ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ ވާހަތަކުން ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް އޮތްތަން ފެންނަ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުތަކުގެ ތެރެއިން، ރާއްޖެއަށް އެތެރެކުރާ ބިސްފަދަ ތަކެތީގެ ކޮންމެ ތިން ބިހަކުން ދެބިހަކީ އިންޑިއާއިން އެތެރެކުރާ ބިސްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ ވިދާޅުވެފައެވެ. މާރިޔާ މިވާހަ ދައްކަވާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން އޮތް ނުރައްކާ ދެނެގަތުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތުގައި 241 ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.
މާރިޔާގެ ވާހަތަކާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ، ތިން ބިހުން 2 ބިހަށް ރާއްޖޭގެ އިޤްތިޞާދު ކޮމްޕްރޮމައިޒް ކުރަން ވަކާލާތު ކުރާނީ ޤައުމަށް އެއްވެސް ލޯތްބެތް ނެތުމުންކަމަށެވެ. މިފަހަދަ ވާހަކަތަކާއި، ކަންކަމަކީ ހަނު ތިބެވެން ހައްލުވާނެ ކަމެއް ނޫންކަމަށާއި، މިކަމާއި ދެކޮޅަށް ވަކާލާތު ކޮށް އަޑު އުފުލަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ. މިނިސްޓަރ މާރިޔާގެ ވާހަތަކުން، އިންޑިއާގެ ނުފޫޒު އޮތް މިންވަރު ހާމަވާކަމަށް ޒައިދު ވިދާޅުވިއެވެ.
ތިން ބިހުން ދެ ބިހަށް ރާއްޖޭގެ އިޤްތިޞާދު ކޮމްޕްރޮމައިޒް ކުރަން ވަކާލާތު ކުރަނީ، ޤައުމަށް އެއްވެސް ލޯތްބެއް ނެތީމާ! މަޤާމަށް ކުފޫވެސް ހަމަ ނުވާތީ! މިހުންނަނީ ބޮޑެތި ކަންކަން! ޗުއްޕުކިޔައިގެން ހަނު ނުކުރެވޭނެ ކަންކަން! އަދި ހުރެގެންވެސް ނުވާނެކަންކަން! ވަރަށް ބޮޑު ނުފޫޒެއް އޮތްތަން ފެނޭ!
– ޒައިދު ވިދާޅުވިއެވެ.
މަޖިލީހުގައި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަކީ ހަމައެކަނި އަސްކަރިއްޔާގެ ތެރެއިން އޮތް ގުޅުމެއް ނޫންކަމަށެވެ. ދިވެހިންގެ އެެންމެ އަސާސީ ކަންކަމުގައިވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހެނީ އިންޑިއާއަށް ކަމަށްވާއިރު، މިހާރު ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގެއްލުންވާނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
ތިބޭފުޅުންނަށްވެސް އެގިވަޑައި ގަންނަވާނެ ރާއްޖެ އެތެރެކުރާ ކޮންމެ ތިން ބިހުން ދެބިސް އެއީ އިންޑިއާއިން އެތެރެކުރާ ބިސް. 90 ޕަސެނޓް ހަނޑޫ ގާތްގަނޑަކަށް އެއީ އިންޑިއާއިން އެތެރެކުރާ ހަނޑޫ. 88 ޕަސެންޓު ނުވަތަ 90 ޕަސެންޓާއި ހަމައަށް ފިޔާވެސް މިގެންނަނީ އިންޑިއާއިން.
– މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރާއްޖެއިން ހަމައެކަނި ވިސްނަންވީ ސެކިއުރިޓީއަށް އެކަނި ނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުން ކޯވިޑްގެ ދަތި ދުވަސްތަކުގައިވެސް ބޭސްފަރުވާއަށް އެހީ ހޯދީ އިންޑިއާއިންކަމަށް މާރިޔާ ވިދާޅުވިއެވެ. ކޯވިޑްގެ ލޮކްޑައުންގައިވެސް އިންޑިއާއިން ރާއްޖެއަށް 15،000 މީހުންނަށް ވިސާ ހަމަޖައްސައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސިކަމަށެވެ. އަދި އެކި ބަލިތަކުގައި ދިވެހި އެތައް އާއިލާއެއް އިންޑިއާއިން ފަރުވާ ހޯދާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ