އިރުން ހަކަތައިން ކަރަންޓު އުފެއްދުމުގެ ފުރުސަތު ދުވާފަރު ރައްޔިތުންނަށް ފަހިކޮށްދިނުމަށް "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީން މިއަދު ދުވާފަރުގައި ފަށައިފި އެވެ. މި ޕްރޮގްރާމް އިފްތިތާހުކުރީ ސިޓީޒް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މި ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުގައި ސޯލާ ޕީވީ ނިޒާމް ހަރުކުރުމުގެ ފުރުސަތު އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކައިގެން ލިބިގެންދާނެ އެވެ. ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިންގެ އުސޫލުން ކަމަށާއި، ސޯލާ ޕެނަލުން އުފައްދާ ކަރަންޓު ގޭގައި ބޭނުންކުރާ އަދަދުން އުނިކޮށް ބާކީ އަދަދަށް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. މި ގޮތުން ކަރަންޓު ބިލުން އުނިވާ އަދަދު، ސޯލާ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހަކު ބިލުގައި ހިމަނާނެ ކަމަށްވެސް ބުންޏެވެ.
ޕްރޮގްރާމްގެ އަމާޒަކީ ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓް 2026 ގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް، ޑީސަލް ބޭނުންކުރުމާއި ޖައްވަށް ބޭރުކުރާ ދުން ދަށްކުރުމެވެ. މި ޕްރޮގްރާމަށް ޝައުގުވެރިވާ ދުވާފަރު ރައްޔިތުންނަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ދުވާފަރަކީ އެމްޑަބްލިއުއެސްސީން ފެން، ނަރުދަމާ، ކަރަންޓާއި ކުނިމެނޭޖްކުރުމުގެ ހިދުމަތްތައް އިންޓެގްރޭޓެޑް މޮޑެލްއެއްގެ ދަށުން ފޯރުކޮށްދޭ ހަމައެކަނި ރަށެވެ.
ކޮމެންޓު ފޮނުވާ