ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް އެއްވެސް ނުފޫޒަކާއި ނުލައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެރިކަން ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ދެއްކި ވާހަތަކަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ރައްދު ދެއްވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓު ދެއްވާއިރު، ނުފޫޒާއި ފިއްތުންތަކަށް ބޯނުލަނބައި، ޤާނޫނުން ކަށަވަރުކޮށްދީފައިވާ އަމިއްލަ އިޚްތިޔާރުގައި ވޯޓު ލުމުގެ ޙައްޤު އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ވަނީ ގޮވާލާފައެވެ.
އެމްއާރުއެމްގެ މިވާހަތަކާއި ގުޅިގެން މޫސަ ވިދާޅުވީ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި އިންތިޚާބުތަކަށް ކަޑަޖެހި ހަނދާންތަކާއި، ވޯޓުފޮށި މަތީގައި ބަނޑުއެޅި ހަނދާން ނެތުމަކީ މިއަދު ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށެވެ. މިއަދު ވެރިކަން ކުރާ ކޯލިޝަންގައި އޮވެމެ އިންތިޚާބެއް އައުމުން ކޯލިޝަނާއި ފެއަށް މަސައްކަތް ކުރަނީ ކޮން ނިޔަތެއްގައި ކަމާމައިދު ސުވާލު އުފެދޭކަމަށް މޫސަ ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަންތޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.
30 އަހަރުވަންދެން އިންތިޚާބަށް ކަޑަޖެހިހަދާނެއް ނެތް؟ ކަތީބުން ލައްވާ، ވޯޓު ފޮށިމަތީ، ބަނޑުއެޅުއްވި ހަނދާނެއްނެތް؟ ޚިޔާލުތަފާތުވި އެންމެނާ ޅިޔަނުވެސް ޖަލައްލީ ހަނދާނެއްނެތް؟ މިސަރުކާރަކީ ތިމާގެ ހިއްސާއޮވެ ހިނގާ ސަރުކާރެއްކަން ހަދާނެތްނެތްތޯ؟ ރިޔާސީ އިނތިޚާބަށް ދޮންކުރަނީތަ؟
– މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ގުޅިގެން ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ކެންޕެއިން ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ގޮވާލައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފޯރި އާއެކު އެކި ޕާޓީތަކުން ކެންޕެއިން ކުރަމުންދާއިރު، އިންތިޚާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާއިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ދަނީ ފެންމަތިވަމުން ކަމަށެވެ.
އިންތިޚާބުތަކާ ގުޅުވައި، ރައްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫޢުތައް ހިންގުމާއި، ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ޙައްޖާއި ޢުމްރާ ދަތުރާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ޚިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިޚާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ހިނގާފައިވާ ކަންތައްތަކެއްކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ.
ހަމަ މިއާއެކު، ކެންޕެއިންގެ ދުވަސްވަރު ޤާނޫނާ ޚިލާފު ކަންކަން ނުހިނގާކަން ކަށަވަރުކޮށް، ކުރިއަށް އޮތް އިންތިޚާބަކީ އިންސާފުވެރި ސައްޙަ އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނާއި، ކަމާއި ގުޅޭ އެހެނިހެން މިނިވަން މުއައްސަސާތައްވެސް، ޒިންމާދާރު ކަމާއި، ޤާނޫނުން ލިއްބައިދީފައިވާ ފުރިހަމަ ބާރާއިއެކު މަސައްކަތް ކޮއްދެއްވުމަށްވެސް އެމްއާރުއެމުންވަނީ ގޮވާލާފައެވެ.
2 Responses
އަނެއްކާ މައުމޫނާ ބެހިގަތީ ދޯ
ރީކޯމޫސަ ލޮލަކަށް ނިންޖެއް ނާންނާނެ ރައީސްމައުމޫނުޢާ ބެހިނުލައެއް ވަރަށް ވަރަށްސާފް އިނގޭތޯ