2012ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވީ އިރު، ވެރިކަން ބަދަލުވީ ރަގަޅަށް ކަމަށްބުނެ 7 ފެބްރުއަރީ ދުވަހު ރައީސް ވަހީދު ލައްވާ ހުވާކުރުވީ އޭރުގެ މަޖިލިހުގެ ރައީސް އަބްދުالله ޝާހިދު ކަމަށާއި، މިއަދު އދ ޖެނެރަލް އެސެމްބްލީގެ ރައީސަކަށް އަދި އެމްޑީޕީ ސަރުކާރުގެ ފޮރިންގ މިނިސްޓަރަކަށް ޝާހިދު ހުންނެވުމުން އެކަމާ އުފާ ނުކުރައްވަނީ ކީއްވެތޯ ވިދާޅުވެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ސުވާލު އުފައްދަވައިފިއެވެ.
ރިޔާޒު މިގޮތަށް ވިދާޅުވެ ސުވާލު އުފައްދަވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި "ބަޣާވާތުގެ އާރުކާޓީން" މިއަދު ސިޔާސީ ޕާޓީ ހަދައިގެން ސުލްހަވެރި ސިޔާސީ ހަރަކާތުން ސިޔާސީ މަސައްކަތްކުރާތީ އެކަމާ އުފާކުރާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެމްއެންޕީގެ މުވައްސިސުންނަށް އަމާޒުކޮށް މިއަދުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ފަނޑިޔާރުންގެ ޤާނޫނު ވުޖޫދުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި، އޭރުގެ އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުކުރެވުނީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ނަޝީދުގެ ވެރިކަމުގައި ކުރެވިގެންދިޔަ މަސައްކަތްތައް ކަމުގައެވެ. އަދި މިއަދަކީ، އެމަސައްކަތް ހަޖަމް ނުވެގެން ވެރިކަން ވައްޓާލިތާ 10 އަހަރު ފުރޭ ދުވަސް ކަމުގައި ހަސަން ލަތީފު ވިދާޅުވެފައި ވެއެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވެފައިވަނީ، ބައާވާތުގެ އާރުކާޓީން މިއަދު ތިބީ ސިޔާސީ ޕާޓީ ހަދައިގެން ކަމަށާއި، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ކަމަށެވެ.
މީގެ އިތުރުން، 2012 ވަނަ އަހަރުގެ 8 ފެބްރުއަރީ ދުވަހު ރާއްޖޭގެ އެކި ތަންތަނުގައި ހުޅު ރޯކުރީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދުގެ މަޖިލިސް ޖަލްސާގައި ދެއްކެވި ވާހަކައަށްވެސް ރިޔާޒުވަނީ ރައްދު ދެއްވާފައެވެ.
ބޮންޑޭއަށް ރައްދު ދެއްވާ ރިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ، ހުޅުޖެހިކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް ބަލާ، ތަހުގީކޮށް ނިންމާ އޭރު ޕީޖީ އޮފީހަށް ދައުވާކުރުމަށް އެދުވަސްވަރު ފޮނުވާފަވާނެ ކަމަށެވެ.
އެމްއެންޕީގެ ދެ މުވައްސިސުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒާއި އަދި އެޕާޓީގެ ރައީސް، ދަނގެތީ ދާއިރަގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމަށް ނިސްބަތްކޮށް އެއީ ބަޢާވާތުގެ މޭސްތިރިންގެ ގޮތުގައި އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފު ވިދާޅުވެފައި ވާއިރު، އެމްޑީޕީން ހަމަ އެ ބަޢާވާތުގެ އެންމެ އިސް މޭސްތިރިންގެ ގޮތުގައި ތުހުމަތު ކުރަމުންދާ އިސް ގިނަ ބޭފުޅުން މިއަދު ތިއްބެވީ މިސަރުކާރުގެ އިސް މަގާމް ތަކުގައެވެ.
މިގޮތުން، އެމްޑީޕީން މި ބައާވާތުގެ އެންމެ އިސް މޭސްތިރިންގެ ގޮތުގައި ސިފަކުރަމުންދާ އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާން ހުންނެވީ މިސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައެވެ. އަދި އިސް މޭތިރިންގެ ގޮތުގައި އެމްޑިޕިން ސިފަކުރާ، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހީމާއި، އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން ތިއްބެވީ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ