އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، މީހުން ވަޒީފާތަކުން ވަކިކޮށް، ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ އެތެރޭގެ އިންތިޚާބަކާ ގުޅުވައިގެން ސިޔާސީ މަޤާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު، ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަން ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދެއްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވީ މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިންކަމަށެވެ.
އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މިސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ. އަދި، އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންތައްތަކެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައެވެ.
އަދި، އެ މީހަކު ބޭނުންވާ ފަރާތަކަށް ތާޢީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ޙައްޤަކަށް ވީ ހިނދު، އެ ޙައްޤަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިމައްސަލާގައި މިއަދު މަޖިލީހަށްވެސް ވަނީ ކުއްލި މައްސަލައެއް ހުށަހެޅި، ބަހުސް ކުރެވިފައެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެވެ. މިމައްސަލަ ހުށަހެޅީ ރ. ދުވާފަރުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ އާމިރު އަހުމަދު ހުންނެވި ސިޔާސީ މަގާމަކުން ވަކި ކުރައްވައިގެނެވެ. ސަރުކާރުގެ މަގާމުތަކުގައި އަދިވެސް ނަޝީދުގެ ފެކްޝަންގެ ބައެއް ބޭފުޅުން އެބަ ތިއްބެވިއެވެ.
ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ބާރުތަކަކީ 117 ވަނަ މާއްދާއާއި 120 ވަނަ މާއްދާގެ ދަށުން، ތަފާތު ނުކުރުމުގެ ހަމަތަކުގެ މަތިން ބޭނުން ކުރައްވަން ޖެހޭނެ ބާރުތަކެއް ކަމަށެވެ.
ވެރިކަން ކުރާ ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ މަގާމުތަކާއި އާންމު ވަޒީފާތަކުގައި ވެސް ތިބި ވަޔަކު ވަޒީފާއިން ވަކި ކުރުމާއި، ވަކި ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމަކީ މި ހަމަހަމަކަން އޮތް ކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ