ޔޫކްރައިގައި ތިބި ދިވެހިންގެ ހާލު ގާތުންދަނީ ބަލަމުން: ފޮރިން މިނިސްޓްރީ

ޔޫކްރައިގައި ތިބި ދިވެހިންގެ ހާލު ގާތުންދަނީ ބަލަމުން: ފޮރިން މިނިސްޓްރީ

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2022 08:58
0

ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޔޫކްރެއިންގައި ކުރިމަތިވެފައިވާ ދާޚިލީ ހަމަނުޖެހުމާއި ގުޅިގެން އެޤައުމުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ އެޤައުމުގެ ޙާލަތު ކައިރިން ބަލަމުންދާކަމަށެވެ. އަދި އެޤައުމުގައި ތިބި ދިވެހިންގެ ޙާލުވެސް ބަލަމުންދާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޔޫކްރެއިންގެ ދެސަރަޙައްދެއްގައި ތިބި 50އަށްވުރެ ގިނަ ދިވެހިންނާއި ގުޅިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގެ ސަމާލުކަން ޔޫކްރެއިންގެ މަޝްރަޙަށް ހުއްޓިފައިމިވަނީ އެޤައުމުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާ ގުޅޭ ސަރަޙައްދީ ބޯޑަރު ކައިރިއަށް ރަޝިޔާގެ ސިފައިން ބަރުހަތިޔާރާއެކު އައިސްފައިވާތީއެވެ. އެހެންނަމަވެސް ހަމަލާ ދިނުމަށް ނުވިސްނާކަމަށާއި ސިފައިން އެސަރަޙައްދަށް ގޮސްފައިވަނީ ޔޫކްރެއިން ހަމަނުޖެހުމުގެ ތެރެއިން ރަޝިޔާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ރަޝިޔާއިންވަނީ ބުނެފައެވެ.

ރަޝިޔާއިން މިހެން ބުނެފައިވާއިރު ނޭޓޯގެ ޤައުމުތަކުގެ މެދުގައިވެސް ޔޫކްރެއިން މައްސަލައިގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި ރައްކާތެރިކަމަށްޓަކާ އެމެރިކާގެ ރައްޔިތުން ޔޫކްރެއިން އިން ފޭބުމަށްވެސް އެމެރިކާގެ ރައީސްވަނީ ގޮވާލައްވާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރަޝިއާއިން ފާއިތުވެދިޔަ ހަފްތާތަކުގައި އެއް ލައްކައަށްވުރެ ގިނަ ސިފައިން ޔޫކުރެއިންގެ ބޯޑަރު ކައިރިއަށް ޖަމާކޮށް، 3 ދިމާލަކުން ޔޫކުރެއިން ވަށާލާފައިވާ ކަމަށާއި، ހަމަ ކޮންމެ ވަގުތެއްގައިވެސް ރަޝިއާ ސިފައި އެގައުމަށް އަރާ އުދުވާނީ ހަމަލާތަށް ފަށާފާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫކުރެއިންގެ ބޯޑަރު ކަރިއަށް ރަޝިއާގެ އެތައް ހާސް ސިފައިންނެއް ޖަމާކުރަމުން ދިއުމާ ގުޅިގެން، ރަޝިއާއިން ޔޫކުރެއިންއަށް އެރުމަށް ރާވަމުންދާ ކަމުގެ ކަންބޮޑުވުން ހުޅަގުގެ ގައުމުތަކުގެ މެދުގައި އުފެދިގެން ގޮސްފައި ވާއިރު، އެމެރިކާއިންވަނީ، ރަޝިއާއިން ޔޫކްރެއިންއަށް އަރައިފިނަމަ، ހީވެސް ނުކުރާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު އެގައުމާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު ދީފައެވެ. ރަޝިއާއިން ޔޫކުރެއިން އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން އުޅޭކަމަށް ހުލަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތައް ރަޝިއާއިން ވަނި ދޮގު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.