ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނާއި ހެދި ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ދަ ހިންދޫ ނޫހަށް ދިން އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވޭ އެންމެގާތް އެކުކުރިއާކަމަށެވެ. އަދި މިހާރު އިންޑިއާއާއިއެކު އޮތް ގުޅުމުގެ ސަބަބުން ދެޤައުމަށްވެސް ބޮޑެތި ފައުދާތަކެއް ލިބެމުންދާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވައްޓެރިޔާކަމަށެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަަމަ އެހީއަށް އެދެނީ އިންޑިއާގެ ކިބައިން ކަމަށާއި، އިންޑިއާއަށް އެހީތެރިކަމަށް އެހެން ބައެއްގެ ހިޔަނި އެޅޭކަށް ނުޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ޤައުމަކާއި ޖެހިގަނެގެން މިހާރު ނޫޅެވޭނެކަމަށެވެ. ޚާއްސަކޮށް އެކުވެރި ޤައުމުތަކާއި އޮންނަ ގުޅުން ހީނަރުވެ، އެގުޅުން ކަނޑާލަން ގޮވާލުމަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއްނޫންކަމަށެވެ. އަދި މިއަދު ރާއްޖޭގައި އިދިކޮޅު ޕާޓީތަކުން އަދި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަވަމުންދާ ހަރަކާތަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ހަރަކާތެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.
ދަހިންދޫއިން ވަނީ މި މަހު ކުރީކޮޅު ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުންވެސް ސުވާލެއް ކޮށްފައެވެ. ނަމަވެސް ނަޝީދު އެސުވާލަށް ޖަވާބު ދެއްވާފައި ނުވެއެވެ. ރާއްޖޭގައި ހިންގަމުންދާ އިންޑިއާ މިލިޓަރީ އައުޓް ހަރަކާތަކީ މިހާރު ބައިނަލް އަގުވާމީ ސަމާލުކަމަށްވެސް އައިސްފައިވަ ހަރަކާތަކަށް ވާއިރު، މިހަރަކާތް ހުއްޓާލާނީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމުންކަމަށް އިދިކޮޅު ފަރާތްތަކުން ދަނި ބުނަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާވެ، ބޮޑުކޮށް ކުރިއަށް ގެންދަން ފެށީ ރައީސް ޔާމީން ޖަލުން މިނިވަންވުމަށްފަހުއެވެ. ރައީސް ޔާމީން ގެންދަވަނީ މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް ކުޑަވެސް ޖާގައެއް ނުދޭނެކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެހަރަކާތް ހިންގަން ޖާގަ ނުދޭނެކަމަށެވެ.
One Response
އަންނިމެން ހެދި ގާނޫނާ ޚިލާފު ވަގު އެގްރީމެންޓް ގެ ޒަހަރު މިއަދު ެންމެންގެ ކަރަށް އެޅެމުން މިދަނީ