ޖޯބައިޑްން އަދި ނަނިންމޭޓް ކާމިލާ ހެރިސް

އެމެރިކާގެ ރައްޔިތުން ކެތްތެރިވެ ތިބުމަށް ބައިޑްން ގޮވާލައްވާއިފި

އެމެރިކާގެ ރައްޔިތުން ކެތްތެރިވެ ތިބުމަށް ބައިޑްން ގޮވާލައްވާއިފި

ގުޅުންހުރި

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެކަމަށް ތަކުރާރުކޮށް ޑޮނަލް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނިކޮށް، ދާދިދެންމެއަކު ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން، އެމެރިކާގެ ރައްޔިތުން ކެތްތެރިވެ ތިބުމަށާއި އަދި އެއްވެސް ހަމަނުޖެހުމަކަށް ޖާގަ ނުދެއްވުމަށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓު ޖޯ ބައިޑްން ގޮވާލައްވައިފިއެވެ.

ބައިޑްންގެ މައި ކެމްޕެއިން ޖަގަހަ ހުންނަ ވިލްމިންގޓަންގެ ޑެލަވާއިން ރައްޔިތުންނާއި މުޚާތަބް ކުރައްވަމުން ބައިޑްން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި ވިދާޅުވީ އިންތިޚާބުގެ ނަންބަރުތަކުން ނަތީޖާ ވަރަށް ސާފުކަމަށެވެ.

ބައިޑްން ވިދާޅުވެފައިވަނީ އެމެރިކާގެ ރައްޔިތުން އޭނާއާއި ހަވާލުކުރި ޒިންމާއަކީ، ކޯވިޑް19ގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލުން ދުނިޔެ ސަލާމަތް ކޮށްދިނުމުގެ އިތުރުން އެމެރިކާގެ އިގުތިސާދު މިހާރު އޮތް ހާލަތުން މިންޖުކުރުމުގެ ޒިންމާކަމުގައެވެ.

ބައިޑްން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، އިއްޔެއަކީ ކޯވިޑް19 ކާރިސާ ފެށުނުފަހުން އެމެރިކާގައި އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މިބައްޔަށް ޕޮޒިޓިވް ވެގެންދިޔަ ދުވަހެވެ. އިއްޔެ އެކަނިވެސް އެމެރިކާގައި 120،000 ރައްޔިތުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

އެމެރިކާގައި މިހާތަނަށް އައިއިރު 200،000 އަށްވުރެ ގިނަ ރައްޔިތުންވަނީ ކޯވިޑް19ގައި މަރުވެފައެވެ.

އެމެރިކާގެ ރައްޔިތުންނާއި މުޚާތަބްކޮށް ބައިޑްން ވިދާޅުވެފައިވަނީ، ޚިޔާލު ތަފާތުވުންތަކާއި ދުރަށްގޮސް، މިއީ މުޅި ގައުމު އެއްވައިވަންތައް ވާންވީ ވަގުތުކަމުގައެވެ. އަދި ވިދާޅުވީ މިއީ ގައުމެއްގެ ހަޔާތުން އަނާނޭ ހަމައެކަނި ވަގުތުކޮޅެއް ކަމަށާއި، މިވަގުތުކޮޅު ބޭކާރު ކުރެވިއްޖެނަމަ އިއާދަ ނުކުރެވޭނެ ކަމަށެވެ.

އަދި ވިދާޅުވެފައިވަނީ ބައިޑްންއާއި އޭނާގެ ރަނިންގްމޭޓު ކާމިލާ ހެރިސް، އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވާ ދެއްވުމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ،

އިންތިޚާބުގެ ނަތީޖާ ބޮޑުތަނުން އޮޅުވާލައިފައިވާ ކަމަށް ޓްރަމް ތުހުމަތު ކުރަމުން ދާއިރު، އަދިވެސް ބައެއް ސްޓޭޓުތަކުގައި ދަނީ ވޯޓު ގުނަމުންނެވެ. މީެގެތެރޭގައި ޕެންސިލްވޭނިއާ، ނެވާޑާ، އެރިޒޯނާވެސް ހިމެނެއެވެ. އަދި މި ސްޓޭޓުތަކުގައިވެސް %90 އަށްވުރެ ގިނަ ވޯޓު ގުނާ ނިމިފައިވާއިރު، މިހުރިހާ ސްޓޭޓެއްގައިވެސް ކުރީގައި އުޅުއްވަނީ ޖޯ ބައިޑްންއެވެ.

އަދި ވަކީން ޚާއްސަކޮށް، މިހާރު ވޯޓު ގުނާ ނުނިމިވާ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ސްޓޭޓް ކަމުގައިވާ ޕެންސިލްވޭނިއާ ބައިޑްއަށް ކާމިޔާބު ކުރެވިފައިވާތީ، މިސްޓޭޓާއި ނުލާ ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން މިހާރުވަނީ ޔަގީން ކުރެވިފައެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާނެކަމަށް ކުރިއްސުރެ ޓްރަމްޕް ތުހުމަތު ކުރައްވަމުން ގެންގޮސްފައިވާތީ، މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ރިޕަބްލިކަން ޕާޓީގެ ނޭޝަނަލްކޮމިޓީގެ ފަރާތުންނާއި އަދި ޓްރަމްޕްގެ އަމިއްލަ ލޯޔަރުންގެ ޓީމެއްވެސް އެމެރިކާގެ ކޮންމެ ސްޓޭޓަކަށް ޚާއްސަކުރެވިފައިއެވެ.

ޚަބަރު ލިބޭގޮތުގައި ލޯޔަރުންގެ މިޓީމުތަކުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަކީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރެވޭ ހެކިތައް އެއްކޮށް ކޯޓަށް ވެއްދޭވަރަށް ކޭސްއެއް އުފެއްދޭތޯ ކުރަމުންދާ މަސައްކަތްތަކެވެ.

މިގޮތުން ކޯޓަށް ވެއްދޭވަރުގެ ފުރިހަމަ ކޭސްއެއް ނުއުފެއްދޭނެ ފަދަ ހާލަތެއްގައި މައްސަލައާއިއެކު ކޯޓަށް ވެންނެވުމަށް މިޓީމްތަކުގެތެރޭގައި ހިމެނޭ ބައެއް ލޯޔަރުން ދެކޮޅުހައްދަވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ މިފަދަ ހާލަތެއްގައި ލޯޔަރުންގެ އަމިއްލަ އިތުބާރު އެމެރިކާގެ ރައްޔިތުންގެ ކުރިމަތީގައި ގެއްލިގެން ދާނެކަމަށް ބައެއް ލޯޔަރުން ގަބޫލު ކުރެއްވުމެވެ.

އިންތިޚާބު އޮޅުވާލާ މަކަރު ހަދާފައިވާކަމަށް ޓްރަމްޕް ތުހުމަތު ކުރަވަމުން ދިޔަނަމަވެސް، މިތުހުމަތުތަކަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް މިހާތަނަށް އައިއިރު ޓްރަމްޕް ދައްކަވާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *