2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާއި އޭގެ ޖެހިގެން އައި 8 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި އެތައް ގޮތަކުން ފާހަގަކޮށްލަން ޖެހޭ ދެ ދުވަހެވެ. މިގޮތުން ފެބުރުއަރީ މަހުގެ 7ވަނަ ދުވަސް ފާހަގަ ކޮށްލަން ޖެހެނީ އެއީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި، ޑިމޮކްރަސީގެ އުސޫލުން އިންތިޚާބު ވެފައި އޮތް ސަރުކާރެއް، ސިޔާސީ ހަމަނުޖެހުންތަކާއި، ސަލާމަތީ ބާރުތަކުގެ މެދުގައި އުފެދިގެންދިޔަ ބޮޑެތި ޚިޔާލު ތަފާތުވުންތަކަށްފަހު، ވެއްޓިގެން ދިޔަ ދުވަސް ކަމަށް ވާތީވެސް މެއެވެ.
އަދި އޭގެ ފަހުން ޖެހިގެންއައި، އެއަހަރުގެ ފެބްރުއަރީމަހުގެ 8 ވަނަ ދުވަސް ވެގެން ދިޔައީ، އޭރުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްމާއި ގުޅިގެން އެއަށްފަހު އުފެދިގެންދިޔަ ސިޔާސީ ހަމަނުޖެހުންތަކުގައި މުޅި ގައުމު ތަޅާފޮޅުމާއި ހަމަނުޖެހުންބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓި، ދައުލަތުގެ އެތައް ހަރު މުދަލެއްގައި ހުޅުޖަހާ އަންދާ، އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ގެއްލުން ދައުލަތަށް ލިބިގެންދިޔަ ދުވަސް ކަމަށް ވާތީވެސް މެއެވެ.
ކޮންމެއަކަސް، 2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު، އޭރުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ، އޭރުގެ ވެރިކަމާއި ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އެތައް ދުވަހެއްވަންދެން ކުރިޔަށްގެންދިޔަ ސިޔާސީ ގިނަ ހަރަކާތްތަކާއި މުޒާހިރާތަކަށް ފަހުއެވެ. އަދި ވަކީން ޚާއްސަކޮށް، އޭރުގެ ސަރުކާރުން، ކުރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ހުންނެވި އަބުދުﷲ މުހައްމަދު ހައްޔަރުކޮށް އާރަށުގައި އެކަހެރިކޮށް ބަންދު ކުރުމާއި ގުޅިގެން، ސަރުކާރާ ދެކޮޅަށް މެދު ނުކެނޑި ކުރަމުން ދިޔަ މަޝްހޫރު "22 ދުވަހުގެ މުޒާހިރާ"ތަކަށް ފަހުގައެވެ.
އަދި ހަމަ އެއާއެކު، 2012ވަނަ އަހަރުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމަށް ބުރޫއަރާ، ސަލަމަތީ ބާރުތަކުގެ މެދުގައި އޮންނަންޖެހޭ ޗެއިން އޮފް ކޮމާންޑު ގެއްލި، ސިފައިންނާއި ފުލުހުންގެ ބައެއް ފައުޖުތައް އޭރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، އަމިއްލަފުޅަށް އިސްތިއުފާ ދެއްވި، އޭރު ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު، އެމަނިކްފާނުގެ ވެރިކަން ޚަތަމް ކޮށްލީ ބާޢާވާތަކުން ކަމަށް ތުހުމަތުކޮށް، މި ތުހުމަތުގެ އިނގިލި އޭރު އަމާޒު ކޮށްފައިވަނީ ދެން ރައީސްކަމުގެ ހުވާ ކުރެއްވި، ރައީސް މުހައްމަދު ވަހީދު ހަސަންމަނިކަށެވެ. އަދި މި ތުހުމަތުތަކާއެކު، އޭރު ވެރިކަން ބަދަލުވެދިއުމުގެ ކަންކަން ހިގައިދިޔައީ ގާނޫނާއި އެއްގޮތަށްތޯ ބެލުމަށް، ކޮމަންވެލްތުން ބޭރުގެ ފަންނީ އަދި ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތެއްގެ ހައިސިއްޔަތުން ބައިވެރިވެގެން، ޚާއްސަ ތަހުގީގެއް ހިންގި، ވެރިކަން ބަދަލުވެދިޔަ ގޮތުގެ މައްޗަށް ކޯނީ ރިޕޯޓުގެ ނަމުގައި ޚާއްސަ ރިޕޯޓެއް އެކުލެވާލެވި، ތަހުގީގީ ނިންމުންތަކެއް ނިންމާފައި ވެއެވެ.
މީގެ ތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަންޖެހެނީ، ކޯނީގެ ރިޕޯޓުގައި، ސަރުކާރު ބަދަލުވެގެން ދިޔައީ، ބަޢާވާތަކުން ނޫންކަމަށް ނިންމާފައިވާ ނިންމުމެވެ. އެހެންނަމަވެސް، ވެރިކަން ބަދަލުވެދާން މެދުވެވީ ކަންކަމަށް ރިއާޔަތްކޮށް އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
އަދިވެސް ބަޢާވާތުގެ ތުހުމަތު! އެހެންނަމަވެސް ބަޢާވާތުގެ މޭސްތިރިން މިއަދު ނަޝީދު އަރިހުގައި!
2012ވަނަ އަހަރު ނަޝީދުގެ ވެރިކަން ބަދަލު ކުރީ ދުރާލާ ރާވާއިގެން ގެނައި ބަޢާވާތަކުން ކަމުގެ ތުހުމަތަކީ މިއަދުވެސް ކުރީގެ ރައީސް ނަޝީދު އެހާދިސާއާއި ގުޅޭގޮތުން ކުރައްވަމުން ގެންދަވާ އެންމެ ބޮޑު ތުހުމަތެވެ. އަދި މި ބަޢާވާތް ގެެނައުމުގައި އެންމެ އިސްކޮށް ތިއްބެވީ އޭރުގެ އިދިކޮޅު ހަރަކާތުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމާއި، އޭރުގެ ޑީއާރުޕީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ރައީސް މައުމޫނާއި، އަހުމަދު ތަސްމީން އަލީއާއި، އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާނާއި އަދި އޭގެ އިތުރުންވެސް ބައެއް އިސް އެހެން ފަރާތްތަކުގެ ގޮތުގައި އެމްޑީޕީން އޭގެފަހުން ތުހުމަތު ކޮށްފައި ވެއެވެ.
އެހެންނަަމެވެސް، އެމްޑީޕީގެ ބައިވެރިވުންވެސް އޮވެ އެކުލަވާލެވުނު ކޯނީ ރިޕޯޓު ފަހުން ގަބޫލު ނުކުރައްވާ، މިއަދާ ހަމައަށްވެސް ކުރީގެ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ބަޢާވާތުގެ ތުހުމަތުތަކުގެ މައްޗަށް އިންސާފު ގާއިމު ކުރުމުގެ ފުރުސަތު މިއަދު ޚުދު ރައީސް ނަޝީދަށް އިންތިހާއަށް ތަނަވަސް ވެގެން ގޮސްފައިވާކަން މިއީ މިއަދުގެ އެންމެބޮޑު އެއް ހަގީގަތެވެ.
ސަބަބަކީ، މިއަދު އެމްޑީޕީގެ ވެރިކަމެއް އޮވެފަ، ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުގައި އޭރުގެ ރައީސް ނަޝީދު ހުންނަވާ، އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގައިވެސް ޚުދު ނަޝީދު އިންނަވާފަ އަދި އެ ކޮމިޝަންގެ ރައީސެއްގެ ހައިސިއްޔަތުން ނަޝީދުގެ ކުރީގެ ގާނޫނީ ވަކީލު އިންނެވުމުގެ އިތުރުން، 2012ވަނަ އަހަރު ގެނެވުނީ ބަޢާވާތެއްގެ ގޮތުގައި ކުރިން ސިފަކުރައްވަމުން ގެންދަވާފައިވާ ބޭފުޅުން މިއަދު ސުޕްރިމް ކޯޓުގައިވެސް ތިއްބެވުމެވެ.
ހަމައެއާއެކު، މިދެންނެވުނު "ބަޢާވާތަށް" 10 އަހަރު ފުރިގެން ދިޔައިރު، މިއަދުގެ ހަގީގަތަކީ މިފަދަ ބަޢާވާތެއްގެ ފުރިހަމަ ތަހުގީގެއް ހިންގާ ކަމަށްވާނަމަ، އެތަހުގީގެއް ހިގައިދޭނެ އެންމެ އިސް އެއްފަރާތެއްގެ ގޮތުގައި، އެ ބަޢާވާތުގެ އެންމެ އިސް އެއް މޭސިތިރިކަމަށް ޚުދު އެމްޑީޕީން ތުހުމަތުކުރާ އެންމެ އިސް އެއްފަރާތްކަމުގައިވާ، އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާން މިއަދު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ކަމެވެ. ބަޢާވާތަށް ފަންޑުކުރި ކަމަށް އެމްޑީޕީން ތުހުމަތުކުރާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ހުންނެވީ މިސަރުކާރުގެ އެންމެ އިސް އެއް ބައިވެރިއެއްގެ ގޮތުގައެވެ. އަދި ހަމަ އެއާއެކު، ބަޢާވާތުގެ ތުހުމަތު އެމްޑީޕީން ކުރަމުންދާ އެންމެ އިސް އެއް ލީޑަރު ކަމުގައިވާ، އޭރުގެ ޑީއާރުޕީގެ ޒައީމް، މިއަދު އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން ހުންނެވީ އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައެވެ.
އެހެންކަމުން، ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، 2012ގެ ވެރިކަން ބަދަލުވެ ދިއުމުގެ ހާދިސާއަށް 10 އަހަރު މިއަދު ފުރިގެން ދާއިރު، ގެނެވުނީ ބަޢާވާތެއްކަމުގައި ވިދާޅުވެ، އޭރު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދިވެސް ކުރައްވަމުން ގެންދަވާ މިތުހުމަތުތަކުގެ މައްޗަށް އިންސާފު ގާއިމް ކުރެއްވުމުގެ ފުރުސަތު މިއަދު ލިބިވަޑައިގެންފައިވާއިރު، މިއިންސާފު އެންމެ ފުރަތަމަ ގާއިމްވާންޖެހޭ ގިނަ ފަރާތްތަ މިއަދު ތިއްބެވީ އެންމެ އަރިހުގައިކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އަދި މި ނޫންގޮތަކުން، މިނޫން އުސޫލަކުން، ގެނެވުނުކަމަށް ނަޝީދު ތުހުމަތު ކުއްރައްވާ ބަޢާވާތުގެ އިންސާފު ގާއިމްވެގެން ދިއުން އެއީ ގިނަބަޔަކަށް ބަލައިގަންނަން ދަތި އިންސާފަކަށް ވެގެންދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
މިހާރުގެ އަމާޒަކީ ހަމައެކަނި ބަރުލަމާނީ!
2012ވަނަ އަހަރު ވެރިކަން ބަދަލުވެދިޔަ ހާދިސާއަށް މިއަދު 10 އަހަރު ފުރިގެން ދައިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ ނިޒާމެއްގައި ދެން އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެ ކަމުގައެވެ. އަދި ވިދާޅުވަމުން ގެންދަވަނީ، ދެން ވެރިކަމަށް އެމްޑީޕީއަށް އާދެވެން އޮތް ހަމައެކަނި މަގަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްގެން ކަމުގައެވެ.
އަދި ނަޝީދުގެ މި ވިދާޅުވުމަކީ، ރާއްޖޭގެ ރައީސްކަމަށް، ރައްޔިތުންގެ އާންމު ވޯޓަކުން ދެން ވަޑައި ނުގެންނެވޭނެކަން އަމިއްލަފުޅަށް ގަބޫލު ކުރެއްވުންކަމުގައި ގިނަބަޔަކު ސިފަ ކުރަމުން ދާއިރު، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު ފައްޓަވާފައިވާ މަސައްކަތްތަކަށް އަދި މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ މަންޒަރު ފެންނާކަށް ނެތެވެ. މިގޮތުން ފާއިތުވެދިޔަ އަހަރުގެ މެދެއްހާ ތާގައި، ބަރުލަމާނީ ނިޒާމަކަށް އާންމުގެ ތާއީދު އޮތް މިންވަރު ސާބިތު ކޮށްދިނުމަށް ޕެޓިޝަނެއްގައި ނަޝީދު އިސްވެ ހުންނަވާ ސޮއި ކުރައްވަން ފެއްޓެވި ނަމަވެސް އެމަސައްކަތްވެސް އެއްވާނެއްގައި ކުރިޔަށް ގެންދެވިފައެއ ނުވެއެވެ. އެއަށްފަހު ބަރުލަމާނީގެ އަޑުތައް ފަނޑުވެ، އެހަރަކާތް މިވަގުތު އޮތް ހާލަތު ވަޒަން ކޮށްލެވޭކަށް ނެތެވެ.
އެހެންނަަމަވެސް ގަބޫލު ކުރެވޭގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް މިހާތަނަށް ކުރިމަތިވެގެން ގޮސްފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ނުވަތަ އޭގެ އެންމެ ބޮޑު އެއް ސަބަބެއްކަމުގައި ބެލެވިފައިވަނީ، މިމަސައްކަތާމެދު ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވިސްނުންފުޅުން މުޅިން ސާފުވެގެން ގޮސްފައި ނުވުމެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ސާލިހު މިހާތަނަށް ވިދާޅުވެފައިވަނީ، މިވަގުތުގެ ހަމަ އެކަނި އަމާޒަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުން ކަމުގައެވެ.
ކޮންމެއަކަށް، ސާފުވާން އޮތް އެއް ހަގީގަތަކީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާނަމަ އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނޭ ކަމަށް ޚުދު ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮތްކަމެވެ. އަދި މިއީ މިކަން ހިގަންޖެހޭނެ އުސޫލުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުވެސް ވިދާޅުވެފައިވާ އުސޫލާއި ހަމައެވެ. އަދި އެއަށްފަހު، ހެދިފައިހުރި އެތަކެއް ގާނޫނުތަކަކަށް ބޮޑެތި ބަދަލުތައް ގެނެސް، ދައުލަތުގެ ހިންގުމުގެ އޮނިގަޑަވެސް ބޮޑެތި ބަދަލުތަކެއް އަންނާން ޖެހެއެވެ.
ކޮންމެއަކަސް، އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުނެ ނިޒާމެއް ކަނޑައެޅިތާ އެންމެ 13 ވަރަކަށް އަހަރު ފަހުން، ހަމައެކަނި ވެރިކަމަށް އައުމުގެ މުގާބިލުގައި، މާލިއްޔަތުން އެތައް މިލިއަން ރުފިޔާއެއް އަލުން ހޭދަކޮށްގެން ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ވެރިކަމުގެ ނިޒާމު ބަދަލު ކޮށްލުމުގެ މަސައްކަތަށް އަނެއްކާ އަލުން ރުޖޫޢަވާންވީތޯ ނުވަތަ ނޫންތޯ، މިއީ ގައުމުގައި އިސްކޮށް ތިއްބެވި ސިޔާސީ ވެރިން ޖަވާބުދާރީ ވާންޖެހިފައިވާ މުހިންމު ސުވާލެއްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.