ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ހަސަން ލަތީފްއާއި، ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ދައުރު ހަމަވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މެމްބަރު ހަސަން ލަތީފް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމު ކާމިޔާބުކުރައްވާފައިވަނީ 10 ފެބްރުއަރީ 2017 ގައެވެ. ހަސަންގެ ދައުރު ވަނީ މިއަދަށް ހަމަވެފައެވެ.
ހަސަންގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ މަޤާމުގެ ދައުރުވެސް ވަނީ ހަމަވެފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ހިންގާ ގަވާއިދުގެ 9 ވަނަ މާއްދާގައި ވަނީ، އެޕާޓީގެ އަސާސީ ގަވާއިދުގެ 38ވަނަ މާއްދާގައި ވާގޮތުގެ މަތިން، އެ ގްރޫޕުގެ އެންމެ އިސް ފަރާތަކީ އިންތިޚާބު ކުރާ އެ ގުރޫޕްގެ ލީޑަރު ކަމުގައެވެ. އާޒިމްގެ ދައުރު ހަމަވެފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކު ނެތި މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ބޮޑެތި ޚިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި އަދި ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ޕާލަމެންޓްރީ ގުރޫޕުވަނީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައެވެ. އަދި މި ވާދަވެރިކަމުގައި، ފާއިތިވެދިޔަ ތަނުގައި ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން މަޖިލިސް ފްލޯގައި ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައިވާކަން ފާހަގަ ކޮށްލެވެ.
އެމްޑީޕީންވަނީ އެޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައެޅުމަށްޓަކައި އިންތިޚާބުތައް ބާއްވާނެ ތަރީހުތައް ކަނޑައެޅުމަށް މިރޭ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމަވާފައެވެ. މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް ވަނީ އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި އިއުލާންވެސް ކުރައްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މިހާތަނަށް އިއުލާންކުރައްވާނެކަމަށް ހާމަކުރައްވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.
އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނެފައިވަނީ، އިންތިޚާބު ބޭއްވުމުގެ 60 ދުވަސްކުރިން އެއިންތިޚާބަކަށް ވާދަކުރުމުގެ ފުރުސަތު ގުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ