ވައްޑެ އަނދުން ހުސައިންއަށް: ސަރުކާރުގެ ވައުދުތައް ފުއްދޭނީ ޗެއަރޕާސަން ކަން ލިބުނީމަ ތޯ؟

ވައްޑެ އަނދުން ހުސައިންއަށް: ސަރުކާރުގެ ވައުދުތައް ފުއްދޭނީ ޗެއަރޕާސަން ކަން ލިބުނީމަ ތޯ؟

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2022 02:03
0

ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ހޯދައިދީ، ވިޔަފާރި ލޯނާއި ރައްޔިތުން ބޭނިނުންވާ ތަރައްގީ ހޯދައިދެވޭނީ ޕާޓީގެ ޗެއަރޕާސަންކަން ލިބިގެންތޯ ސުވާލު އުފައްދަވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު، ރައްޔިތުނަގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ( އަނދުން ހުސައިން) އަށް ރައްދުދެއްވައިފިއެވެ.

އަނދުން ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މަސައްކަތް ކުރައްވާނީ ރައްޔިތުން ހޮވި ސަރުކާރާ އެކު ކަމަށާއި އަދި އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ތާޢީދު ކުރައްވާނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ކަމަށެވެ.

ފައްޔާޒަށް ތާޢީދު ކުރައްވަން ނިންމެވީ، ދާއިރާގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ހޯދައި ދިނުމާއި ވިޔަފާރި ލޯނާއި ރައްޔިތުން ބޭނިނުންވާ ތަރައްގީ ހޯދައި ދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރުމަށް ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

މިކަމަށް ރައްދުދެއްވާ ވައްޑެ ކުރެއްވި ޓްވީޓެއްގައި ވަނީ، ގޯއްޗާއި ފްލެޓާއި ވިޔަފާރި ލޯނާއި ތަރައްގީ ލިބޭނީ އެމްޑީޕީގެ ޗެއަރޕާސަން ކަން ލިބިގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި ވަޒީރުކަމުގައި ހުންނަވައިގެން އެކަންކަން ކޮށްދޭން ބާރު ނޯންނަނީތޯ ވައްޑެވަނީ ސުވާލު އުފައްދަވާފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބާ ދިމާކޮށް ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.

ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރެވެ. ފައްޔާޒުއާއި ވާދަ ކުރާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަކީ ފެށުނީއްސުރެ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އެންމެ އަރިސް އެ މެމްބަރެވެ.

އެހެންކަމަށް ވުމުން ޗެއަރޕާސަންގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ ތާޢީދު އޮތް މިންވަރު ވަޒަންކޮށްލެވޭނެ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.