މާލޭ ސިޓީގެ މިސްކިތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް މަސައްކަތް ކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ މިސްކިތްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މޭޔަރު މުޢިއްޒު ވިދާޅުވީ މާލޭގެ މިސްކިތްތަކަކީ އެ ތަންތަން ރީތިކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެންމެ އިސްކަންދޭ އިމާރާތްތައް ކަމަށެވެ. އެކަމަށްޓަކައި ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ދީފައިވާ ބަޖެޓަކީ އެފަދަ ކަމަކަށް އެކަށީގެންވާ ވަރަށްވުރެ މާކުޑަ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.
މާލޭގެ މިސްކިތްތަކަކީ މާލޭ ސިޓީ ކައުންސިލުން އެންމެ އިސްކަންދޭ އިމާރާތްތައް، އެންމެ ރަގަޅަށް ރީތިކޮށް ބަލަހައްޓަން ބޭނުންވާ ތަންތަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ބަޖެޓަކީ އެއްގޮތަކަށް ވެސް އެކަމަށް އެކަށީގެންވާވަރުގެ ބަޖެޓެއް ނޫން. 43 މިސްކިތް ބަލަހައްޓަން ލިބިފައިވަނީ އެންމެ އެއް މިލިއަން ރުފިޔާ.
– މާލޭ ސިޓީގެ މޭޔަރު
މޭޔަރު ވިދާޅުވީ މާލޭ ސިޓީގެ މިސްކިތްތައް ހުރީ ވަރަށް ބޮޑަށް މާރާމާތަށް ބޭނުންވެފައި ކަމަށާއި ގާތްގަނޑަކަށް 13 ވަރަކަށް މިލިއަން ރުފިޔާ އެކަމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކި ގޮތްގޮތުން ތަކުރާރުކޮށް ސަރުކާރުގައި އެެދިގެން ވެސް މިކަމަށް އިޖާބަ ދީފައި ނުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސިޓީ ކައުންސިލުން ނިންމީ ޢާންމު ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަން މިކަމުގައި ހޯދުމަށް ކަމަށާއި އެގޮތުން މިސްކިތްތަކަށް ފަންޑު ހޯދުމަށް ބޮޑު ޙަރަކާތެއް ބޭއްވުމަށް ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށް މޭޔަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން މިކަމަށް ސަރުކާރުގައި އެދި އެއްވެސް ވަރެއްގެ އިޖާބައެއް ލިބިފައި ނުވާތީ ފަންޑް ރައިޒިންގ އިވެންޓެއް ކުރިއަށް ގެންދަން ވަރަށް ބޮޑެތި ތައްޔާރީތައް ވިން. އެހެންނަމަވެސް އެކަން ސްކޫލް ބަންދު ދުވަސްވަރާ ދިމާވުމާއި އަދި ފަހުން މިހާރު ކޮވިޑުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމާ އެކީގައި އެ އިވެންޓް ވެސް ކުރިއަށް ނުގެންދެވިފައި މިވަނީ.
– މޭޔަރު މުޢިއްޒު
ޑރ. މުޢިއްޒު ވިދާޅުވީ ފަންޑް ހޯދުމުގެ ޙަރަކާތް މިވަގުތަށް މަޑުޖައްސާލަން ޖެހުނު ނަމަވެސް މިސްކިތްތަކުގެ މަރާމާތަށް ފަންޑު ހޯދުމަށް އެކި ގޮތްގޮތުން މިހާރުވެސް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ބޮޑެތި މަރާމާތުތަކަށް ބޭނުންވެފައި ހުރި ބައެއް މިސްކިތްތަކުގެ މަސައްކަތް މި ޙާލަތުގައި ވެސް ކައުންސިލުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިހާރު ވެސް ލިބިފައި އޮތް ބަޖެޓުންނާއި އަދި އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރެވޭ މިންވަރަކުން ބޮޑެތި މަރާމާތުތަކަށް އެބަ ފޯކަސް ކުރަން. މިސާލަކަށް ހުޅުމާލޭގައި ހުރި ސެންޓްރަލް މިސްކިތް މަރާމާތުކުރަން މިހާރު އެވަނީ ބަޔަކު ހޯދައި ޙަވާލުކުރެވިފައި. އަދި ވަރަށް އަވަހަށް ފުރުޤާން މިސްކިތުގެ މަސައްކަތް ވެސް ބަޔަކާ ޙަވާލުކުރާނަން. ދެންވެސް ބޮޑެތި މަރާމާތުތައް ކުރަންހުރި މިސްކިތްތަކަށް ފޯކަސް ކުރެވި އެކަންތައް ކުރިއަށް ގެންދާނަން.
– މޭޔަރު މުޢިއްޒު
މޭޔަރު ވިދާޅުވީ އުންމީދަކީ މިސްކިތްތަކަކީ އެންމެ ރީތިކޮށް ބެލެހެއްޓޭ ތަންތަނަށް ވުން ކަމަށާއި ކުރެވޭ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެންނާނެ ކަމަށެވެ. މިސްކިތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.