މުޅި ދުނިޔޭގެ އަބާދީގެ %70އަށް ވެކްސިން ދެވިއްޖެނަމަ، މިއަހަރުގެ ފަހުކޮޅު ކޯވިޑް ކާރިސާގެ އެންމެ ނުރައްކާތެރި ހާލަތަށް ނިމުން އަތުވެދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފިއެވެ.
"އަހަރެނެމެންގެ އުއްމީދަކީ މި ކާރިސާގެ އެންމެ ނުރައްކާތެރި ހާލަތަށް މިއަހަރު ނިމޭހަތާގަ ނިމުން އައުން. އެހެންނަމަވެސް އެއީ އެންމެ ހާލަތެއް މެދުވެރި ވެއްޖެނަމަ، މިއަހަރު މެދަކަމާ ހަމައަށް ދާއިރު، ޖޫން ޖުލައި ހާތާގަ، މުޅި ދުނިޔޭގެ އާބާދީގެ %70 އަށް ވެކްސިން ދީ ނިންމާލެވިއްޖެ ނަމަ،" ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިސް ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބެރެޔޭސޫ ސައުތު އެފްރިކާގައި ރިޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ހުކުރު ދުވަހު ވިދާޅުވެފައި ވެއެވެ.
"އެކަން ކުރެއްވިއްޖެނަމަ ހަގީގަތުގައި މިބަލީގެ އެންމެ ނުރައްކާތެރި ހާލަތަށް ނިމުން ގެނުވިދާނެ، އަދި އަހަރެމެންގެ އުއްމީދަކީވެސް އެއީ. އެކަން އޮތީ އަހަރެމެންގެ އަތްމަތީގައި، އެއީ ނޭގި ހުއްޓާ ވާނެކަމެއް ނޫން، އެއީ އަހަރެމެންގެ އިޚްތިޔާރުގައި އޮތް ކަމެއް."
އޭނާ ރިޕޯޓަރުންނާ ވާހަކަ ދައްކަވާފައިވަނީ، މޮޑާނާގެ ސީކުއެންސް ބޭނުން ކޮށްގެން އެފްރިކާގައި އެންމެ ފުރަތަމަ އެމްއާރުއެންއޭ ކޯވިޑް ވެކްސިން އުފެއްދި އެފްރިޖެން ބައޮލޮޖިކްސް އެންޑް ވެކްސިންސްއަށް ކުރެއްވި ޒިޔާރަތެއްގައެވެ.
"އަހަރެމެން އުއްމީދު ކުރަނީ މިވެކްސިނަކީ އެތައް ގޮތަކުން ރަގަޅު ވެކްސިނަކަށް ވެގެން ދާނެކަމަށް، އެއީ ވެކްސިން ރައްކާ ކޮށްފައި ބަހައްޓަންޖެހޭ ގޮތުންނާއި އަދި އަގުގެ ގޮތުންވެސްމެ،" ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިސްވެރިޔާ ވިދާޅުވެފައި ވެއެވެ.
އެފްރިޖެން ބައޮލޮޖިކްސް އެންޑް ވެކްސިންސްއިން އުފައްދާ މި ވެކްސިންގެ ތަހުލީލުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުއެވެ. އަދި ވެކްސިން ބޭނުން ކުރަން ފެށޭވަރު ވާނީ 2024ވަނަ އަހަރުއެވެ.
އެފްރިޖެންއަކީ WHO އާއި COVAXގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ ޕައިލެޓް ޕްރޮޖެކްޓެކެވެ.
ޓެޑްރޯސްވަނީ، އެފްރިކަން މެޑިސިންސް ރެގިއުލޭޓަރއެއް އުފެއްދުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެފްރިކާގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އޭނޭ ވިދާޅުވި ގޮތުގައި އެފްރިކަން މެޑިސިން އޭޖެންސީފަދަ ސަރަހައްދީ މުވައްސަސާއެއް އުފެއްދިއްޖެނަމަ ބޭހުގެ އަގު ދަށް ކުރެވުމުގެ އިތުރުން ދަންފެންވަރުގެ ބޭހާއި ދެކޮޅަށް ކުރެވޭ ހަގުރާމައަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށެވެ.