ސްކޫލް ސަރަޙައްދު ތަކުގައި "އިންޑިއާ އައުޓް" ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެތިބެ ހިންގަމުން ގެންދާ "އިންޑިއާއައު ޙަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެއިބާރާތް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރުން މިވަނީ އިތުރުވެފައިކަމަށެވެ.

މިގޮތުން، ވޭތުވެދިޔަ ހަފްތާ ތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ ފަރާތުން ށ.އަތޮޅުގައި ކުރިއަށް ގެންދިޔަ ރެލީތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަޙައްދުގައި ހަރުކޮށްފައިވާކަމަށެވެ. އަދި، ށ.ފުނަދޫގައި ކުރިއަށްގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން ގޭގޭގެ ފާރުތަކުގައި އެ އިބާރާތުން ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާ ގިނައިރުތަކެއްނުވެ، ފުނަދޫ ސްކޫލުގެ (ނ. ފުނަދޫ) ފާރުގެ ބޭރުގައި މިވަނީ "އިންޑިއަން-އައުޓް" މޭރުމުން ލިޔެފައިކަމަށެވެ. މި ޢިބާރާތްތަކަށް ބަލާއިރު ސީދާ ޓާގެޓް ކުރެވެނީ މިތަންތަނުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށްކަން ފާހަގަކުރެވޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލް މަދުރަސާ ތަކަކީ ގިނަ އަދަދަކަށް ބިދޭސީ (އިންޑިއާ) ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށްވެފައި ސްކޫލް ސަރަޙައްދު ތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ. އަދި އެފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެފަރާތްތަކުން ސްކޫލްތަކުގައި އެދެމުން.
– އެޑިއުކޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި މަސައްކަތްކުރައްވާ އިންޑިއާ ޓީޗަރުންނަކީ އެފަރާތްތަކުގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، ރާއްޖޭގެ ޅަދަރީންނަށް އުންގަންނައިދިނުމުގެ ޚިދުމަތުގައި ޒަމާނުއްސުރެން ޚިދުމަތް ކުރަމުންދާ ބަޔަކަށްވާއިރު، ބިދޭސީ ޓީޗަރުން ހޯދުން ދަތިވެފައިވުމާއި، އަދި ރާއްޖެ ގެނެވޭ ބިދޭސީ ޓީޗަރުންނަކީ ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައިދިނުމަށް ގެނެވޭ ފަރާތްތަކަށްވުމުން، މިފަދަ ޢަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުންގަންނައި ދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުންދިއުމަކީ މި މިނިސްޓްރީން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމެއް. އަދި އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާއި، އެފަދަ ކަމުގައި ބައިވެރިވެ ހިއްވަރުދޭ ފަރާތްތަކުގެ ޢަމަލުތައް މި މިނިސްޓްރީން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން.
– އެޑިއުކޭޝަނުން ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިފުރުޞަތުގައިވެސް ރާއްޖޭގެ ސްކޫލް މަދުރަސާތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި މިނިސްޓްރީން ޚާއްސަ އިސްކަމެއްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
ކޮމެންޓު ފޮނުވާ