ރަޝިއާ ސްވިފްޓުން ބޭރު ކޮށްލުން! ރަޝިއާއާއި ދެކޮޅަށް ބޭނުން ކުރާ އިގްތިސާދީ ނިއުކުލިއަރ ބޮން!

ރަޝިއާ ސްވިފްޓުން ބޭރު ކޮށްލުން! ރަޝިއާއާއި ދެކޮޅަށް ބޭނުން ކުރާ އިގްތިސާދީ ނިއުކުލިއަރ ބޮން!

ގުޅުންހުރި

މުޅި ދުނިޔެއާއި ދެކޮޅަށް، ރަޝިއާއިން ޔޫކުރެއިންއަށް އެރުން ވެގެން ދިޔައީ، ދުނިޔޭގެ މުއްސަނދި ހުރިހާ އިގްތިސާދަކުންވެސް ރަޝިއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރު ކުރުވި، ހުރިހާ ގޮތަކުންވެސް ދުނިޔެ ކުރިމަތި ލާންޖެހުނު ބޮޑު ކާރިސާއަކަށެވެ.

މިގޮތުން، އެންމެ ފުރަތަމަ ރަޝިއާއިން އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަތުމާއެކު ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއި ދެކޮޅަށް އަޅަންފެޅި އިގްތިސާީގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް ވަރުގަދަވެ، ފުޅާވަމުން އައިސް، މުޅި ރަޝިއާގެ ފައިނޭންޝަލް ސިސްޓަމް ދުނިޔޭގެ ފައިނޭންޝަން ސިސްޓަމާއި ވަކިކޮށް، އެއްވެސް ބާވަތެއްގެ ފައިސާގެ މުޢާމަމާތެއް ރަޝިއާގެ ކުންފުނިތަކާއި ރަޝިއާގެ ބޭންކުތަކުން ކުރުން ހުއްޓުވުމަކަށް ގަނައުމާ ހަމައަށް މިފިޔަވަޅުތައް މިހާރުވަނީ ފެތުރި ވަރުގަދަވެގެން ގޮސްފައެވެ.

އެއީ ދުނިޔޭގެ އެއްގައުމުން އަނެއް ގައުމަށް ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުން ކުރަމުން އަންނަ ސުވިފްޓް ނެޓަވާރކުން ރަޝިއާ އެކީ ބާކީ ކުރުމުގެ ބޮޑު ނިންމުމެވެ.

ރަޝިއާއިން ޔޫކުރެއިންގެ ވެރިރަށް އެގައުމުގެ ވަރުގަދަ އަސްކަރިއްޔާގެ ބާރުގެދަށް ގެނައުމަށް ހަގުރާމަ ކުރަމުން ދާއިރު، ދުނިޔޭގެ މުއްސަދި ގައުމުތަކުންނާއި އަދި ޔޫރަޕިއަން ޔުނިއަންއިން މިހާރުވަނި މިފިޔަވަޅު ރަޝިއާއި ދެކޮޅަށް އެޅުމަށް ނިންމާފައެވެ. މިއީ އިގުތިސާދީ ގޮތުން ރަޝިއާ ކުރިމަތި ލާންޖެހޭ ކިހާވަރެއްގެ ބޮޑު ގޮންޖެހުމެއް ހެއްޔެވެ. އަދި މިއީ މުޅި ދުނިޔޭގެ އިގްތިސާދަށް ތަހައްމަލް ކުރަންޖެހޭ ކިހާރަވަރެއްގެ ބޮޑު ނިންމުމެއް ހެއްޔެވެ؟

ސޮސައިޓީ ފޯރ ވާރލްޑްވައިޑް އިންޓަރބޭންކު ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (SWIFT) ނެޓްވާރކުން ރަޝިއާ ބޭރުކުރުމަކީ، ރަޝިއާއިން ދުނިޔޭގެ ގިނަ ގައުމުތަކާއެކީ ވިޔަފާރީގެގުޅުން ދެމެހެއްޓުން ހުއްޓުމަކަށް އައިސް، ރަޝިއާގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާނޭ ވަރުގެ، އެގައުމަށް ދެވޭ ވަރުގަދަ އަދަބަކަށް ވެގެން ދާނެއެވެ.

ރަޝިއާ ސުވިފްޓް ނެޓްވާރކުން ބޭރު ކުރުމަށް ޔޫރަޕްގައިވަނީ ގިނަބަޔަު ޑިމާންޑު ކޮށްފައި

 

ސުވިފްޓަކީ ކޮބާ؟ ސުވިފްޓުގެ ބޭނުން ކޮށްގެން ކުރަނީ ކޮންކަމެއް؟

ސުވިފްޓްއަކީ ފައިސާ ޓްރާންސްފަރ ކުރުމަށާއި އަދި އެނޫން މުޢާމަލާތްތައް ކުރުމަށްޓަކާ، ރައްކާތެރިކަމާއިއެކީ މެސެޖުތައް ފޮނުވުމަށް ދުނިޔޭގެ ބޭންކުތަކުން ބޭނުންކުރާ ނެޓްވާރކެކެވެ.

މިގޮތުން މުޅި ދުނިޔޭގައި 11،000 މާލީ މުވައްސަސާތަކުން ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުގައި ސުވިފްޓުގެ ބޭނުން ކުރަމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން ސުވިފްޓް ވެގެން ގޮސްފައިވަނީ އިންޓަރނޭޝަނަލް ފައިނޭންޝަލް ޓްރާންސްފަރ ސިސްޓަމްގެ މައި ބަދަ ކަމުގައެވެ.

 

ސުވިފްޓުގެ ވެރިފަރާތަކީ ކޮބާ؟

ސުވިފްޓަކީ ބެލްޖިއަމްގެ ގާނޫނީ އޮނިގަޑުގެ ތެރޭގައި، އެގައުމުގެ ގާނޫނުގެ ދަށުން ގާއިމް ކޮށްފައިވާ ކޯރޕަރޭޓިވް ކޮމްޕެނީއެކެވެ. ސުވިފްޓުގެ ވެބްސައިޓުގައި ވާގޮތުން، "ކުންފުނީގެ ވެރިފަރާތަކީވެސް އަދި ކޮންޓްރޯލް ކުރަނީވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަމްސީލުކުރަމުން އަންނަ މި ކުންފުނީގެ ހިއްސާދާރުން (ފައިނޭންޝަލް އިންސްޓިޓިއުޝަންތައް) ކަމުގައިވާ 3،500 ފާރމަކުން" ނެވެ.

އަދި މި ސިސްޓަމް ހިނގާގޮތް ބަލަހައްޓަނީ G10 ސެންޓްރަލް ބޭންކުންނާއި، ޔޫރަޕިއަން ސެންޓްރަލް ބޭންކުންނެވެ. އެހެންނަމަވެސް، މި ނެޓްވާކަށް ޒިންމާވުމުގެ އެންމެ އިސް ފަރާތަކީ ނޭޝަނަލް ބޭންކު އޮފް ބެލްޖިއަމްއެވެ.

 

ސުވިފްޓާއި ރަޝިއާއާއި އޮތީ ކޮން ގުޅުމެއް؟

ރަޝިއަން ނޭޝަނަލް ސުވިފްޓް އެސޯސިޢޭޝަންއިން ހާމަ ކޮށްފައިވާ ގޮތުން އެމެރިކާ ފިޔަވާ، އެެންމެ ގިނައަދަތަކަށް ސުވިފްޓުގެ ބޭނުން ކުރަމުންދަނީ ރަޝިއާގެ ފައިނޭނަޝަލް މުވައްސަސާތަކުންނެވެ. މިގޮތުން ރަޝިއާގެ 300 އަށްވުރެ ގިނަ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން މި ނެޓްވާރކް މިއަދު ބޭނުން ކުރަމުން ދެއެވެ.

އަދި ރަޝިއާގެ މާލީ އިދާރާތަކުގެ ދެބައިކޮށްފަ އެއްބަޔަށްވުރެ ގިނަ މުވައްސަސާތަކަކީ ސުވިފްޓުގެ މެމްބަރުންނެވެ.

ހޮންގކޮންގގެ ނެޓިސިސްގެ ޗީފް އިކޮނޮމިސްޓު ފޯރ އޭޝިއާ ޕެސިފިކް އެލީސިއާ ގާރސިއާ ހެރޭރޯ ވިދާޅުވެފައިވާ ގޮތުގައި ރަޝިއާ ސުވިފްޓް ނެޓްވާރކުން ބޭރު ކުރެވިގެން ދިއުން ވެގެންދާނީ، އަރައިގަތުން އަދަގޫ، ބޮޑު ގޮންޖެހުމެއްގެ ތެރެއަށް އެގައުމު ވެއްޓިގެންދާ ދިއުމަކަށެވެ.

"އެއީ ވަރަށް ބޮޑު ކަމެއް. ސަބަބަކީ ދަރަންޏާއި ބޮންޑާއި އަދި ވިޔަފާރީގެ ހުރިހާ މުޢާމަލާތެއް ކުރުން ހުއްޓުމަކަށް އަންނާނެ. އެއީ ރަޝިއާއިން ޔޫރަޕަށް ގޭސް އެތެރެކުރުން ހުއްޓުމަކަށް އައުމަށްވުރެވެސް ބޮޑު ނިންމުމެއް،" އޭނާ އަލްޖަޒީރާ ނިއުސް ނެޓްވާރކާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ރަޝިއާ ސުވިފްޓުން ބޭރުވެގެން ދިއުމަކީ މުޅި ދުނިޔޭގެ ފައިނޭންޝަލް ސިސްޓަމާއި އެގައުމު ގުޅުން ކެނޑިގެން ދިއުން

 

ރަޝިއާއިން ބުނެފައިވަނީ ކީކޭ؟

ރަޝިއާގެ ފެޑެރޭޝަން ކައުންސިލްގެ ނާއިބު ރައީސް ނިކޮލޭ ޒުހުރާވްލޭވް ވަނީ އެގައުމު ސުވިފްޓް ނެޓްވާރކުން ބޭރު ކުރެވިގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ފާއިތުވެދިޔަ ޖެނުއަރީމަހު ވިދާޅުވެފައެވެ.

"ސުވިފްޓްއަކީ ސެޓުލްމަންޓް ސިސްޓަމްއެއް. ނަތީޖާއެއްގެ ގޮތުން އަހަރެމެން ސުވިފްޓުން ބޭރު ކުރެވިއްޖެނަމަ، އަހަރެމެންނަށް ބޭރު ފައިސާއެއް ނުލިބޭނެ. ހަމަ އެއާއެކު، ގަންނަ ފަރާތްތަކަށްވެސް، މާނައަކީ ހަމަ އެއާއެކު ޔޫރަޕްގެ ގައުމުތަކަށް އަހަރެމެންގެ ފަރާތުން އެއްވެސް މުދަލެއް، އެއްވެސް އެއްޗެއް ލިބުން ހުއްޓުމަކަށް އަންނާނެ. އޭގެ ތެރޭގައި ގޭހާއި، މައުދަނާއި އެމީހުން އިންޕޯޓު ކުރަމުންދާ އެހެން ތަކެއްޗާއި ތަކެތީގެ ބާވަތްތައްވެސް ހިމެނޭ. އެއީ އެމީހުން ބޭނުންވާ ގޮތްތަ؟ އެއަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނޭގޭ،" ޒުހުރާވްލޭވް ވިދާޅުވިކަމަށް ރަޝިއާ ސަރުކާރުގެ ޓާސް ރަޝިއަން އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.

ޒުހުރާވްލޭވް ވިދާޅުވެފައިވާ ގޮތުގައި، ސުވިފްޓަކީ ފައިސާ ޓްރާންސްފަރ ކުރުމަށް އޮތް އެންމެ ފަސޭހަ ވަސީލަތަށް ވެގެން ދާއިރު، މިއީ ފައިސާ ޓްރާންސްފަރ ކުރުމަށް އޮތް ހަމައެކަނި ވަސީލަތެއް ނޫންނެވެ. އެހެންނަމަވެސް، މުޅި ދުނިޔެ ބަލައިގެންފައިވާ، ފައިސާ ޓްރާންސްފަރ ކުރެވެނޭ މިނޫން ސިސްޓަމެއް މިވަގުތު ދުނިޔޭގައި ނެތެވެ. އަދި ރަޝިއާ ސުވިފްޓުން ބޭރުކޮށްލުމަށްޓަކާ ސުވިފްޓުގެ ހުރިހާ މެމްބަރުންގެ އާބަސް ލިބުމަކީވެސް ލާޒިމް ކަމަކަށް ވެގެން ދާނެއެވެ.

"ސުވިފްޓަކީ ޔޫރަޕްގެ ކުންފުންޏެއް، ދުނިޔޭގެ އެތައް ގައުމެއް ބައިވެރިވާ އެސޯސިއޭޝަންއެއް،" ޒުހުރާވްލޭވް ވިދާޅުވެފައި ވެއެވެ.

ރަޝިއާ ސުވިފްޓުން ބޭރު ކޮށްލުމުގެ ނިންމުމަކާ ހަމައަށް ދިއުމަށްޓަކާ ހުރިހާ ގައުމަކުން ނިންމަންޖެހޭ ގުޅިފައިވާ ނިންމުމަކާ ހަމައަށް ދާން ޖެހޭނެ… އަހަރެންނަށް ޔަގީނެއް ނޫން ބައެއް ގައުމުތައް، ޚާއްސަކޮށް ރަޝިއާއި ވިޔަފާރީގެ ގުޅުންތައް ފުދޭވަރަަކަށް ކުރަމުންދާ ގައުމުތައް، މުޢާމަލާތައް އެކީ ހުއްޓުމަކަށް ގެންނަން ތާއީދު ކޮށްފާނެ ކަމަށް.

ރަޝިއާގެ ފެޑެރޭޝަން ކައުންސިލްގެ ނާއިބު ރައީސް ނިކޮލޭ ޒުހުރާވްލޭވް ވިދާޅުވެފައި ވެއެވެ.

އިރުމަތީ ޔޫކުރެއިންއަކީ މިނިވަން ދައުލަތެއް ކަމުގައި ކަނޑައަޅާ ގަރާރުގައި ޕުޓިން ސޮއި ކުރައްވަނީ

 

ރަޝިއާ ސުވިފްޓުން ސަސްޕެންޑް ކޮށްލެވުމަކީ ކިހާވަރެއްގެ ނުރައްކަލެއް؟

ޓެކްނިކަލް ގޮތުން (ފަންނީ ވިސްނުމުން ވިސްނާނަމަ) ދަންނަވާނަމަ، "އެގޭ ފައިދާއާއި ގެއްލުންވެސް" ހުރިކަމަށް، ބެލްޖިއަމްގެ ބްރަސަލްސްގައި ގާއިމްވެފައިވާ ބުރޫޖެލް ތިންކު ޓޭންކުގެ ޑިރެކްޓަރ ގަންޓްރަމް ވޯލްފް އޭއެފްޕީ ނިއުސް އޭޖެންސިއާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

އެންމެ އަސާސީ މިންގަޑުން ވިސްނާއިރު، ރަޝިއާއާއި ސުވިފްޓާއި އޮތް ގުޅުން އެކީ ހުއްޓުމަކަށް ގެނެވިއްޖެ ނަމަ، އޭގެ މާނައަކީ ރަޝިއާގެ ބޭންކުތަކަށް، ގައުމުން ބޭރުގެ ފައިނޭންޝަން އިންސްޓިޓިއުޝަންތަކުން ފައިސާ އެގައުމަށް ޓްރާންސްފަރ ކުރުމަށް ސުވިފްޓުގެ ބޭނުން ނުކުރެވޭނެއެވެ.

ހުޅަނގުގެ ގައުމުތަކުން، 2014ވަނަ އަހަރުވެސް ރަޝިއާއިން ޔޫކުރެއިންގެ ކްރައިމިއާއަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެންވެސް، ރަޝިއާ ސުވިފްޓުން ބޭރުކުރުމުގެ ބިރު އެގައުމަށް ދައްކާފައި ވެއެވެ.

އެހެންނަަމަވެސް ފާހަގަ ކޮށްލަންޖެހެނީ، ރަޝިއާވަރުގެ ބޮޑު ގައުމެއްގެ ބޮޑު އިގްތިސާދެއް، އަދި ޚާއްސަކޮށް ރަޝިއާފަދައިން ގޭހާއި ތެޔޮ ގިނަ އަދަދަކަށް ބޭރު ކުރަމުންދާ އިގްތިސާދެއް ސުވިފްޓުން ބޭރުކޮށްލުމުގައި ހީވެސް ނުކުރާވަރުގެ ބޮޑެތި ގޮންޖެހުންތައް އެހެން ގައުމުތަކަށްވެސް ހުރިކަމެވެ.

ޔޫރަޕްގެ ގައުމެއް ކަމުގައިވާ، ނެދަރލޭންޑުގެ ބޮޑުވަޒީރު މާރކު ރުއްޓޭ ފާއިތުވެދިޔަ ހަފްތާގައިވަނީ، ރަޝިއާ ސުވިފްޓުން ބޭރު ކުރުމަކީ ޔޫރަޕް ބައްރުގެ ގައުމުތަކަށްވެސް "ނާޒުކު" މައްސަލައެއްކަމަށް ގަބޫކު ކުރައްވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން އެގައުމުތަކަށް ކުރާނޭ "ބޮޑެތި އަސަރުތައް" އެބަހުއްޓެވެ.

"އަމަލީ ގޮތުން ބުނާނަމަ، މިކަން ވެގެންދާނީ ވަރަށްވެސް ބޮޑު ބޮލުގެ ރިހުމަކަށް،" ރަޝިއާއި އެކީ ގިނަ އަދަދެއްގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގަމުންދާ ޔޫރަޕްގެ ގައުމަތަކަށް މިކަމުގެ "ބޮލުގެ ރިހުން" ވަކީން ޚާއްސަކޮށް ބޮޑުވެގެން ދާނޭކަން ހަމާ ކުރައްވަމުން ބެލްޖިއަމްގެ ބްރަސަލްގައި ގާއިމްވެފައިވާ ބުރޫޖެލް ތިންކު ޓޭންކުގެ ޑިރެކްޓަރ ގަންޓްރަމް ވޯލްފް ވިދާޅުވެފައި ވެއެވެ.

ޔޫރަޕަށް ބޭނުންވާ ގުދުރަތީ ގޭހުގެ %41 މިވަގުތު ސަޕްލައި ކޮށްދެމުން ދަނީ ރަޝިއާއިންނެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވިން ޑަރ ލެޔެނެ: އީޔޫންއިންވަނީ ރަޝިއާ ސުވިފްޓުން ބޭރުކުރާނެ ކަމުގެ އިންޒާރު އެތައް ފަހަރެއްގެ މަތިން ދީފަ

ހޮންގކޮންގގެ ނެޓިސިސްގެ ޗީފް އިކޮނޮމިސްޓު ފޯރ އޭޝިއާ ޕެސިފިކް އެލީސިއާ ގާރސިއާ ހެރޭރޯ ވިދާޅުވެފައިވާ ގޮތުގައި، ރަޝިއާ ސުވިފްޓުން ބޭރު ކޮށްލުމަކީ "އަގުބޮޑު" ނިންމުމެއް ކަމުގައެވެ. މާނައަކީ، "ބޮނޑު ގަންނަ ފަރާތްތަކަށާއި، ޔޫރަޕްގެ ބޭންކުތަކަށާއި، އަދި ތެލާއި ގޭހާއި ހަކަތައިގެ ބާވަތްތައް އިންޕޯޓު ކުރާ ފަރާތަތަކަށް" އަދާ ކުރަންޖެހޭ އަގު ވަރަށްވެސް ބޮޑުވެގެން ދާނެއެވެ.

އަދި މިފަދަ ނިންމުމެއް ނަތިޖާއެއްގެ ގޮތުން، މިފަދަ ދެވަނަ ޓްރާންސްފަ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް، ޗައިނާ އަދި އެހެން ގައުމުތަކާ އެކީ ނަމަވެސް ފެށުމަށް ރަޝިއާއަށް މަޖުބޫރުވެގެންވެސް ދާނެއެވެ. މާނައަކީ، މިފަދަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ފައިނޭންޝަލް ސިސްޓަމްގެ މައްޗަށް އޮންނަމުންދާ އެމެރިކާގެ ނުފޫޒަށް މުސްތަގުބަލުގައި އަސަރު ކުރުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެއެވެ.

އެހެންނަމަވެސް، ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، ރަޝިއާ ސްވިފްޓު ނެޓްވާރކުން ބޭރު ކޮށްލެވިގެން ދިއުމަކީ، މިވަގުތު އެގައުމުގެ އިގްތިސާދަށް ތަހައްމަލް ކުރަންޖެހޭނޭ، ވަަރަށްވެސް ވޭންދެނިވި، އަގު ބޮޑު ގޮންޖެހުމަކަށް ވެގެން ދާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ހުލަނގުގެ ގައުމުތަކުން އުއްމީދު ކުރަމުންދާ ނަތީޖާ، ޔޫކުރެއިންއާއި ދެކޮޅަށް ރަޝިއާގެ ރައީސް ޕުޓިން ހިންގަމުންދާ އުދުވާން ހުއްޓުމަކަށް ގެނެވޭނެތޯ، މިއީ އަދި މި ނަތީޖާއަށް އިންތިޒާރު ކުރަން ޖެހިފައި އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ