ހަސަން ލަތީފް ގެނައީވެސް ލިބަރަލް ޕާޓީން: ޝާހިދު

ހަސަން ލަތީފް ގެނައީވެސް ލިބަރަލް ޕާޓީން: ޝާހިދު

ގުޅުންހުރި

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަކީ އެމްޑީޕީ މީހެއް ނޫންކަމަށް ދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ނުވާނެކަމަށާއި، މިވާހަކަ އެންމެ ގަދަޔަށް ދައްކަވާ ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަކީވެސް ލިބަރަލް ޕާޓީން ނެގައި ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ ބޭފުޅުން ވަޒީފާއިން ވަކިކުރަމުންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިންގައި ބައިވެރިވުމުން ކުރިމަތިވާ ފިއްތުންތަކަށް ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ މިނިސްޓަރ ފައްޔާޒަކީ އެމްޑީޕީ ދެމެހެއްޓުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބޭފުޅާކަމަށެވެ. އަދި މިވެރިކަން ގެނައުމަށްވެސް އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވަނީ ފައްޔާޒުކަމަށެވެ. ފައްޔާޒަކީ އެމްޑީޕީ ބޭފުޅެއް ނޫންކަމަށް ދެއްކުމަށް ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް އެކަމެއް ނުވާނެކަމަށާއި، މިވާހަކަ އެންމެ ގަދަޔަށް ދައްކަވާ ހަސަން ލަތީފަކީވެސް ލިބަރަލް ޕާޓީގައި ހުއްޓައި ގެނައި މީހެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގިވަޑައި ގަންނަވާނެ އިމްތިޔާޒު ފަހުމީއަކަށްވުރެ ފައްޔާޒު އިސްމާއިލްގެ އިހުލާސްތެރިކަމެއް ވަކި ކުޑައެއް ނުވާނެ. އެއީ ހަމަ މިއޮތް ސަރުކާރު ގެންނަންވެގެން މަސައްކަތްކުރި ބޭފުޅެއް. މިސާލަކަށް ވިދާޅުވެދާނެ ލިބަރަޕް ޕާޓީއޭ. އިއްޒަތްތެރި މެމްބަރު ހަސަން ލަތީފް އެބޭފުޅާއަކީވެސް އެންމެ ފުރަތަމަ ލިބަރަލް ޕާޓީގެ ބޭފުޅެއް. އެޕާޓީގައި ހުއްޓާ ގެނެސް އަޅުގަނޑުމެން އޭނާ އިންތިޚާބު ކުރީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް.

– ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ފައްޔާޒުގެ ކެމްޕެއިންގައި ބައިވެރިވުމުން މަޖިލިސް ތެރެއިންނާއި، އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ފަރާތުން ކުރިމަތިވާ މަލާމާތާއި ފުރައްސާރައަށްވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަ ދައްކަވާއިރު، ޕީޖީ އޮފީހުން ވަކި ގޮތަކަށް މައްސަލައެއް ނިންމެވުމުން، އެކަމެއް މަޖިލިސްގެ ކޮމެޓީތަކަށް ގެނެސް، މިއަދު ނިކުމެގެން އުޅޭ ކެނޑިޑޭޓު އިސްވެ ހުންނަވައި އެމައްސަލަ އެހެން ގޮތަކަށް ބަލަންޖެހޭކަމަށް ވިދާޅުވެ މައްސަލަތަކަށް ނުފޫޒު ފޯރުވާތަން ފެނިފައިވާކަމަށެވެ.

އަޅުގަނޑުމެން ދެނަހުރީމު ޕީޖީން ވަކި މައްސަލައެއް ނުބެލޭނެކަމަށް ނިންމެވީމާ، މިތަނުން އެބޭފުޅާ ގެންވައި ބައްލަވަން ޖެހޭނެއޭ އެންގެވި ބޭފުޅުން. އަދި ކޮބާ ބައެއް ބޭފުޅުންގެ މައްސަލަ ފޮނުއްވީމާ އެމައްސަލަ ބެލިގެން ނުވާނެއޭ ބުނި ބޭފުޅުންވެސް އެބަތިއްބެވި. މިބޭފުޅުން އިންސާފޭ ވިދާޅުވެ ވާހަކަ ދައްކަވަމުން، ކެނޑިޑޭޓަކު އަމިއްލަ ފުޅަށް ތިމަންނަ ކެނޑިޑޭޓަކަށް އިންނަވައިގެން މިތަނުގައި ނާއިންސާފުގެ ވާހަކަ ދެއްކެވީމާ އަދި ވަކިން ހުތުރު.

– ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ހުށަހެޅުނު ކުއްލި މައްސަލާގައި ރައީސް ނަޝީދަށް ތާއީދުކުރާ އިންތި ޗެއާޕާސަންގެ މަޤާމަށް ގެނައުމަށް މަސައްކަތް ކުރާ މަޖިލިސް މެމްބަރުންވަނީ ސަރުކާރަށާއި، ހުދު ރައީސް ޞާލިހަށްވެސް އެކި ތުހުމަތު ކޮށްފައެވެ. ރައްދުގައި ރައީސް ޞާލިހަށް ތާއީދުކުރާ ފައްޔާޒު ޗެއާޕާސަންގެ މަޤާމަށް ގެނައުމަށް މަސައްކަތް ކުރާ މެމްބަރުންވެސް ދިޔައީ ހޫނު ރައްދުތަކެއް ދެއްވަމުންނެވެ. މިއަދުގެ ޖަލްސާގައި މަޖިލިސް ތެރެއިން ފެނިގެން ދިޔައީ އެމްޑީޕީގެ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ވާދަވެރިކަމުގެ ހޫނު ބަހުސްއެއް ކުރެވިގެން ދިޔަ ތަނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ