ޤިޔާމަތްދުވަހު، ކޮންމެ މީހަކު ވެސް ﷲ ގެ ދަރުބާރަށް ޙާޟިރުވާނީ އެ މީހަކު މި ބިންމަތީގައި އުޅުނު އިރު، ކުޅަ ޢަމަލަކާއިގެންކަމަށްވާއިރު، ޤިޔާމަތް ދުވަހާއިމެދު ޢާފިލު ނުވުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާ ޚާއްސަކޮށްފައިވަނީ ޤިޔާމަތް ދުވަހާއިމެދު ޢާފިލުނުވުމާއި، ޤިޔާމަތް ދުވަހަށް ސަމާލުވުމާއި ގުޅޭގޮތުންނެވެ. މިއަދުގެ ހުތުބާގައި ބުނެފައިވަނި ޤިޔާމަތްދުވަހު، ކޮންމެ މީހަކު ވެސް ﷲ ގެ ދަރުބާރަށް ޙާޟިރުވާނީ އެ މީހަކު މި ބިންމަތީގައި އުޅުނު އިރު، ކުޅަ ޢަމަލަކާއިގެންކަމަށްވާއިރު، ދުނިޔެވީ ޙަޔާތުގެ އަރާމާއި ލައްޛަތަށް ހެއްލި، އުޚްރަވީ ޙަޔާތާމެދު ޣާފިލުވެފައިވާ މީހާގެ ގާތަށް މަރު އަންނަ ހިނދު، ތިމާގެ ބޮޑާކަމާއި ކިބުރުވެރިކަމާއި އަނިޔާވެރިކަމުގެ ނިމުން އަތުވެއްޖެކަން އެނގި ކަށަވަރު ވާކަމަށެވެ. އަދި ތިމާގެ ނުކުޅެދުންތެރިކަމާއި ނިކަމެތިކަން ޔަޤީންވެ، އޭނާގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ ގަދަ ކީރިތިވަންތަ ﷲގެ ޙަޟްރަތުގައި އަލުން ދުނިޔެއަށް ފޮނުއްވައި ދެއްވުން އެދި އޭނާ ދަންނަވާނެ ކަމަށެވެ.
ނަމަވެސް އެ ފުރުޞަތެއް އޭނާއަކަށް ނުލިބޭނެ އެވެ. އެއީ ﷲގެ ފޮތްތަކާއި ގެނެސްދެއްވި ގޮތްތަކަށް ގޮތްތަކަށް ފުރަގަސްދީ، އެކަންކަމަށް ގޮންޖަހައި، މަލާމާތްކޮށްފައި ވާތީއެވެ. އެފަދަ މީހުންނަކީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މަތިން ހަނދާން ނައްތައިލި މީހުންނެވެ. އެފަދަ މީހުންގެ މަޤާމަކީ ނަރަކަ ފިޔަވައި ދެން ކޮންތަނެއްތޯއެވެ؟ ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. އެހީތެރިކަމަށް އެދޭނޭ ފަރާތެއް ސަލާމަތްވާން ދާނެ ތަނެއް ނެތެވެ.
އިންސާނާ މަރުވެ، ކަށްވަޅަށް ދިއުމާ ހަމައިން ޤިޔާމަތުގެ މަރުޙަލާ ފެށޭއިރު، ކަށްވަޅު ވެގެންދަނީ އާޚިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލްކަމަށެވެ. މި މަންޒިލަށް އިންސާނާ ދާން މި ޖެހެނީ، އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައެވެ. އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަކީ ދުނިޔޭގައި ހުރިއިރު، އޭނާ ކޮށްފައިވާ ހެޔޮ ޢަމަލުތަކެވެ. ނަމަވެސް ދުނިޔޭގައި ނުބައި ޢަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެ ނުބައި ޢަމަލުތަކެވެ. އެ ޢަމަލުތައް، ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައެވެ. ޤިޔާމަތްވުމާ ހަމައަށް އެ މީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެންމެ ނުބައި ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ޚިލާފަށް ހެޔޮ ޢަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ، ސުވަރުގޭގެ ބަގީޗާއަކަށް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
އާޚިރަތް ދުވަހާ މެދު ޣާފިލުވެ، އެ ދުވަހުގެ ބިރުވެރިކަން ހަނދާން ނައްތާލައި، މި ކެހިވެރި ދުނިޔޭގެ އަރާމާއި އުފަލުގެ ފަހަތުން ދަނީ، ﷲގެ އަޅުތަކުންގެ ތެރެއިން ކިތައް ކިތައް މީހުންތޯއެވެ؟ ﷲ ތަޢާލާ ދެއްވާފައިވާ ޢުމުރުގެ އަގުބޮޑު ވަގުތު، ފައިދާއެއް ނެތް ކަންކަމުގައި ބޭކާރުކޮށްލަނީ ކިހާގިނަ ބަޔަކުތޯއެވެ؟ ލައްނަތް ލެއްވިގެންވާ ޝައިޠާނާ ވަނީ އޭނާގެ ދަންތުރައިގައި އެބައިމީހުން ޖައްސައި، ދުންޔަވީ ލައްދަތާއި ޝަހުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އަޅުވާފައެވެ. ޝައިޠާނާގެ މި ދަންތުރައިން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ، ޝައިތާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ހިތްތައް، އީމާންކަމުގެ ނޫރުން އަލިކުރުމެވެ. ފަނާވެދަނިވި ދުނިޔޭގެ މި ކުރު ދަތުރުގެ މަޤްޞަދާ މެދު ފުންކޮށް ވިސްނައި، މި ދަތުރު ނިންމައިލަންޖެހޭ މަންޒިލު ކަމުގައިވާ އާޚިރަތުގެ މަތީން ތާއަބަދު ހަނދުމަކުރުމުގައި ސާބިތުވެ ތިބުމެވެ.
ހުތުބާގައިވަނި ޤިޔާމަތް ވުމުގެ ބިރުވެރި މަންޒަރާއި ގުޅޭ މުހިންމު ސުވާލުތަކެއް މީސްތަކުންގެ ހިތްތަކަސް ގެނެސްދީ އެކަންކަމާއިމެދު ފިކުރު ކުރުމަށް ގޮވާލާފައެވެ. ޤިޔާމަތްވާ ދުވަހު މާސިންގާ އުޑުތައް ފަޅަފަޅައިގެން ގޮސް ކުދިކުދިވެގެންދާ މަންޒަރު ހިތަށް ގެނެވޭ ހެއްޔެވެ؟ ބިންމަތީގައި ގަދަފަދައަށް ސާބިތުވެފައި ހުރި ބޮޑެތި ބިޔަ ފަރުބަދަތައް، ބިމުން އުފުރިގެން ގޮސް ފުނޑުފުނޑުވެ، ލުއި ކަފަކޮޅުތަކެއް ފަދައިން މީސްތަކުންގެ ބޯމަތީގައި އެނބުރެމުންދާ މަންޒަރު ތަޞައްވުރު ކުރެވޭ ހެއްޔެވެ؟ މީސްތަކުންގެ ބޯމަތީގައި މިވާ އިރު، އެބައިމީހުންގެ ބޮލާ ދާދި ކައިރިއަށް ތިރިވެ، ގާތްވުމުގެ ސަބަބުން، އެވާ ގަދަހޫނަށް ކެތްނުކުރެވިގެން، އުޅޭ ގޮތް ވިސްނުމަށް ހެއްޔެވެ؟ ހުތުބާގައި ބަޔާންކޮށްފައިވެއެވެ.