ދިވެހި ސަރުކާރު ދެން ހަދާނީ ދިވެހި ރާއްޖެއަކީ އިންޑިޔާގެ އަވަށެއްކަމަށް ކަނޑައަޅާ ގާނޫނު ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގާނޫނެއް ފާސްކުރުމަށްޓަކައި، އެގާނޫނުގެ ބިލް އެކުލަވާލައި، ބިލް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވަނީ ފަށާފައެވެ.
މިބިލު މަޖިލީހަށް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަދުރޭ ވިދާޅުވީ މިހާރު އޮތް ސަރުކާރުން ދެން ހަދާނީ ދިވެހި ރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމުގައި ކަނޑައަޅާ ޤާނޫނު ކަމަށެވެ. މިހާރު ސަރުކާރުގައި ތިބި މީހުންނަކީ ރައްޔިތުންނާއިމެދު އެއްވެސް ލޯތްބެއް އޮތް ބަޔަކަށް ނުވާއިރު، މިހާ ޚުދުމުހުތާރު ބަޔަކާއި ދެކޮޅަށް ދިވެހި ރައްޔިތުން ނިކުންނަން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ޣައްދާރުންގެ ސަރުކާރު ދެން ހަދާނީ ދިވެހި ރާއްޖެއަކީ އިންޑިޔާގެ އަވަށެއްކަމަށް ކަނޑައަޅާ ގާނޫނު. ގައުމާއި ރައްޔިތުންނަށް ކުޑަވެސް ލޯތްބެއް ހުރި ދިވެހި ދަރިޔަކު ނަމަ މި ޣައްދާރުންގެ ކޯލިޝަން ސަރުކާރާ ދެކޮޅަށް ތެދުވަންޖެހޭ ވަގުތު މި އޮތީ ޖެހިފައި.
– އަދުރޭ ވިދާޅުވިއެވެ.
މިބިލަކީ ސީދާ އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް އެކުލަވާލެވޭ ބިލެއްކަން ބިލުގެ ޓްރާފްޓަށް ބަލައިމުން ހާމަވެއެވެ. މިބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެއެވެ.
ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެއެވެ.
މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.
ކޮމެންޓު ފޮނުވާ