އޭރުގެ ބާޣީން މިއަދު ދުވަމުންދަނީ، މާރިޔާ ފަހަތުން ބިސްގޯނި ހިފައިގެން: މޫސަ

އޭރުގެ ބާޣީން މިއަދު ދުވަމުންދަނީ، މާރިޔާ ފަހަތުން ބިސްގޯނި ހިފައިގެން: މޫސަ

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2022 08:44
0

ރައީސް ނަޝީދު ވެރިކަން ބަޣާވާތަކުން ވައްޓާލިއިރު އެކަމުގައި އެންމެ ސާބިތުކަން ދެއްކެވި މާރިޔާ ދީދީ ފަހަތުން އެކަމުގައި އިސްކޮށް އުޅުނު މީހުން މިއަދު ދުވަމުންދަނީ ބިސް ގޯނި ހިފައިގެން ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ކޮންމެ 3 ބިހަކުން 2 ބިހަކީ އިންޑިއާއިން އެތެރެކުރާ ބިސްކަމަށް ވިދާޅުވެ މާރިޔާ ދެއްކެވި ވާހަކަތަކަށް އިދިކޮޅު ފަރާތްތަކުންނާއި، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މާރިޔާގެ ވާހަތައް ދިފާއުކޮށް މޫސަ ވިދާޅުވީ، މާރިޔާއަކީ ދިވެހި އަންހެން ކަނބަލުންނަށް ނަމޫނާ ދެއްކެވި ސާބިތު ސިޔާސީ ލީޑަރެއްކަމަށެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާއި، 8 ވަނަ ދުވަހު ހިނގައިދިޔަ ކަންކަމުގައި އެންމެ ސާބިތުކަމާއިއެކު ނިކުމެ ހުންނެވި ބޭފުޅަކީ މާރިޔާކަމަށް މޫސަ ވިދާޅުވިއެވެ. މިއަދު އެކަމަނާ ހުންނެވީ ސިފައިންގޭގެ ވެރިޔަކަށް ކަމަށްވާއިރު، އެދުވަހުވެސް މާރިޔާ ފަހަތުން ދުވި މީހުން މިއަދު ފެންނަކީ ބިސްގޯނި ހިފައިގެން ދުވާ މަންޒަރުކަމަށް މޫސަ ވިދާޅުވިއެވެ.

ޤައުމީ ކަންކަމުގާ އަންހެން ކަނބަލުންނަށް ސިޔާސީ ދާއިރާގައިވެސް ކުރިޔަށްދެވޭނެކަން މާރިޔާ ދީދީ ސާބިތު ކޮށްދެއްވާފިއެވެ. 7-8 ފެބްރުއަރީގައި ބާޣީން ތަޅާ އަނިޔާކުރި މާރިޔާ މިއަދުއެހުރީ ސިފައިންގެ ވަޒީރަށެވެ. އޭރުގެ ބާޣީން މިއަދުވެސް މާރިޔާފަހަތުން ބިސްގޯނި ހިފައިގެން ދުވަނީއެވެ.

– މޫސަ ވިދާޅުވިއެވެ.

ރާއްޖޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުތަކުގެ ތެރެއިން، ރާއްޖެއަށް އެތެރެކުރާ ބިސްފަދަ ތަކެތީގެ ކޮންމެ ތިން ބިހަކުން ދެބިހަކީ އިންޑިއާއިން އެތެރެކުރާ ބިސްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ މަޖިލީހުގެ ޓޫފޯވަން ކޮމެޓީގައި ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަކީ ހަމައެކަނި އަސްކަރިއްޔާގެ ތެރެއިން އޮތް ގުޅުމެއް ނޫންކަމަށެވެ. ދިވެހިންގެ އެެންމެ އަސާސީ ކަންކަމުގައިވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހެނީ އިންޑިއާއަށް ކަމަށްވާއިރު، މިހާރު ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގެއްލުންވާނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ މިއީ ޑިފެންސް މިނިސްޓަރަކު ދައްކަންޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ވަކި ޤައުމެއްގެ ދިފާއުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މިހާބޮޑަށް ނިކުންނެވުމަކީ، މިނިސްޓަރުގެ މަޤާމުގެ މަސްއޫލިއްޔަތާއިމެދު ސުވާލު އުފެދޭ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަތީބު
މޫސަ ތިވިދާޅުވަނީ މުޅި ދިވެހިރާއްޖޭގެ ތާރީޚުގަވެސް މިހާތަނައް މިގައުމައް އެންމެ ބޮޱުގެއްލުމެއް ދިން ބޮޱުހުޅުގެ ކަންކަމުގަ އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީ މާރިޔާކަމައް ދެއްތޯ.
ހ ހޭލާ
ނޭޝަނަލް ޝެކިއުރިޓީ އަކީ ހަމައެކަނި މިލިޓަރީ ޑިފެންސެއްނޫން. އެއި ރައްޔިތުންނަށް ބޭނުންވާ ކާނާއާއި ފެނާއި ކަރަންޓާއި ސިއްހަތާއި ތިމާވެއްޓާ މިހެންގޮސް އެންމެހާ އަސާސީ ކަންކަން ގުޅިފައިވާ ކަމެކެވެ. މިއިން ކޮންމެ ކަމަކަށް ބުރުލެއް އެރިއަސް އެންމެ ފުރަތަމަ އެލާރޓަށް އަންނާނީ ނޭޝަނަލް ސެކިއުރިޓީގެ އޮފިސަރުންނެވެ. ދުނިޔޭގެ އެހެންތަންތާގަވެސް ރާއްޖޭގަވެސް ކަންހިނގާފަވަނީވެސް މިގޮތަށެވެ. އަމުދުން ރާއްޖޭގަ މިކަން މާބޮޑަށްވެސް ފެންނާން އެބައޮތެވެ. ކުކުޅު ބިހަކީ އަހަރެމެންގެ ކެޔުމުގަ މިއަދު މުހިއްމު ބާވަތަކަށްވާއިރު އެއަށް ދަތިކަމެއް އައުމަކީ ރައްޔިތުންގެ އުދާސްތައް މަތިވެގެންދާނެ ކަމެކެވެ. އެކަން ހައްލުކުރުމުގަ ނޭޝަނަލް ސެކިއުރިޓީ އޮފިސަރުންގެ ދައުރު ބޮޑެވެ. އަކުރަށް ފިއްޔަށްވުރެ ފުންކޮށް ވިސްނުން ގެންގުޅެއްޖެހެއެވެ.