ގަވާއިދާ ހިލާފަށް ބިދޭސީން ގެނައުމުގެ ނެޓްވޯކް ހިންގި މީހާއަށް ދެ އަހަރުގެ ޖަލު އަދަބެއް

ގަވާއިދާ ހިލާފަށް ބިދޭސީން ގެނައުމުގެ ނެޓްވޯކް ހިންގި މީހާއަށް ދެ އަހަރުގެ ޖަލު އަދަބެއް

Author
އަހުމަދު
13 ޑިސެމްބަރ 2025 11:58
0

ރާއްޖެއަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް މިލިއަން ރުފިޔާތަކެއްގެ މާލީ މަންފާ ހޯދަމުން ދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބިދޭސީއަކަށް ކްރިމިނަލް ކޯޓުން ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކާއި ދިވެހިންގެ ބަޔަކު ވެސް ބައިވެރިވި މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ފޮޅައި ސާފުކުރުމުގެ މަސައްކަތަށް ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ ބިދޭސީއެކެވެ.

ދައުލަތުން ޝަހާދަތުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާއާއި ހުއްދަ ނުނަގައި ހުއްދަ ބޭނުންވާ ކަންކަން ކުރުމުގެ ދައުވާ އަދި ސައްހަ ނޫން ލިޔުންތައް ދިނުމުގެ ދައުވާތައް ކުރިއެވެ. ތަހުގީގުން ހާމަވާ ގޮތުގައި ޝަހާދަތު ރާއްޖޭގައި ގަވާއިދާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގަމުން ދިޔައީ ބިދޭސީންނަށް މަސައްކަތް ކުރުމުގެ ކޯޓާ ހަމަޖައްސައިދީ، އެކަމުން ބޮޑު އަދަދެއްގެ ފައިސާ ހޯދަމުންނެވެ. އޭނާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ޖުމްލަ އަށް މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުވާތަކަށް ޝަހާދަތު އިއުތިރާފުވެ ދައުލަތާ އެއްބަސްވުމެއް ހަދައިފައިވާތީ އަދަބުތައް ލުއިވީ އެވެ. އެގޮތުން އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމާއި ޖުމްލަ 75،000 ރުފިޔާގެ ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރިއެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރުމާ ހަމައަށް ޝަހާދަތު ދިރިއުޅެމުން ދިޔައީ މަހަކު 18،000 ރުފިޔާ ކުއްޔަށް ދޭ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި ކަމަށާއި، އޭނާގެ ލެޕްޓޮޕާއި މޯބައިލް ފޯނުން އެކި ކުންފުނިތަކުގެ ރަޖިސްޓްރީއާއި ލޯގޯއާއި ވޯކް ޕާމިޓް ސައިޓުތަކުގެ ހިސްޓްރީ ފެނިފައިވާ ކަމަށް ތަހުގީގުން ހާމަވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.