ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމެޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެއްޖެއެވެ. މިކަން އޭޑީކޭއިން ވަނީ ކަށަވަރުކޮށްދީފައެވެ. އޭޑީކޭއިން ބުނީ އީމާން ނިޔާވީ މިއަދު ހެނދުނު 7:45 ހާއިރުކަމަށެވެ.
އީމާން ނިޔާވެއްޖެ ކަމަށް ބުނެ އިއްޔެ ޚަބަރު ފެތުރުނެވެ. އަދި މީޑިއާތަކުން އެ ޚަބަރު ގެނެސްދީފައިވަނީ އާއިލާއާ ހަވާލާދީ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބިނާކޮށެވެ. އެހެންނަމަވެސް އީމާން ނިޔާވި ކަމަށް އަދި ނިންމާފައި ނުވާ ކަމަށް ރޭ އޭޑީކޭއިން ބުނެފައިވެއެވެ.
ނަމަވެސް ވެންޓިޅޭޓަރުގައި ފަރުވާދެމުން އައި އީމާން ހޭނާރާ އޮތުމަށްފަހު މިއަދު ހެނދުނު ނިޔާވިކަން އޭޑީކޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޢުމުރުން 29 އަހަރުގެ އީމާން އެކްސިޑެންޓްވީ ހުޅުމާލެ ކުރެދިމާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ވެއްޓިގެންނެވެ. އެކްސިޑެންޓް ހިނގީ އާދީއްތަ ދުވަހުގެ ހަވީރު 4:25 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އީމާންގެ ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ.
މި އެކްސިޑެންޓުގައި އީމާންގެ ބޮލަށް ހާނީއްކަވެ، ވަރަށްގިނައިން ލޭ ފައިބާފައި ހުރި މަންޒަރުވެސް އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ. އޭނާއަށް އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު ސީރިއަސް ވެގެން ފަހުން ވަނީ އޭޑީކޭއަށް ބަދަލު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ