މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވި ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފި

މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވި ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފި

Author
އަހުމަދު
13 ޑިސެމްބަރ 2025 11:59
0

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކަށް ފުލުހުން އަރައި ހައްޔަރުކުރި 4 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން އިންތިޒާމުކޮށްގެން މިއަހަރުގެ މަސްވެރިންގެ ދުވަހު ހެނދުނު 9:30 ގައި ހުޅުމާލޭ ކަންނެލި ޖެޓީގައި ފަށާފައިވާ މި އިހުތިޖާޖުގައި 60 ދޯނި ބައިވެރިވެފައިވެއެވެ.

މާލޭ އުތުރުފަރާތު ކަނޑުގައި އަޅާފައިވާ ދޯނިތަކުގެ ތެރެއިން ބައެއް ދޯނިތަކަށް ފުލުހުން އަރައި، ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖު ރޫޅާލުމުގެ ތެރޭގައި ތިން ދޯނީގެ ކޮންޓްރޯލް ނަގައި އެ ދޯނިތައް ދޫނިދޫއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ފަހުން ދޯނިތައް ދޫކޮށްލާފައިވެއެވެ. އިހުތިޖާޖާ ގުޅިގެން ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު އާއި އިތުރު 2 މީހަކު ހައްޔަރުކޮށް، އެމީހުންގެ 5 ދުވަހުގެ ބަންދު ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

މަސްވެރިން ކުރަމުން އަންނަ މި އިހުތިޖާޖުގައި ސަރުކާރަށް ތިން ޑިމާންޑެއް ކުރަމުން އަންނަނީ އެއީ މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ. މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ މަސްވެރިންގެ ޑިމާންޑްތަކަށް އެދެވޭ ޖަވާބެއް ސަރުކާރުން ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.