ޗިލީގެ ވާތުފިޔައިގެ އިންތިޚާބީ ރައީސް ގެބްރިއެލް ބޮރިކް، އަންހެން ކަނބަލުންގެ މެޖޯރިޓީ އޮތް އޭނާގެ ކެބިނެޓް އިއުލާން ކުރައްވައިފިއެވެ. އަދި މީގެތެރޭގައި ހިމެނޭ ގިނަ މެމްބަރުންނަކީ، އެގައުމުގައި ކުރިން ކުރިޔަށްދިޔަ ކިޔަވާކުދިންގެ މުޒާހިރާތަކުގައި އިސް ސަފުގައި ހަރަކާތްތެރިވީ ފަރާތްތަކެވެ.
ކިޔަވާ ކުއްޖެއްގެ ގޮތުގައި ޗިލީގެ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކްޓިވިސްޓެއް ކަމަށްވާ، ގާނޫނުހަދާ މަޖލިހުގެ ވާތުފިޔައިގެ މެމްބަރަކު ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، ރިޔާސީ އިންތިޚާބުގައި ޖުމްލަ ވޯޓުގެ 56 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. އޭނާއާއި ވާދަކުރެއްވި ކޮންޒަވޭޓިވް ކެނޑިޑޭޓް ޖޯސް އެންޓޯނިއޯ ކާސްޓަށް ކާމިޔާބު ކުރެވިފައިވަނީ ވޯޓުގެ 44 އިންސައްތައެވެ.
މި ހަފްތާގެ ހުކުރުދުވަހު އިއުލާންކުރެއްވި، އިންތިޚާބީ ރައީސް ބޮރިކް އެކުލަވާލެއްވި 24 ވަޒީރުންގެ ކެބިނެޓްގައި 14 އަންހެން ކަނބަލުން ތިއްބަވައެވެ. އޭގެތެރޭގައި، 1973ވަނަ އެގައުމުގައި ގެނެވުނު ބަޢާވާތެއްގައި ވެރިކަމުން ދުރުކުރެވުނު ސޯޝަލިސްޓް ރައީސް ސަލްވަޑޯރ އަލެންޑޭގެ ކާފަ ދަރިކަބަލެއް ކަމުގައިވާ މާޔާ ފެނާންޑޭސް ހަމަޖައްސަވާފައިވަނީ ޑިފެންސް މިނިސްޓަރުގެ މަގާމަށެވެ.
ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލައްޓާ ވުޒާރާ ކަމުގައިވާ އިންޓީރިއަރ މިނިސްޓްރީއަށް އައްޔަން ކޮށްފައިވަނީ ދާދި ފަހަކާ ޖެހެންދެން އެގައުމުގެ ނޭޝަނަލް މެޑިކަލް އެސޯސިއޭޝަންގެ ވެރިއެއްގެ ގޮތުގައި ހުންނެވި ޑރ. އިޒްކިއާ ސިޝެސްއެވެ.
"އަހަރެމެން މި ޓީމް އެކުލަވާލާފައިވަނީ، ތައުލީމާއި ތަޖުރިބާހުރި، އަދި ގައުމު އެދި ގޮވަމުންދާ ބަދަލުތައް ގެނައުމަށް ތައްޔާރަށް ތިބި މީހުން ހިމަނައިގެން،" ބޮރިކް ވިދާޅުވެފައި ވެއެވެ.
ޗިލީގެ ރައިސްކަމުގެ ހުވާ އަންނަ މާރޗަމަހުގެ 11ވަނަ ދުވަހު ކުރެއްވުމުގެ ކުރިން އުމުރުން 36 އަހަރު ފުރޭ ބޮރިކް އޭނާގެ ކެބިނެޓް އިއުލާން ކުރައްވާފައި މިވަނީ އޭނާ ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.
މިހާރު އުމުރުން 35 އަހަރުގެ ގެބްރިއެލް ބޮރިކް ވެވަޑައިގަންނަވާނީ ޗިލީގެ ތާރީޚުގައި ވެރިކަމަށް ވަޑައިގަންނަވާ އެންމެ ޒުވާން ބޭފުޅާއަށެވެ.
ދައުރު ފުރިހަމަކުރައްވާ ވަޑައިގަންނަވާ މިހާރުގެ ރައީސް، ކޮންޒަރވޭޓިވް ބިލިއަނަރެއް ކަމުގައިވާ، ސެބަސްޓިއަން ޕިނޭރާވަނީ ގެބްރިއެލް ބޮރިކްއަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅުއްވާ، އިންތިގާލީ 3 މަސްދުވަހުގެ ތެރޭގައި އޭނާގެ ފުރިހަމަ ތާއީދު ދެއްވާނެކަމަށް ވިދާޅުވެފައެވެ.
"އަހަރެން ވެގެންދާނީ ޗިލީގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް،" މިހާރުގެ ރައީސް ޕިނޭރާއާއި އެކީ ކުޑަ ވަގުތުކޮޅަކަށް ޓީވީގައި ވާހަކަ ދައްކަވަމުން ގެބްރިއެލް ބޮރިކް ވިދާޅުވެފައި ވެއެވެ.
ބޮރިކް އެންމެ ފުރަތަމަ ސިޔާސީ މަސްރަހަށް ވެދެ ވަޑައިގެންނެވީ، އެތައް އަހަރެއް ވަންދެން ޗިލީއަށް އިގްތިސާދީ ކުރިއުން ގެނުވި، އެހެންނަމަވެސް، ރައްޔިތުންގެ މެދުގައި އޮތް މާލީ ހަމަހަމަކަން ނެތިގެންދިޔަ އިގްތިސާދީ ސިޔާސަތު ކަމުގައިވާ، ޗިލީގެ މާކެޓް އޮރިއެންޓެޑް އިކޮނޮމިކް މޮޑެލްއާއި މެދު ރައްޔިތުންގެ ހިތްކުގައި އުފެދިގެން ދިޔަ ރުޅިވެރިކަމުގެ ތެރެއިންނެވެ.
ރައްޔިތުންގެ މެދުގައިއޮތް މި އިގްތިސާދީ ތަފާތުތަކުގެ ނަތީޖާއެއްގެ ގޮތުން 2019ވަނަ އަހަރު އެގައުމުގައި ސަރުކާރާ ދެކޮޅަށް އެތަކެއް ރައްޔިތުން މަގުތަކަށް ނިކުމެފައި ވެއެވެ. އަދި ހަމަ މި ނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަމަށް ތާއީދު ކުރާ ވާތުފިޔައިގެ މީހުންގެ ބާރުގަދަވެ، އެއްތައް ޒަމާނެއް ވަންދެން އެގައުމުގައި އަމަލް ކުރަމުންއައި، ޚުދުމުޚްތާރު ވެރިކަމަށް ޖާގަދެމުންއައި ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ދިޔައެވެ.
ޗިލީގެ އެންމެ ދެކުނަށް ނިސްބަތްވާ ބޮރިކް ވަނީ ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުން ސެންޓިއާގޯގައި ހުންނަ ޔުނިވަރސިޓީ އޮފް ޗިލީގެ ފެޑެރޭޝަން އޮފް ސްޓޫޑަންސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާފައެވެ.
އަދި 2014ވަނަ އަހަރު، އުމުރުން އެންމެ 20 އަހަރުގައި ޗިލީގެ ދަށުގޭގެ މެމްބަރެއްގެ ގޮތުގައި އެގައުމުގެ ނޭޝަނަލް ކޮންގްރެސް (ގާނޫނުހަދާ މަޖިލިސް) އަށް އޭނާވަނީ ވަންނަވާފައެވެ. އޭނާ ތަމްސީލު ކުރައްވާފައިވަނީ، އެގައުމުގެ އެންމެ ދެކުނުގެ އާބާދީ ބޮޑު ސަރަހައްދެއް ކަމުގައިވާ މަގަލަނިސްއެވެ.
ރިޔާސީ ކެމްޕޭންގައި އޭނާވަނީ، 1973 އިން 1990 އަށް، ކުރީގެ ޚުދުމުޚްތާރު ވެރިޔާ ޖެނެރަލް އޮގަސްޓޯ ޕިނޯޗޭ ގެންގުޅުއްވި އިގްތިސާދީ ސިޔާސަތު ކަމުގައިވާ "ނިއޯލިބަރަލް" އިކޮނޮމިކް މޮޑެލް "ވަޅުލައްވާނެ"ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި މުއްސަދިން މަހުޖަނުންގެ އަތުން ދައުލަތަށް ޓެކްސް ނަންގަވާ، އިގްތިސާދީ ހަމަހަމަ ކަން ގާއިމްކުރައްވާ، އިޖުތިމާޢީ އެހީތެރިކަން އިތުރު ކުރައްވާ، އަދި ތިމާވެށި ހިމާޔަތް ކުރެއްވުމަށް އެފައިސާ ޚަރަދު ކުރައްވާނެކަމަށް އޭނާވަނީ ވައުދުވެ ވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ