސް، އޭނާގެ ކެރިއަރއަކަށް ނުވަތަ ޕްރޮފެޝަންއަކަށް ވެގެން ދިޔައި ގާނޫނީ ދާއިރާއެއް ނޫނެވެ. އޭނާ ވެވަޑައިގަތީ ގާނޫނީ ވަކީލަކަށް ނޫނެވެ. ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވުމަށްފަހު، ޒެލެންސްކީގެ ޕްރޮފެޝަންއަކަށް ވެގެން ދިޔައީ، އެކްޓު ކުރުމެވެ. އޭނާ ވެގެންދިޔައީ ފިލްމްތަކުގައާއި ޑްރާމާތަކުގައި ހެއްވާ މަޖާބައި ކުޅޭ އެކްޓަރަކަށެވެ.

ވާތްފަރާތުގައި ޓީވީ ޝޯގެ ރައީސެއްގެ ގޮތުގައި ޒެލެންސްކީ, ކަނާތް ފަރާތުގެ ފޮޓޯއަކީ ޔޫކުރެއިންގެ މިހާރުގެ އަސްލު ރައީސް ޒެލެންސްކީ

ޒެލެންސްކީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރި ނަމަވެސް، އޭނާވަނީ ސްކޫލު ދައުރުއްސުރެ ޕާރފޯމް ކުރުމާއި ގުޅުން ހުރި އެކި މަސައްކަތް ކުރަމުން އައިސްފައެވެ. އަދި ކުރިއްސުރެ އޭނާ އުފައްދާވާފައިވާ ކުވާރޓަލް95 ކުންފުނިން 2012ވަނަ އަހަރުގެ އޮކްޓޯބަރުމަހު ޔޫކުރެއިންގެ ޓީވީ ނެޓްވާރކް 1+1 އާއިއެކީ ޚާއްސަ އެގްރީމަންޓެއް އެކުލަވާލާ، ޒެލެންސްކީގެ ކުވާރޓަލް95 ސްޓޫޑިއޯއިން އުފައްދާ ޕްރޮޑަކްޝަންތައް މި ނެޓްރާކުން ގެނެސްދޭން ފެށިއެވެ.

ޔޫކުރެއިންގެ މި ނެޓްވަރކަކީ އެގައުމުގެ އެންމެ މުއްސަދި އެއް މަހުޖަނުގެ ޓީވީ ނެޓްވާކެކެވެ. ނަތިޖާއެއްގެ ޒެލެންސްކީގެ ޕްރޮޑަކްޝަންތައް މި ނެޓްވާކުން ގެނެސްދޭން ފެށުމާއިއެކު، ނެޓްވާކުގެ ވެރިޔާ، އަދި ޔޫކުރެއިންގެ އެންމެ މުއްސަދި އެއް މަހުޖަނު ކަމުގައިވާ އިހޯރު ކޮލޮމޮއިސްކީއާއި ޒެލެންސްކީއާ ދެމެދު ޚާއްސަ ގުޅުމެއް އުފެދިގެން ދިޔައެވެ. އަދި ފަހުން ޒެލެންސްކީގެ ރިޔާސީ ކެމްޕޭނަށް ފަންޑު ކޮށްފައިވަނީވެސް ކޮލޮމޮއިސްކީއެވެ.

ޒެލެންސްކީ އާންމުންގެ ތެރެއަށް ތައާރަފްވެ މަޝްހޫރުވެގެން ދިޔައީ، ޔޫކުރެއިންގެ ޓީވީ ނެޓްވާރކް 1+1 އިން ގެންނަންފެށި، "ރައްޔިތުންގެ ޚާދިމެއް" މިނަން ކިޔާ ޓީވީ ސިރީސްގައި އޭނާ އަދާ ކުރަން ފެށި ދައުރުންނެވެ.

މި ޓީވީ ސީރީސްގައި އޭނާ އަދާ ކޮށްފައިވަނީ، ގައުމުގައި އޮތް ކޮރަޕްޝަނުގެ ވަބާގެ މަތިން ފޫހިވެ، އަދި އެކަންކަމުގެ މައްޗަށް ހިތުގައި ނަފްރަތާއި އުދާސްތައް އުފެދިފައިވާ، އެހެންނަމަވެސް އެތައް ބައެއްގެ ލޯބި ހޯދާފައިވާ ހައި ސްކޫލް ޓީޗަރެއްގެ ދައުރެވެ. މި ސީރީސްގައި ފެންނަގޮތުން މި ހައި ސްކުލް ޓީޗަރަކީ، ޔޫކުރެއިންގައި އޮތް ކޮރަޕްޝަނާއި ދެކޮޅަ އަޑު އުފުލަމުން އަންނަ، އަދި ކޮރަޕްޝާނާއި ދެކޮޅަށް އާންމު ފޯރަމްތަކުގައި ވާހަކަ ދައްކަމުން އަންނަ ޓީޗަރެކެވެ.

މި ޓީޗަރަށް އާންމުންގެ ތެރޭގައި އާދަޔާއި ޚިލާފް ބޮޑު މަޝްހޫރުކަމެއް ލިބިގެން ދަނީ، ކޮރަޕްޝަނާއި ދެކޮޅަށް މި ޓީޗަރ ދައްކަވާފައިވާ ވާހަކައެއް، އޭނާގެ ދަރިވަރަކު ސޯޝަލް މީޑިއާގައި އާންމު ކުރާ ހިސާބުންނެވެ. މި ޓީވީ ސީރީސްގައި ވާގޮތުން، ކަން ދިމާކުރާގޮތުން، އާންމުގެ ލޯބި ލިބިފައިވާ މި ހައިސް ސްކޫލް ޓީޗަރަށް އެންމެފަހުން ޔޫކުރެއިން ރައީސްކަމަށް އާދެވެއެވެ. މި ޓީވީ ސީރީސްއަކީ ޒެލެންސްކީ އުފައްދާ އޭނާ ޕްރޮޑިއުސްވެސް ކުރި ޓީވީ ސީރީސްއެކެވެ.

ޓީވީ ސީރީސްގައި ޒެލެންސްކީ އަދާ ކޮށްފައިވަނީ ފަހުން ރައީސްކަމަށް އާދެވުނު ހައި ސްކޫލް ޓީޗަރެއްގެ ރޯލު

ކޮރަޕްޝާނާއި ދެކޮޅަށް މި ހައި ސްކޫލް ޓީޗަރު ކުރަންފެށި މަސައްކަތަތަކެއްގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ވެރިކަމަށް އާދޭވޭ ގޮތް ދައްކުވައިދޭ މިސީރީން އެންމެ ފުރަތަމަ ދައްކަން ފަށާފައިވަނީ 2015ވަނަ އަހަރުއެވެ. އެއަށްފަހު މި ސީރީސްއަށް ލިބިގެންދިޔަ މަޝްހޫރުކަމާއެކު، މި ސީރީސްގެ 3 ސީޒަން ދައްކާފައިވެއެވެ. އަދި ޔޫކުރެއިންގައި 2015ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާއި ހަމައަށް މި ސީރީސް ކުރިޔަށް ގޮސްފައިވެއެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށްޓަކާ ޒެލެންސްކީ އުފެއްދެވި ކުންފުނީގެ ނަމަކީ ކިވާރޓަލް95 އެވެ. މި ކުންފުނިން އޭނާވަނީ ފިލްމްތަކާއި، ކާޓޫންތަކާއި އަދި އޭގެ އިތުރުން ޓީވީ ޝޯވްތައްވެސް އުފައްދާފައެވެ. އޭނާ ރައީސެއްގެ ދައުރު އަދާކުރި "ރައްޔިތުންގެ ޚާދިމް" ޓީވީ ސީރީސްއަކީވެސް އޭނާގެ މި ކުންފުނީގެ އުފެއްދުމެކެވެ.

މި ޓީވީ ސީރީސްގައި ޔޫކުރެއިންގެ ރައީސެއްގެ ދައުރު އަދާކުރިތާ 4 އަހަރުފަހުން ޒެލެންސްކީވަނީ، އެގައުމުގައި ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބުކުރައްވާ ޔޫކުރެއިންގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންފައެވެ.

ފަހުން އާންމުވެގެން ގޮސްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި 2006ވަނަ އަހަރު ޒެލެންސްކީވަނީ "ތަރިންނާއެކު ޑާންސްކުރުން" މިނަމުގައި ބޭއްވުނު ސްޓޭޖް ޝޯއެއްގައިވެސް ޕާރފޯމްކޮށްފައެވެ.

 

ޓީވީ ސީރީސްގައި ޔޫކުރެއިންގެ ރައީސްކަން އަދާކުރިތާ 4 އަހަރުފަހުން ޔޫކުރެއިން ރައީސްކަމަށް!

ޒެލެންސްކީ އަމިއްލައަށް އުފެއްދި ޓީވީ ސީރީސްގައި، ހައި ސްކޫލް ޓިޗަރެއްގެ ގޮތުގައި އުޅެނިކޮށް ޔޫކުރެއިންގެ ރައީސްކަމުގެ މަގާމަށް އާދެވޭ އާދައިގެ މީހެއްގެ ދައުރު އަދާކޮށްފައިވާ ޓީވީ ސީރީސް އެގައުމުގައި ދައްކަމުން ދަނިކޮށް، 2018ވަނަ އަހަރު ޒެލެންސްކީ އޭނާގެ ކެނޑިޑެސީ އިއުލާން ކުރިއެވެ. އެއީ 2019ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިގެންދިޔަ އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށްޓަކައެވެ.

ޒެލެންސްކީ ޔޫކުރެއިންގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށްޓަކާ، އޭނާ ޕްރޮޑިއުސްކުރި ކޮމެޑީ ޓީވީ ސީރީސް "ރައްޔިތުންގެ ޚާދިމު" މި ނަމުގައި 2018ވަނަ އަހަރުގެ މާރޗްމަހު ސިޔާސީ ޕާޓިއެއް އުފައްދާފައިވެއެވެ. މި ސިޔާސީ ޕާޓީގެ ފަރާތުން، 2019ވަނަ އަހަރު ބޭއްވުމަށް ޖަހިފައިވާ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެކަން ޒެލެންސްކީ އިއުލާން ކުރައްވާފައިވަނީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ.

ޒެލެންސްކީ 2019ވަނަ އަަހަރު އޭނާގެ ކެމްޕޭންގައި

ޓީވީ ސީރީސްއިން ޒެލެންސްކީއަށް ލިބިގެންދިޔަ މަޝްހޫރުކަމާއެކު، ޔޫކުރެއިންގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޒެލެންސްކީ 39 ކެނޑިޑޭޓަކާ ވާދަ ކޮށްފައިވެއެވެ. އަދި އިންތިޚާބުގެ ކެމްޕޭން ފެށިގެން ދިއުމާއެކުވެސް ކެމްޕޭންގައި އެންމެކުރިން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި އޭނާ ބެލެވިގެން ދިޔައެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ޒެލެންސްކީ %30 ކާމިޔާބު ކުރައްވައިގެން އެންމެ މަތިން ވޯޓު ކާމިޔާބު ކުރި ކެނޑިޑޭޓަކަށް ވެގެން ދިޔައެވެ. ފުރަތަމަ ބުރުގައި ދެވަނައަށް ގޮސްގައިވަނީ، އޭރު ޔޫކުރެއިންގެ ރައީސްކަމުގައި ހުންނެވި، ޕެޓްރޯ ޕްރޮޝެންކޯއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެގައުމުގެ އޭރުގެ ރައީސާ ވާދަކުރައްވާ ޒެލެންސްކީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ %73ގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިގެންނެވެ. އަދި ޒެލެންސްކީގެ މި ކާމިޔާބީއަކީ، ޔޫކުރެއިންގައި އަށަގެންފައި އޮތް ކޮރަޕްޝަން، ނައްތާލާނެކަމަށް ވިދާޅުވެ، އަދި ރަޝިއާއިއެކީ އުފެދިފައި އޮތް އުދާސްތައް ނައްތަވާލައްވާ، އެމައްސަލައަށް ހައްލު ހޯދާދޭނެކަމަށް އެނާވީ ވައުދުތަކުގެ އިތުރުން، އެކްޓަރެއްގެ ގޮތުން އޭނާ ހޯދާފައިވާ މަޝްްހޫރުކަމަށް ލިބިގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައިވެސް މިކާމީޔާބީ ގިނަބަޔަކު ސިފަ ކޮށްފައި ވެއެވެ.

އަދި ހަމައެއާއެކު، ޔޫކުރެއިންގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވަމުންއައި ސިޔާސީ ފަރާތްތަކުގެ މަތިން އެތައްބަޔަކު ފޫހިވެ، މި ރިޔާސީ އިންތިާބުގެ ނަތީޖާއިން ބޮޑު ބަދަލަކަށް އެގައުމު ބޭނުންވެފައި އޮތް މިންވަރު ރަމްޒު ކޮންދިންކަންވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

ޒެލެންސްކީ ޔޫކުރެއިންގެ ރައީސްކަމުގެ ހުވާ ކުރައްވަނީ

 

ހަގުރާމައިގެ ބަތަލަކަށް!

ދުނިޔޭގެ އޮތް އެންމެ ވަރުގަދަ އަސްކަރީ ބާރާއި ދެކޮޅަށް، އަދި ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ނިއުކުލިއަރ ބާރާއި ދެކޮޅަށް ޔޫކުރެއިންގެ މިނިވަންކަން ހިމާޔަތުގައި އެގައުމުގެ ރައްޔިތުން މިއަދު ކުރަމުންދާ ހަގުރާމައިގެ އެންމެ ކުރީގައި މިއަދު ހުންނެވީ، ކޮމީޑިއަންއެއްގެ ރޯލު ކުޅުނު، އެހެންނަމަވެސް މިއަދު ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީއެވެ.

އަދި ރަޝިއާގެ ވަރުގަދަ އަސްކަރިއްޔާއިން ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ކުރަމުންދާ ވަރުގަދަ ހަގުރާމާގައި ދޫނުދީ، ޔޫކުރެއިންގެ ކޮމާންޑަރއިން ޗީފްގެ ހައިސިއްޔަތުން ޒެލެންސްކީ ދައްކަވަމުން ގެންދަވާ ލީޑަރޝިޕަށް ދުނިޔޭގެ ލީޑަރުންގެ ތައުރީފްވެސް މިއަދު ދަނީ އޮހެމުންނެވެ. އަދި ބައެއް ފަރާތްތަކުން އޭނާ ސިފަކުރަމުންދަނީ، އޭނާއަކީ ޔޫރަޕް އެކަތިގަނޑަކަށް ހެއްދެވި ލީޑަރުގެ ގޮތުގައެވެ.

ރަޝިއާއިން ޔޫކުރެއިންގެ ވެރިރަށް ހިފުމަށް ހަމަލާ ދެމުންދާތާ މިހާރު 8 ދުވަސް ވެފައިވާއިރު، މި ހަމަލާތައް ފެށިގެން އައިއިރު، އެންމެ ފުރަތަމަ 4 ދުވަހުގެ ތެރޭގައި ވެރިރަށް ކީވް ރަޝިއާގެ ބާރުގެދަށަށް ދާނެކަމަށް ލަފާކޮށް، ޒެލެންސްކީއަށް ރައްކާތެރިކަން ފޯރުކޮށްދީ، އޭނާ އެމެރިކާއަށް ދިއުމަށް އެމެރިކާއިން އޭނާއަށް ދައުރުވަތު ދީފައި ވެއެވެ. އަދި ތުރުކީންވެސް ޒެލެންސްކީއަށް އެގައުމުގައި ރައްކާތެރިކަން ފޮރުކޮށްދިނުމަށް ހުށަހަޅާފައި ވެއެވެ.

ހަނގުރާމައިގެ ހާލަތުގައި ޒެލެންސްކީ ގެންދަވަނީ ވަރުގަދަ ލީޑަރޝިޕެއް ދައްކަވަމުން

އެހެންނަމަވެސް، ޒެލެންސްކީ ވަނީ މިހުށަހެޅުންތައް ރައްދުކޮށް، އޭނާ ބޭނުންވަނީ ގައުމު ދޫކޮށް ދިއުމަށް ނޫންކަމަށާއި، ބޭނުމީ ހަގުރާމަ ކުރާނެ ހަތިޔާރުކަމުގައި ވިދާޅުވެފައެވެ.

ހަގުރާމަ މިއޮތީ މިތާގަ. އަހަރެން ބޭނުމީ ހަތިޔާރު، ފިލައިގެން ދާކަށް ނޫން.

އެގައުމު ދޫކޮށް އެމެރިކާއަށް ދިއުމަށް ވޮޝިންގޓަނުން ދިން ދައުވަތު ގަބޫލު ނުކުރައްވާ ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިކަމަށް، މައުލޫމާތު އެނގިހުރި އެމެރިކާގެ އިންޓެލިޖަންސް އޮފިޝަލަކާ ހަވާލާދީ އެސޯޝިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

ކުރިން، ހެއްވާ މަޖާބައި ކުޅެމުންއައި ފިލްމީ ތަރި މިހާތަނަށް ވިދާޅުވަމުން ގެންދަވާފައިވަނީ، އެންމެ ފަހު ނޭވައާއި ހަމައަށްވެސް ރަޝިއާއާއި ދެކޮޅަށް ހަގުރާމަ ކުރައްވާނެ ކަމުގައެވެ.

ކަލޭމެން އަހަރެމެންނަށް ހަމަލާދީފިނަމަ ކަލޭމެންނަށް ފެނިގެންދާނީ އަހަރެމެންގެ މޫނުތައް، އަހަރެމެން ފުރަގަހެއް ނުދޭނަން.

ޒެލެންސްކީ މީގެކުރިން ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން، ޒެލެންސްކީވަނީ، އޭނާ ގައުމު ދޫކޮށް ފިލާފައި ނުވާކަން ޔަގީން ކޮށްދިނުމުގެ ގޮތުން، މިހަފްތާގެ ހުކުރު ދުވަހު، އަރިސް ބޭފުޅުންނާއެކު ވެރިރަށުގައި ކޮށްފައިވާ ވީޑިއޯއެއްވެސް އޭނާގެ ފޭސްބުކުގައި އާންމު ކޮށްފައެވެ.

"އަރެމެން މިތިބީ މިތަނުގައި،" ޒެލެންސްކީ ވިދާޅުވެފައި ވެއެވެ. "އަހަރެމެން ތިބޭނީ މި ގޮތުގައި".

ރަޝިއާއިން ޔޫކުރެއިންއާއި ދެކޮޅަށް ހިންގަމުންދާ އުދުވާންއާއި ދެކޮޅަށް ޒެލެންސްކީ ދައްކަވަމުންދާ ހިތްވަރާއި، އަދި ހަނގުރާމައިގެ ހާލަތުގައި އެގައުމު އެއްބައިވަން ކުރުވުމަށް އޭނާ ދައްކަވާފައިވާ ލީޑަރޝިޕަށް ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.

ޒެލެންސްކީ ވިދާޅުވެފައިވަނީ ހަނގުރާމައިގެ ހާލަތުގައި ގައުމު ދޫކުރައްވާ ވަޑައި ނުގަންނަވާނޭ ކަމުގައި

އެހެންނަމަވެސް އޭނާ ރިޔާސީ އިންތިޚާބުގައި ފުއްދަވާނޭކަމަށް ވީ މުހިއްމު ވައުދެއްގެ ހުވަފެން އަދި ދަނީ ފަނޑުވަމުންނެވެ. އެއީ ރަޝިއާއި އެގައުމާ ދެމެދު އޮތް ނުތަނަވަސްކަން ނައްތަވާލައްވާނޭ ކަމުގެ ވައުދެވެ. އޭނާއަށް މި ވައުދު ނުފުއްދި ވަނިކޮށް ރަޝިއާއިން މިހާރުވަނީ، އޭނާގެ ގައުމު ހިފުމާއި ގާތަށް ދަތުރު ކޮށްފައެވެ.

އެހެންނަަމެވެސް، ކޮމޭޑިއަނަކަށް ޔޫކުރެއިންގެ ރައީސްކަމަށް އާދެވުނު ބީދައިން، ޒެލެންސްކީގެ މިވައުދުވެސް ފުއްދުމަށްޓަކާ މިހާރުވެސް އޭނާ ގެންދަވަނީ ދުނިޔޭގެ އޮތް އަސްކަރީ އެންމެ ބޮޑު ބާރާ ހަގުރާމަ ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *