މިއަހަރުގެ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެގެ ނިޔަލަށް ޖުމްލަ 1.03 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 5 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް 1.08 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޒިޔާރަތްކުރަނީ 5،834 ފަތުރުވެރިންނެވެ. ހިނގަމުންމިދާ މަހުގެ ތެރޭގައި އެކަނިވެސް 88،184 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖެއަށް އެތެރެވި ގިނަ ފަތުރުވެރިން ބޭނުންކޮށްފައިވަނީ މައި އެއާޕޯޓެވެ. އެގޮތުން ވީއައިއޭ އިން 1،004،739 މީހުން އެތެރެވެފައިވާއިރު، ގަން، މާފަރު، އަދި ހަނިމާދޫ ފަދަ އިންޓަނޭޝަނަލް އެހެން އެއާޕޯޓުތަކާއި އެތެރޭގެ އުދުހުންތަކުގެ އެއާޕޯޓުތައް މެދުވެރިކޮށްވެސް ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން ކްރޫޒް ލައިނާތަކުގައި 14،847 ފަސެންޖަރުން އަދި ވިޔަފާރީގެ ބޭނުމަށް 8،029 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ގައުމުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަނީ ޗައިނާއިންނެވެ. އެގައުމުން މިހާތަނަށް 161،391 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 143،818 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 84،673 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ