ޕާޓީތަކުގެ އެދުމުގެ މަތިން، އުމުރުން 80 އަހަރުގެ މަޓަރެއްލާ އިޓަލީގެ ރައީސްކަމުގައި އިތުރު ދައުރަކަށް ދެމިހުރުމަށް އެއްބަސް ވެއްޖެ

ޕާޓީތަކުގެ އެދުމުގެ މަތިން، އުމުރުން 80 އަހަރުގެ މަޓަރެއްލާ އިޓަލީގެ ރައީސްކަމުގައި އިތުރު ދައުރަކަށް ދެމިހުރުމަށް އެއްބަސް ވެއްޖެ

Author
ހުސެއިން
30 ޖެނުއަރީ 2022 06:44
0

އިޓަލީގެ ވެރިކަން ކުރާ ކޯލިޝަނަށް އެގައުމުގެ ރައީސްކަމަށް އިންތިޚާބު ކުރާނެ ބޭފުޅަކާމެދު އެއްބަސް ނުވެވި، މިހާރުގެ ރައީސް، ސާގިއޯ މަޓަރެއްލާ، އިތުރު ދައުރަކަށް އެގައުމުގެ ރައީސްކަމުގައި ދެމި ހުރުމަށް އެއްބަސް ވެއްޖެއެވެ.

އިޓަލީގެ ކުރިޔަށް އޮތް ދައުރަށް އެގައުމުގެ ރައީސް އިންތިޚާބު ކުރުމަށް 6 ދުވަސް ވަންދެން ވެރިރަށް ރޯމުގައި ބޭއްވުނު ވާދަވެރި ވޯޓުތަކުންވެސް ހުރިހާ ޕާޓީއަކަށް އެއްބަސްވެވޭ ނަތީޖާއެއް ނުނެރެވި އެންމެ ފަހުން އެންމެންނަށް އެއްބަސް ވެވޭ ބޭފުޅަކަށް ވެގެން ދިޔައީ އުމުރުން 80 އަހަރުގެ، މިހާރުގެވެސް ރައީސް ސާގިއޯ މަޓަރެއްލާއެވެ.

އޭނާ މީގެ ކުރިން މި ދައުރަށްފަހު އިތުރަށް އިޓަލީގެ ރައީސް ކަމުގައި ނުހުންނެވުމަށް ނިންމަވާފައި ވިނަމަވެސް، އިޓަލީގެ ލޯކަލް މީޑިއަތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިޓަލީގެ އެއްބައިވަންތަ ކަމަށްޓަކާ މަގާމުގައި ދެމި ހުންނެވުމަށް އޭނާއަށް ހިތްވަރު ދެއްވާ އަދި އެއްބަސް ކުރުވާފައިވަނީ އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރަގީއެވެ.

އަށް ބުރަށް ގާނުނުހަދާ މަޖިލިހުގެ މެމްބަރުންގެ މެދުގައި ބޭއްވުނު ވޯޓު ލުމަށްފަހު އޭނާ މަގާމަށް އައްޔަން ކޮށްފައިވަނީ މިހަފްތާގެ ހޮނިހިރު ދުވަހުއެވެ.

މިހަފްތާގެ ހޮނިހިރު ދުވަހުގެ ވޯޓު ލުމަށްފަހު ވާހަކަ ދައްކަވަމުން މަޓަރެއްލާ ވިދާޅުވެފައިވަނީ ގައުމަށް ކުރިމަތިވަމުންދާ ސިއްޙީ އަދި އިގްތިސާދީ ގޮންޖެހުންތަކުގެ ބޮޑުކަމުން، މަގާމުގައި ދެމިހުންނެވުމަކީ މުހިންމު ކަމެއްކަމުގައި އޭނާގެ ޒަމީރު ގަބޫލު ކޮށްފައިވާ ކަމުގައެވެ.

އިޓަލީގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ކުރީގެ ފަނޑިޔާރެއްކަމުގައިވާ މަޓަރެއްލާ ވިދާޅުވެފައި ވަނީ، "އަހަރެންގެ އަމިއްލަ އެދުމުގެ މައްޗަށް ގައުމީ ޒިންމާ އިސްކުރަން ޖެހޭ،" ކަމުގައެވެ.

މަޓަރެއްލާ އިޓަލީގެ ރައީސްކަމުގެ މަގާމަށް އަލުން އިންތިޚާބު ވެގެން ދިއުމާއި ގުޅިގެން އިޓަލީގެ ބޮޑުވަޒީރުވަނީ އޭނާ ތައުރީފު ކުރައްވާ، އެއީ "އިޓަލީގެ ރައްޔިތުންނަށް ލިބިގެންދިޔަ އުފާވެރި ޚަބަރެއް" ކަމުގައި ވިދާޅު ވެފައެވެ.

"ދެވަނަ ދައުރަކަށް އިންތިޚާބު ވުމަށް، ލިބިގެންދިޔަ، ގާނޫނުހަދާ މަޖިލިހުގެ ވަރުގަދަ ތާއީދަކާއެކު، މަގާމުގައި ދެމި ހުންނެވުމަށް ރައީސް ނިންމެވި ނިންމެވުމަށް ޝުކުރު ދަންނަވަން،" އިޓަލީގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

އިޓަލީގެ ވެރިކަން ކުރާ ކޯލިޝަނުން މަޓަރެއްލާ މަގާމަށް އިންތިޚާބު ކުރުމަށް ނިންމާފައިވަނީ، 6 ފަހަރަށް ވޯޓު ލައިގެންވެސް އެންމެންނަށް އެއް ކެޑިޑޭޓަކާމެދު އެއްބަސް ނުވެވި، އުފެދިގެންދިޔަ ބޮޑެތި ޚިޔާލު ތަފާތުވުން ތަކަށްފަހުގައެވެ.

އިޓަލީގެ ރައީސަކު އިންތިޚާބު ކުރަނީ، 1009 ސެނެޓަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުންނާއި، ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންނާއި އަދި ބައެއް ރީޖަނަލް ޑެލިގޭޓުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

މަޓަރެއްލާ މަގާމަށް އިންތިޚާބު ވެވަަޑައިގަތީ، އެހެން ކެނޑިޑޭޓުންގެ ވޯޓުގައި ގާނޫނުހަދާ މަޖިލިހުގެ ގިނަ މެމްބަރުން ބައިވެރި ނުވުމާއި އަދި އެހެން ޕާޓީތަކުން ދެއްކި ކެނޑިޑޭޓުންނަށް ބޭނުންވާވަރަށް ވޯޓު ހަމަ ނުކުރެވިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.