ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެނެކެވެ. އަމިއްލަފުޅު ވެރިކަމުގައި އޭރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ފުރުސަތު ލިބި އެހެންނަމަވެސް، އޭރު ނިޒާމު ބަދަލު ކުރުމަށް ބޭނުންފުޅު ވެވަޑައި ނުނަތްނަމަވެސް، އޭގެ 10 އަހަރުފަހުން ނިޒާމު ބަދަލު ކުރުމަށް ނަޝީދު ދައްކަވަމުން ގެންދަވާ ހުއްޖަތަކީ ރިޔާސީ ނިޒާމު އޮވެގެން ދެން އެމްޑީޕީއަށް ވެރިކަމަށް އާދެވެން ނެތްކަމަށް ވިދާޅުވާ ވިދާޅުވުމެވެ.
އަދި ނަޝީދުގެ މި ހުތްޖަތް ގިނަ ބަޔަކު، ރާއްޖޭގެ ވެރިކަމަށް އާންމު ރައްޔިތުންގެ ވޯޓަކުން ދެން އަމިއްލަފުޅަށް ވަޑައިގެންނެވޭނޭ މަގެއް ނެތްކަން އަމިއްލަފުޅަށް ގަބޫލު ކުރެއްވުނު ކުރެއްވުމެއްގެ ގޮތުގައި ސިފަ ކުރަމުންދާއިރު، ފެންނާން އޮތް އެއް ހަގީގަތަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް ނަޝީދު ފައްޓަވާފައިވާ މަސައްކަތަކެވެ.
މިގޮތުން، އެންމެފުރަތަމަ، މަސައްކަތްޕުޅު ކުރައްވާފައިވަނީ، އާންމު ފެންނަ ނުފެންނަ ވޯޓަކަށް ވެސް ނުގޮސް، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީއަށް އޮތް ތާއީދުގެ ބޭނުން ކުރައްވައިގެން، ގާނޫނު އަސާސީއަށް އިސްލާހުގެނެސް އެމަސައްކަތް ނިންވަމާލެއްވުމަށެވެ. އެހެންނަމަވެސް މި ހުށަހެޅުއްވުމަށް ރައީސް ސާލިހުގެ ތާއީދު ލިބިވަޑައި ނުގަތުމުން، އެއަށްފަހު، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ ތާއީދާއެކީ، ނަޝީދުވަނީ، ބަރުލަމާނީ ނިޒާމަކަށް އާންމު ރައްޔިތުންގެ ތާއީދު ހޯއްދެވުމަށްޓަކާ ޕެޓިޝަނެއްގެ މަސައްކަތް ފައްޓަވާފައެވެ.
މިމަސައްކަތުގައި ތިން ހަތަރު މަހެއްހާ ދުވަސް ފާއިތުވެގެން ދިއުމަށްފަހު، މިމަސައްކަތް ކުރިޔަށްދާ ގޮތެއް އެއަށްފަހު އިގޭކަށްނެތެވެ. އެއަށްފަހު، އެންމެފަހުން އައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ނަޝީދު ހުށަހަޅުއްވާފައިވަނީ މުޅިން އާ ފޯމިއުލާއެކެވެ. އެއީ %30 އަށްވުރެ މަތިން ނަތީޖާ ނެރެވޭ ކެނޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގެ އެއްބުރުން ވެރިކަމަށް އާދެވޭނެ ފޯމިއުލާއެވެ. އެހެންނަމަވެސް، ނަޝީދުގެ މި ފޯމިއުލާއަކީވެސް މުޅި ސަރުކާރުގެ ތާއީދު އޮތް ފޯމިއުލާއެއް ނޫންކަން ހާމަވެގެން ދިޔައީ، ރައީސް ސާލިހުގެ ތާއީދާއެކީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބައެއް މީޑިއާތަކަށް ދެއްވާފައިވާ އިންޓަރވިއުތަކުގައި، މި ފޯމިއުލާއަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވާފައި ވާތީއެވެ.
ޕާރލަމެންޓްރީ ގުރޫޕުގެ ލީޑަރޝިޕަށް އައި ބަދަލު!
އެމްޑީޕީގެ އެތެރޭގަ އޮތް ސިޔާސީ ވާދަވެރިކަމާއި، އަދި ރައީސް ސާލިޙާއި ނަޝިދުއާއި ދެބޭފުޅުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތައް އާންމުންގެ ތެރެއަށް އެންމެ ފުރަތަމަ ހާމަ ކުރައްވާފައިވަނީ ފާއިތުވެދިޔަ އަހަރު، ރާއްޖެއިން ބޭރުގައި ހުންވައިގެން ރައީސް ނަޝީދެވެ. އެއީ، ރައީސް ސާލިހާ އެކީގައި ދެން ސިޔާސީ މަސައްކަތެއް ނުކުރައްވާނޭކަމަށް ސޯޝަލް މީޑިއާގައި ނަޝީދު އާންމުކޮށް އިއުލާން ކުރެއްވި ހިސާބުންނެވެ.
އަދި އެއަށްފަހު، އެމްޑީޕީގެ އެތެރޭގައި އޮތް ދެފެންޝަންގެ ވާދަވެރިކަން އާންމު ފޯރަމްތަކުގައި ފާޅުކަންބޮޑު ގޮތެއްގައި ފެންނާން ފަށާފައި ވެއެވެ. އެޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ރައްޔިތުންގެ މަޖިލިހުގައި ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވާފައި ވެއެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑަށް އޭގެފަހުން، މި ވާދަވެރިކަމުން ފާހަގަވެގެންދިޔަ އެއްކަމަކީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕާއި އަދި ގައުމީ މަޖިލިހުގެ މެޖޯރިޓީ ދެބޭފުޅުންގެ ތެރެއިން އޮތް ބޭފުޅަކު ސާފުވެގެން ދިއުމުގެ އިތުރުން އޭގެ ފަހުން އައި ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ދެ ފެކްޝަންގެ މެދުގައި އުފެދިގެން ގޮސްފައިވާ ވާދަވެރިކަމެވެ.
މިގޮތުން މިވާދަވެރިކަން އެންމެ ފުރަތަމަ ފެނިގެން ދިޔައީ ފާއިތުވެދިޔަ ކައުންސިލް އިންތިޚާބުގެ ތެރެއިންނެވެ. މި އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދުކުރި އެމްޑީޕީގެ ކެނޑިޑޭޓުން ކެމްޕޭން ކޮށްފައިވަނީ ބަރުލަމާނީގެ ޝިއާރު ބޭނުންކޮށްނެވެ. އަދި ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރާކަން ފާޅު ނުކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާޢީދު ނުކުރައްވާނޭކަންވެސް ކައުންސިލް ކެމްޕޭން ތެރޭގައި ނަޝީދު އިއުލާންވެސް ކުރައްވާފައި ވެއެވެ. އަދި ދެ ފެކްޝަނުންވެސް، ބައި ބަހައިގެން، ލިސްޓު އެކުލަވާލައިގެން، ވަކި ކެނޑިޑޭޓުންތަކެއް ހޮވަން މަސައްކަތް ކޮށްފައިވާކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އެއާއިއެކު، ކައުންސިލް އިންތިޚާބު ނިމިގެން ދިޔައިރު، ރައީސް ސާލިހުގެ ތާއީދާއެކީ ކެމްޕޭން ކުރަމުންދިޔަ ގިނަ ކެނޑިޑޭޓުންތަކެއް އިންތިޚާބު ކާމިޔާބުކޮށް، ރައީސް ސާލިހުގެ ތާއީދާއެކީ ގިނަ ކައުންސިލަރުންތަކެއް އެމްޑީޕީގެ ފަރާތުން ކައުންސިލްތަކަށް އިންތިޚާބުވެގެން ގޮސްފައި ވެއެވެ.
އެއަށްފަހު، އެމްޑީޕީގެ އެތެރޭގައި ވާދަވެރިކަން އޮތް އިންތިޚާބަކާއި އެ އުސޫލުން ބައްދަލު ކޮށްފައި ނުވަނިކޮށް، އިއްޔެ ނިމިގެން ގޮސްފައި މިވަނީވެސް އެޕާޓީ ޕާލަމެންޓްރީ ގުރޫޕުގެ އެކި މަގާމްތަކަށް މެމްބަރުން އައްޔަން ކުރުމަށް ބޭއްވިގެން ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބެވެ. މިއިންތިޚާބުގައި ޕީޖީ ލީޑަރުކަމަށް ވާދަކުރެއްވި ދެ ބޭފުޅުންނަކީ އެމަގާމް ފުރުއްވަމުން ވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ.
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އަސްލަމް މިމަގާމަށް ވާދަ ކުރައްވާފައިވަނީ ސީދާ ރައީސް ސާލިހުގެ ތާއީދާއެކީއެވެ. އަދި ނަޝީދު ތާއީދު ކުރައްވާފައިވަނީ އަލީ އާޒިމްއަށެވެ.
އަދި ހަމަ އެއާއެކު ފާހަގަ ވެގެންދިޔަ އަނެއްކަމަކީ، އެމްޑީޕީގެ ޕީޖީގެ ކުރިޔަށް އޮތް ދައުރުގެ ޑެޕިއުޓީ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، ބިގޭ އިންތިޚާބުވެގެން ދިޔަ ދިއުމެވެ. ބިގޭއަކީ ރައީސް ސާލިހުގެ ޅިޔަނަކަށް ވާއިރު، ބިގޭއާއި މިމަގާމަށް ވާދަކުރައްވާފައިވާ އިލްޔާސް ލަބީބަކީ ނަޝީދު އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، ދެން ވާދަކުރައްވާފައިވާ އަދުން ހުސެއިންވެސް މިމަގާމަށް ވާދަ ކުރައްވާފައިވަނީ ނަޝީދުގެ ތާއީދާ އެކީކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން މައުލުމާތު ދެއްވާފައި ވެއެވެ. އެހެންކަމުން ޕީޖީގެ ޑެޕިއުޓީ ލީޑަރުކަމަށް ބިގޭ އިންތިޚާބު ވެގެން ދިޔަ ދިއުމުން ވަކީން ޚާއްސަ ގޮތެއްގައި، މި ގުރޫޕުގެ މެޖޯރިޓީ ތާޢީދު ރައީސް ސާލިހަށް އޮތްކަން ވަރަށްވެސް ރަގަޅަށް ވަނީ ތަމްސީލު ވެގެން ގޮސްފައެވެ.
އެހެންކަމުން، ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރޝިޕަށް އައި ބޮޑު ބަދަލު ވެގެންދާނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް މަޖިލިހުގެ ތެރެއިން ކުރަން ހުރި މަސައްކަތް ކުރިމަތިވެގެންދާނެ ހުރަހެއްގެ ގޮތުގައިކަމަށް ބައެއް ފަރާތްތަކުން ދެކެމުންދާއިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ފާއިތިވެދިޔަ ތަނުގައި ނުކެމެފައިވާ ނަތީޖާތައް ޖުމްލަ ކޮށްލާއިރު، ރައީސް ސާލިހުގެ ސާފު ތާއީދު ނެތި ވެރިކަމުގެ ނިޒާމު ބަދަލުކުރެވިގެން ދިއުން އެއީ މުސްތަހީލު ކަމެއްގެ ގޮތުގައި މިއަދު ކަށަވަރުވެ ޔަގީންވާން އެބައޮތެވެ.
އެތެރޭގެ އިންތިޚާބުތަކުން ދަނީ ނިޒާމު ބަދަލު ކުރުމަށް ފުރުސަތު ހަނިވަމުން!
އެމްޑީޕީ ޕާރލަމެންޓްރީ ގުރޫޕުގެ ލީޑަރޝިޕް ބަދަލުވެގެން ގޮސްފައިވާއިރު، ދެން ކުރިތަށް އޮތީ އެމްޑީޕީގެ އެތެރޭގެ އެންމެ މުހިންމު އިންތިޚާބެވެ. އެއީ އެޕާޓީގެ ޗެއަރޕާރސަންކަމުގެ ކުރިޔަށް އޮތް ދައުރަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބެވެ. މިއިންތިޚާބިގެ ވާދަވެރިކަމަކީ، އެއްވެސް އޮޅުމެއް ނެތް މިންވަރަށް، ދެ ރައީސުންގެ ދެމެދުގައި އޮތް ވާދަވެރިކަމެއްކަން ހާމަވެގެން ދާންއޮތީ އިންތިޚާބުގައި ވާދަކުރަމުންދާ ދެކެޑިޑޭޓުންގެ ވަނަވަރުންނެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ ވަޒީރެވެ. ފައްޔާޒުއާއި ވާދަ ކުރާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަކީ ފެށުނީއްސުރެ ނަޝީދުގެ އެންމެ އަރިސް އެ މެމްބަރެވެ.
އެހެންކަމުން އެމްޑީޕީގެ އެތެރޭގަ އޮތް ސިޔާސީ ވާދަވެރިކަން މަޑުމަޑުން 2023ގެ ރިޔާސީ ޓިކެޓާއި ދިމާލަށް މިސްރާބު ހިފާފައި ވާއިރު، ޗެއަރޕާރސަން އިންތިޚާބުގެ ނަތީޖާއިން، ދެން ކުރިޔަށް އޮތް ތަނުގައި އެޕާޓީ ކުރިޔަށް ދާނީ ކޮން ބޭފުޅެއްގެ ލީޑަރޝިޕްގައިކަން ވަރަށްވެސް ރަގަޅަށް ހާމަވެގެން ދާނެއެވެ. އަދި މިއިންތިޚާބުގެ ނަތީޖާއިން، ސާފުވެގެންދާނެ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަމުންދާ އެއްކަމަކީވެސް، 2023ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓެވެ. މިގޮތުން މިއިންތިޚާބު ރައީސް ސާލިހަށް ކާމިޔާބު ކުރެވިއްޖެނަމަ، 2023ގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރުމަށް އެމަނިކްފާނަށް ވަރަށްވެސް ބޮޑު އިތުބާރެއް ލިބގެންދާނޭ ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އެހެންނަމުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ތަކުގެ ނަތީޖާތަކުން ފާހަގަވާން އޮތް އެއްކަމަކީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބޭނުންފުޅުވާނަމަ، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އަދިވެސް ކުރައްވަން ޖެހިވަޑައިގެންފައި އޮތް މަސައްކަތުގެ ބޮޑުކަމާއި، ކަނޑައްތު ކުރައްވަންޖެހޭ ރާސްތާގެ ދިގުކަމެވެ. އަދި އެމަސައްކަތް ދުވަހެއް ދުވަހަކަށް އުދަގޫ ވަމުންދާކަންވެސްމެއެވެ. އަދި މިއީ މިވިސްނުމަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ތާއީދުވެސް ނެތި، ސިޔާސީ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ގިނަބައެއްގެ ތާއީދު ނެތް މަސައްކަތްކަށް ވެގެން ގޮސްފައިވާއިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތައްވެސް އަދި މިހާތަނަށް ނިކުންނަމުންދަނީ ބަރުލަމާނީގެ ވިސްނުމާއި ދެކޮޅަށް ކަމުގައި މަސްރަހު ދިރާސާކުރާ ގިނަބަޔަކު ދަނީ ބުނަމުންނެވެ.