ރަނގަޅު ރަޙްމަތްތެރިއަކީ ދެ ދުނިޔޭގެ ކާމިޔާބުގެ މަގަށް ތިމާ މިސްރާބުކޮށްދޭނެ މީހެއް: ޚުޠުބާ

ރަނގަޅު ރަޙްމަތްތެރިއަކީ ދެ ދުނިޔޭގެ ކާމިޔާބުގެ މަގަށް ތިމާ މިސްރާބުކޮށްދޭނެ މީހެއް: ޚުޠުބާ

ގުޅުންހުރި

ރަނގަޅު ރަޙްމަތްތެރިޔަކީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބީގެ މަގަށް އެމީހާ މިސްރާބުކޮށްދޭނެ މީހެއްކަމަށް ބަޔާންކޮށް ހެޔޮލަވާ ރަޙްމަތްތެރިން ޚިޔާރުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ހެޔޮލަފާ ރަޙްމަތްތެރިން އިޚްތިޔާރުކުރުން" މި މަޢުޟޫއަށެވެ.

ހުކުރު ޚުޠުބާގައި ވަނީ ހަރުބަހެއް ގައިވާ ގޮތުގައި ރަޙްމަތްތެރީން އެނގޭނީ މުޞީބާތުގެ ވަގުތުގައިކަމަށް މިސާލު ނަންގަވާ، މީހަކާ މުޞީބާތެއް ނުވަތަ ކާރިޘާއެއް ނުވަތަ ދަތިކަމެއް ކުރިމަތިވުމުން، އޭނާގެ ގާތުގައި އެކުވެރިންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު، އޭނާ ދޫކޮށް ދުރަށް ދާތަން ފެންނަކަމަށް ވިދާޅުވެ ރަނގަޅު ރަޙްމަތްތެރިން އިޚްތިޔާރުކުރުމަށް ގޮވާލައްވާފައެވެ.

ﷲ ގެ ނަބިއްޔާ އައްޔޫބުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ މުއްސަނދިކަމާއި، ތަނަވަސްކަން ގެއްލިގެން ދިޔަ ވަގުތު، އަދި އެކަލޭގެފާނުގެ ބޭފުޅުން އަވަހާރަވުމުން، އެކަލޭގެފާނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނާއި، އެކަލޭގެފާނުގެ މަޖިލީހަށް ޙާޒިރުވަމުން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު، އެކަލޭގެފާނު ދޫކޮށް، ދުރަށް ދިޔައެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބި އިޚްލާޞްތެރި މަދު ރަޙްމަތްތެރީންކޮޅެކެވެ. އިބްނު ޙައްސާން ރިވާކުރައްވާފައިވާ ގޮތުގައި، އައްޔޫބުގެފާނު މި އާލާސްކަންފުޅުގައި، އަށާރަ އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނު ދޫކޮށްނުލައި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރަމުން ދިޔައީ ހަމަ އެންމެ ދެ މީހެކެވެ.

– ހުކުރު ޚުޠުބާ

ޚުޠުބާގައިވަނީ، ރަޙްމަތްތެރީންނަކީ ޖަމާޢަތެއްގެ ކުރިއެރުމާއި، ފަހަތަށް ޖެހުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބަޔެއްކަން ހަނދާންކޮށްދީފައެވެ. ހިތްހަމަޖެހުމާއި، ނުތަނަވަސްކަން ގެނެސް ދިނުމުގައި، އެމީހުންގެ އަސަރު ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ. މީހުންގެ ޙަޔާތާއި، ވިސްނުމާއި، ފިކުރަށް ވެސް، ރަޙްމަތްތެރީންގެ އަޘަރު ވަރަށް ވެސް ބޮޑުކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމް އަޚުންނޭވެ! ރަޙްމަތްތެރީން އިޚްތިޔާރު ކުރުމުގައި، އިސްލާމް ދީން އަޅުގަނޑުމެންނަށް މަތިވެރި އިރްޝާދުތަކެއް ވަނީ ދެއްވައިފައެވެ. ރަޙްމަތްތެރިކަމުގެ ގުޅުން އުފެދި ބޮޑުވެފައި ވަނީ، އިޚްލާޞްތެރިކަމާއި، މަތިވެރި މަޤްޞަދެއްގައި ކަމުގައި ވާނަމަ، އެއީ މާތް ﷲ، އެކަމުގައި ބަރަކާތް ލައްވަވާނެ ގުޅުމެކެވެ. އެއީ ދޯދިޔާ، ނުބައި ގުޅުމެއް ކަމުގައި ވާނަމަ، އޭގެ ނުބައިކަން މާތް ﷲ، އެފަރާތަކަށް ރައްދު ކުރައްވާނެއެވެ.

– ހުކުރު ޚުޠުބާ

އިންސާނެއްގެ ހިތަށް އީމާންކަން ވަދެ، އެކަމުގެ ފޮނިކަން އިޙްސާސް ކުރެވިއްޖެ ނަމަ، އޭނާގެ އެކުވެރިކަން އޮންނާނީ މިއުޞޫލުގެ މަތީގައިކަމށާއި، މި
އެކުވެރިކަމަކީ، ވަކި އެދުމެއް ޙާޞިލުކުރުމަށް ޓަކައި، އުފެއްދޭ ގުޅުމަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އެފަދަ މީހުން ގުޅުން ކަނޑާނީ ވެސް، ހަމަ އެ އުޞޫލުންކަމަށާއި،
ތެދުވެރި ސާފު ރަޙްމަތްތެރިކަމަކީ، އިސްލާމް ދީން އެކަމަށް ގޮވައިލާ، އެކަމަށް ބާރުއަޅާ ކަމެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މިފަދަ އެކުވެރިކަން ޤާއިމުކޮށް، މާތް ﷲ އަށް ޓަކައި އެކަން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވައިލާކަމަށާއި، މާތް ﷲ ގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާނެ ދުވަހުގައި، ހަތް މީހަކަށް އެކަލާނގެ ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. މި ހަތް ގިންތީގެ ތެރޭގައި، ހިމެނޭ އެއް ގިންތިއަކީ، މާތް ﷲ އަށްޓަކައި، އެކަކު އަނެކަކު ދެކެލޯބިވާ މީހުންގެ ގިންތިކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައިވަނީ، ރަޙްމަތްތެރީންގެ އަސަރަކީ، ވަރަށް ވަރުގަދަ، ވަރަށް ބާރުގަދަ ނުފޫޒެކެވެ. އެހެންކަމުން ރަޙްމަތްތެރީން އިޚްތިޔާރު ކުރާއިރު، ވަރަށް ރަނގަޅަށް
ބަލައި، ރަނގަޅު މީހުން ހޮވަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

ރަޙްމަތްތެރީންނަކީ، ވާޖިބުތައް އަދާކުރުމުގައްޔާއި، ޙައްޤުތަކަށް ރައްކާތެރިކުރުމުގައި އެހީވެދޭ ބައެއްނަމަ އެއީ ހެޔޮ ރަޙްމަތްތެރީންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މިފަދަ ރަޙްމަތްތެރީންގެ ރަޙްމަތްތެރިކަން ދަމަހައްޓަންވާނެކަމަށާއި، ރަނގަޅު ރަޙްމަތްތެރިއަކީ، ދުނިޔެއާ އާޚިރަތުގައި ކާމިޔާބީގެ މަގަށް އެމީހާ މިޞްރާބު ކޮށްދޭނެ މީހެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މިއާ ޚިލާފަށް ނުބައި ރަޙްމަތްތެރިޔަކީ، އޭނާގެ އެކުވެރިޔާގެ ވެސް އެ ރަޙްމަތްތެރި ކަމުގެ ސަބަބުން، އަނެކާ ހަލާކުވެގެން ހިނގައިދާނެކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ