އަލަށް ގެނައި 15 އެމްބިއުލާންސް ރަށްތަކަށް ފޮނުވައިފި

އަލަށް ގެނައި 15 އެމްބިއުލާންސް ރަށްތަކަށް ފޮނުވައިފި

ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެގެނައި 15 އެމްބިއުލާންސް ރަށްތަކަށް ފޮނުވައިފިއެވެ.

މިއީ އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހެލްތު މިނިސްޓްރީން ބުނީ އަލަށް ގެނައި 15 އެމްބިއުލާންސް ފޮނުވާފައިވަނީ، ހއ. ތުރާކުނާއި އެ އަތޮޅު ވަށަފަރު އަދި ބާރަށުގެ އިތުރުން ޅ. ކުރެންދޫ، ކ. ކާށިދޫ، އއ. ފެރިދޫ، މ. މުލައް، ދ. މީދޫ، ދ. މާއެނބޫދޫ، ލ. މާބައިދޫ، ލ ގަން އަދި ގއ. މާމެންދޫގެ އިތުރުން ގދ. ވާދުއަށް ކަމަށެވެ.

ކުއްލި ޙާލަތްތަކުގެ ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތްކަމަށްވާއިރު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫޢުއެއް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް އެސްޓީއޯއާ ޙަވާލުކޮށްފައެވެ. އެސްޓީއޯއިން މިހާތަނަށް ވަނީ 75 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފައެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ސިއްހީ ފަރުވާ ހޯދަން ކޮންމެހެން މާލެ އަންނަން ޖެހިގެން ނޫނީ މާލެއަށް އައުން ހުއްޓުވުމަށް ސަރުކާރުން ދަނީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްވުރެ ފުޅާކޮށްފައެވެ. އަތޮޅުތެރޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް މަސައްކަތް ކުރާއިރު މިވަގުތުވެސް ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް އަތޮޅުތެރޭގައި އަންނަނީ ކުރަމުންނެވެ. އަދި މީގެ ކުރިން އެކި ޚިދުމަތްތައް ހޯދުމަށް މާލެއަށް ދާންޖެހޭ ގިނަ ޚިދުމަތްތަކެއް އަތޮޅުތެރޭގައި ފަހިވެފައިވާކަން އެނގުމުން ގިނަ ބަޔަކު ކައިރި އަތޮޅުތަކަށް ސިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާކަން ވަނީ ފާހަގަވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *