ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރައްވުމަށް ވަނީ މިއަދު ހެނދުނު 06:50 ގައެވެ. ގާނޫނުއަސާސީގައިވާ ގޮތުން އެމަނިކުފާނު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ހުވާއެވެ. އެމަނިކުފާނަށް ހުވާ ކުރެއްވުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އެހެންނަމަވެސް މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ މީޑިއާއަށް ދައުވަތު ދިނުމަކާ ނުލައެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނައިބުރައީސް ފައިސަލް ނަސީމާ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި މަސްއޫލިއްޔަތު ޙަވާލުކުރެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްވެސް އަންގަވާފައިވާނެކަމަށެވެ. އެމަނިކުފާނު ތައިރޮއިޑް އޮޕަރޭޝަން ކުރައްވަން ހަމަޖެހިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެވަޑައިގެންފިނަމަ، އެކަން ލިޔުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރައްވަން ންވާނެކަމަށް ޤާނޫނު އަސާސީގެ 123ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ބުދަ ދުވަހުއެވެ. ފުރާވަޑައިގަތުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ސިންގަޕޫރަށް ވަޑައިގަންނަވަނީ ތައިރޮއިޑްގެ ފަރުވާއަށްކަމަށެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. މިމަހުގެ 10ވަނަ ދުވަހުވެސް ރައީސްގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ