ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ މާދަމާގެ ޝެޑިއުލްގައި ބުނާ ގޮތުން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން ފެށުމަށް ހަމަ ޖެހިފައިވަނީ ހެނދުނު 9:30 ގައެވެ. ރައީސް ޔާމީންގެ ޝަރީއަތް މާދަމާ ބާއްވާއިރު، ކޯވިޑްގެ ހާލަތު ގޯސްވުމުން ކަމަށްވުނެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ ޝަރީއަތް މިހާލަތުގައި ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މާދަމާގެ އަޑުއެހުމުގައި އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލައިގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތް ލައިވް ކޮށްދިނުމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވަނީ އެދިފައެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ އަންމުކޮށް ހުޅުވާލައިގެން ޝަރީއަތް ކުރުމަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މިޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް ޑރ.ޖަމީލް ވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް މިމައްސަލާގައި ދައުވާ އުފުލާފައިވާ ޔޫސުފް ނަޢީމްގެ ފަރާތްޕުޅުންވަނީ ޝަރީއަތް ލައިވް ކުރުމަށް އިންކާރުކޮށްފައެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ލައިވްކޮށް ގެންދިޔަ ނަމަވެސް މިމައްސަލާގައި އޭނާގެ މައްސަލަ ވަކިން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.
މިމައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ މައްސަލަ ކޯޓުން ކުރިއަށް ގެންދަނީ އެހެން އާންމު މައްސަލަތަކެކޭ ވެސް އެއް އުސޫލަކުން ކަމަށެވެ. އަދި ޝަރީއަތް ލައިވްކުރަން އެދިފައިވާތީ އެކަމާމެދު މިހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.