އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ހުޅުވައިފި

އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2022 08:07
0

ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގައި ޤާއިމްކުރެވުނު ޖުވެނައިލް ޑިޓެންޝަން ސެންޓަރ މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރ ހުޅުވައިދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. ޝަރަފްވެރި މެހެމާނުގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް އަލްފާޟިލް ޢަލީ ނަޒީރު އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޖުވެނައިލް ކޯޓުގެ އިސް ޣާޒީ އަލްއުސްތާޛް ޙަސަން ސަޢީދު އިބްރާހިމްގެ އިތުރުން ހިންމަފުށީ ކައުންސިލްގެ ރައީސް އަދި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މިއަދު ހުޅުވުނު މި ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ޤާއިމްކުރެވުނު ސެންޓަރެކެވެ.

މި ސެންޓަރުގެ ކޮންމެ ގޮޅިއެއްގައި 02 ކުދިންގެ ޖާގަ ހުންނަ 08 ގޮޅި މި ސެންޓަރުގައި އެކުލެވިގެންވެއެވެ.

މި ސެންޓަރުގައި މަސައްކަތްކުރުމަށް ޖުމްލަކޮށް 16 އޮފިސަރުން ތަމްރީން ކުރެވިފައިވާއިރު، މިވަގުތު ޑިއުޓީ ކުރާނީ ޖުމްލަ 07 އޮފިސަރުންނެވެ. މި އޮފިސަރުންނަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު، ޔޫއެންގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް)، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (ބެއިޖިންގ، ބެންކޮކް ކޮންވެންޝަން)، ކުޑަކުދިންނާ މުޢާމަލާތްކުރާނެ ގޮތް، އިންޑިވިޖުއަލް ލަރނިންގ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާއެއްގޮތަށް ވަނީ ތަމްރީންތައް ފޯރުކޮށްދެވިފައެވެ.

މި ސެންޓަރުގައި ބައިތިއްބާ ކުޑަކުދިންނަށް ކުދިންނަށް އެއްވެސް ހުއްޓުމެއްނެތި، އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުޞަތުއޮންނާނެއެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި ލައިފް ސްކިލްސް ކިޔަވާދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގައި ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުން މުޙިއްމު ފިޔަވަޅެއް މިއަދު އެޅިގެންދާ ދުވަހެއްކަމުގައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ ވާހަކަފުޅުގައި މި ޤާއިމުކުރެވޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކޮށްފައި އޮތް ވަރަށް މުޙިއްމުކަމެއްގެ ފެށުން ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ވޭތުވެ ދިޔަ 50 އަހަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތައް ބެލެހެއްޓުމަށާއި ޖަލަށް ޙުކުމްކުރާ ފަރާތްތަކުގެ ރިހެބިލިޓޭޝަންގެ މަސައްކަތްތަކަށް އިތުރުވެގެންދާ ކަމެއްކަމުގައި ވިދާޅުވިއެވެ.

މި މަސައްކަތަކީ 2019 ގެ އެމްސީއެސްގެ ބަޖެޓް ގެ ތެރެއިން ފަށައިގަނެވުނު މަސައްކަތެއްކަމަށާއި މިކަމަށް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށާއި މި މަސައްކަތަކީ އައްސޭރި ޖަލުގެ ވަރަށް ގިނަ މުވައްޒަފުންގެ ޤުރްބާނީއާއެކުގައި އަދި އެ ޖަލުގެ ގިނަ ޤައިދީންގެ ވަރަށް ބޮޑު ބައިވެރިވުމާއެކު ޤާއިމުކުރެވިގެންދާ މަސައްކަތެއްކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ.

އަދި ޤާނޫނުން ލާޒިމްކުރާ ފަދައިން މަރުކަޒުގައި މަސައްކަތްކުރާނެ ޚާއްސަ އޮފިސަރުން ޢައްޔަކުކުރެވިފައިވާކަމަށާއި އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް ފަށައިގަންފައިވާކަމަށާއި އަދި އިތުރު ތަމްރީނާއި ހުނަރު މުވައްޒަފުންނަށް ބޭނުންވާނެ ކަމަށާއި ކުރިއަށްއޮތްތަނުގައި އެމްސީއެސްގެ މަސައްކަތްތައް ރާވާ ބައްޓަންކުރަމުންގެންދާނީ މި މަރުކަޒު ބެލެހެއްޓުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާނެ ފަންނީ ލަފަޔާ އިރުޝާދު އަދި ތަމްރީންތައް ލިބޭނޭގޮތަށް ކަމުގައި ސީޕީ ވިދާޅުވިއެވެ. ކޮމިޝަނަރ އަޙްމަދު މުޙައްމަދުފުޅު އައްސޭރި ޖަލުގެ ހީވާގި އޮފިސަރުންނަށާއި ޤައިދީންނާއި އެމްސީއެސްގެ ކުރީގެ ބައެއް މުވައްޒަފުންނާއި ކޮމިޝަނަރުންގެ އަގުހުރި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއަށާއި ޔުނިސެފް މޯލްޑިވްސްއިން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މީގެ ކުރިން ޖަލުގައި ތިބި ކުދިންނަށް ތަޢުލީމީ އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ހިންމަފުށީ ސްކޫލާއި ކައުންސިލަށް ސީޕީ ޝުކުރުއަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.