ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރުގެ ކުޑަ އޮޕަރޭޝަނެއް އައިޖީއެމްއެޗުގައި ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިންގެ އިހުތިޖާޖުގައި ހައްޔަރުކުރި މަޢުރޫފާއި އިތުރު މަސްވެރިންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު ވިދާޅުވީ މަޢުރޫފަށް ލިބުނު އަނިޔާއަކާ ގުޅިގެން ލޭ މަނާ ނުވުމުން އެ އޮޕަރޭޝަން ކުރަން ޖެހިފައިވާ ކަމަށެވެ. ހައްޔަރުކޮށްގެން ގެންދިޤަވަގުތު ސިޑިމަތިން މަޢުރޫފް ދަމައިފައި ބޭލި މަންޒަރު ސޯޝަލް މީޑިއާގައި އަދިވެސް އަންނަނީ ދައުރުވަމުންނެވެ. މަޢުރޫފް އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ހެނދުނުއެވެ.
މަޢުރޫފާއި މަސްވެރިން ހައްޔަރުކޮށް ބަންދުކުރުމުން އެ މީހުން ދޫކޮށްލަން ގޮވާލައި އެމްޑީޕީން ވަނީ ރޭ ކުއްލި ހަރަކާތެއް ފަށައިފައެވެ. ހައްޔަރުކުރި އެންމެން ދޫކޮށްލަންދެން އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންނެލި ގަނެ މާކެޓު ކޮށްދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާކަމަށް ބުނެ މިދިޔަ ބުދަ ދުވަހު ހެނދުނު އިހުތިޖާޖު ފަށައިފައެވެ.
ކޮމެންޓު ފޮނުވާ