ވެރިކަން ކުރާ މައި ޕާޓީ، އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހޮވުމަކީ، އެމްޑީޕީގެ އެއްބައިވަންކަމަށް ލިބުނު ކުރިއެރުމެއް ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިޚާބު އަސްލަމް ކާމިޔާބު ކުރައްވާފައި ވަނީ ޕީޖީ ގުރޫޕުގެ 40 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިފައިވަނީ 25 ވޯޓެވެ. އާޒިމަކީ މިހާތަނަށް އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމު ފުރުއްވަމުންދިޔަ ބޭފުޅާއެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީ މިއަދު އޮތް ހާލަތާއި، އަދި ޕާޓީގެ އެތެރޭގައި ޚިޔާލު ތަފާތުވުން އިންތިހާއަށް ބޮޑުވަމުންދާ މިދަނޑިވަޅުގައި، އަސްލަމްފަދަ ތަޖުރިބާ ހުރި ބޭފުޅަކު ޕީޖީ ލީޑަރަކަށް އިންތިޚާބު ބުމަކީ، ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
ޚިޔާލު ތަފާތު ވުމުން، އެތެރޭގެ ހަމަނުޖެހުން ބޮޑުވަމުންދާ އެމްޑީޕީގެ ލީޑަރޝިޕަށް ތަޖުރިބާހުރި އަސްލަމް ފަދަ މުހިންމު ބޭފުޅަކު ހޮވުމަކީ، ޕާޓީގެ އެއްބައިވަންކަމަށް ލިބުނު ކުރިއެރުމެއް.
– މޫސަ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިޚާބުގެ ހުރިހާ މަަޤާމެއްހެން ކަހަލަ ގޮތަކަށް ނަގާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަފާތެރި ބޭފުޅުންނެވެ. މިއިންތިޚާބުގައި ރައީސް ނަޝީދަށް ވަފާރެތި ބޭފުޅުންވަނީ ބޮޑުތަނުން ބަލިކޮށްފައެވެ. ޚާއްސަކޮށް އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމަކީ، މިހާތަނަށް ރައީސް ނަޝީދުގެ ކޮންޓްރޯލް އޮތް މަޤާމެކެވެ.
ޕީޖީ ގުރޫޕުގެ އިންތިޚާބުގައި ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ކާމިޔާބު ކުރައްވާފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، (ބިގޭ) އެވެ. ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ކާމިޔާބު ކުރެއްވި ބިގޭއަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ޅިޔަނެވެ. އަދި ބިގޭއާއި ވާދަ ކުރެއްވި އިލްޔާސް ލަބީބާއި އަދުން ހުސެއިންއަކީ ޕީޖީ ގުރޫޕުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ދެ މެމްބަރުންނެވެ. އަދި އިލްޔާސް ލަބީބަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ