ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިންވަހީދު ފާއިތުވެދިޔަ ޑިސެމްބަރުމަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝްންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަދި މިވަގުތު އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ 11 ސިޔާސީ ޕާޓީގެ ތެރެއިން، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ އެންމެ 3 ޕާޓީއަކުންނެވެ. އެއީ ވެރިކަންކުރާ އެމްޑީޕީގެ އިތުރުން، އިދިކޮޅު ޕީޕީއެމްއާއި، އުފެއްދިތާ އަދި އެންމެ 3 މަސް ހަމަނުވާ، ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެހުންނަވާ އުފެއްދި އެމްއެންޕީއިންނެވެ.
މި 3 ޕާޓީންވެސް ދަނީ ޕާޓީތަކުގެ ލީޑަރޝިޕުން ދާއިރާއަށް ދަތުރުތައްކޮށް، ކޮމަންޑޫ ދާއިރާއާއި މާލޭގައި ޖަގަހަތައް ހުޅުވާ، ދާއިރާ ތަރައްގީ ކޮށްދޭނެކަމުގެ ވައުދުތަކާއި އަހުދުތައް ރައްޔިތުންނަށް ވަމުންނެވެ.
މީގެ ތެރޭގައި ސަރުކާރުން މި އިންތިޚާބާއި ދިމާކޮށް މިދާއިރާގައި މިހާރު ފަށާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން، މުސްތަގުބަލުގައި އެ ދާއިރާއަށް ޕާޓީތަކުން ކޮށްދޭނެ ކަންތަކުންވެސް، ލީޑަރޝިޕްތަކުގެ ބޭފުޅުން ގެންދަވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވައުދުތައް ވަމުން، އަހުދު ކަށަވަރު ހިތްޕަވަމުންނެވެ.
ސަރުކާރުންވަނީ ކެމްޕޭން ފެށުނު ފަހުން ބޮޑެތި މަޝްރޫޢުތައް ފަށާފަ!
ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި، ކޮމަންޑޫ ދާއިރާގެ ރަށްތަކުގައިވެސް ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިޔަށް ދިޔަނަމަވެސް، މި ދާއިރާގެ ރައްޔިތުންވެސް އެދެމުން އައި ބޮޑެތި ބައެއް ކަންކަން ހުރީ ތަންފީޒީ މަރުހަލާއާއި ހަމައަށް ދަތުރު ނުކޮށްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންނަމަވެސް މިގޮތުން މިހާތަނަށް ނުކުރެވި ހުރި ކަންކަމާއި، އަދި އެ ދާއިރާގެ ރައްޔިތުން މިހާރު އޭގެ އިތުރުން އެދެމުންދާ ކަންކަންވެސް ހިމަނައިގެން، މި ބައި އިލެކްޝަންގެ އިންތިޚާބުގައި، ކޮމަންޑޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ވެރިކަން ކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ގޮސް، ދައުލަތުގެ އެކިއެކި ވުޒާރާތަކުގެ ވަޒީރުންވެސް ގެންދަވަނީ، އިންތިޚާބަށް އަމާޒުކޮށް އެދާއިރާގައި ތައްރަައްގީގެ ބޮޑެތި މަޝްރޫއުތައް ފައްޓަވާ ދެއްވާ އަދި އަނެއްބައި މަޝްރޫޢުތަކުގެ ކޮންޓްރެކްޓްތައް އެވާރޑްކޮށް ދެއްވާ، އަދި ކުރިޔަށް ހުރި ކަންކަމުގެ ވައުދުތައް ދާއިރާގެ ރައްޔިތުންނަށް ވެވަޑައި ގަންނަވަމުންނެވެ.
މީގެ ތެރެއިންވެސް އެންމެ ބޮޑު ގޮތެއްގައި ފާހަގަ ކޮށްލަން ޖެހެނީ، ދާއިރާގަ ހިމެނޭ އެންމެ ބޮޑު ރަށް ކަމުގައިވާ، ކޮމަންޑޫ ރައްޔިތުން އެދެމުން އައިސްފައިވާ ކޮމަންޑޫ މަތި ކޮމަންޑޫ ގުޅުވައިދޭ ބްރިޖެވެ. މި ބްރިޖަކީ މިއަހަރަށް ބަޖެޓް ކުރެވިފައިވާ ކަމަށް ވެގެން ގޮސްފައި ނުވިނަމަވެސް، މި ބައި އިލެކްޝަންގެ ކެމްޕޭން ބޯމަތިވެގެން ދިއުމާއެކު، ސަރުކާރުން ވަނީ، މި ބުރިޖު އެޅުމަށް ދައުލަތުގެ ބަޖެޓުން 249.9 މިލިއަން ރުފިޔާ ހަމަޖައްސަވާ، އަދި މި ހަފްތާ ބަންދުގައި މިމަޝްރޫޢުގެ އަމަލީ މަސައްކަތްވެސް ފައްޓަވާ ދެއްވާފައެވެ. މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ކޮށްގެންނެވެ.
މީގެ އިތުރުން ކޮމަންޑޫގައި ހިއްކާފައިވާ ކުޑަ ބިންކޮޅުން ގޯތި ދޫކުރުމަށާއި، އަތޮޅު ތެރޭގެ ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ބައެއް ކޮމަންޑޫގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމުމާއި، ކޮމަންޑޫ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމާއި، ކޮމަންޑޫގެ ބަނދަރު ވަރަށް ފަހުން ހަދާ ނިމުނު ނަމަވެސް ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ރަށުގެ ރައްޔިތުން އެދޭތީ މިއަހަރު އެ މަސައްކަތް ފެށުމާއި، ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް އެރަށުގެ މަސްވެރިން އެދޭތީ އެ މަސައްކަތް (މިހާރު ދެވަނަ ފަހަރަށް ބީލަމަށް ލެވިފައި) ކުރިޔަށް ގެންދިއުމުގެ އިތުރުން، މިއަހަރަށް މިހާރުވެސް ބަޖެޓް ކުރެވިފައިވާ، ކޮމަންޑޫ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާ ދެއްވާނެކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންޑޫގެ ރައްޔިތުންނަށް ވައުދުވެ ވަޑައިގެންފައެވެ.
އަދި މީގެ އިތުން ފާއިތުވެދިޔަ 3 އަހަރު އެ ދާއިރާގެ ފޯކައިދޫގައި ފުޓްސެލް ދަނޑެއް ނެތިފައި ވަނިކޮށް، އިންތިޚާބަށް އަމާޒުކޮށް އެރަށުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުވަނީ ފައްޓަވާ ދެއްވާފައެވެ. މީގެ އިތުރުން ފޯކާއިދޫގެ ޕޮލިސް ސްޓޭޝަނާއިި، ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށްވެސް ކޮމަންޑޫ ދާއިރާއަށް ރައީސް ސާލިހު ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުމަށް ފޯކައިދޫ ރައްޔިތުން އެދޭތީވެ އެމަސައްކަތްވެސް ސަރުކާރުން މިއަހަރު ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ސާލިހުވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ކޮމަންޑޫ ދައިރާގައި ހިމެނޭ އެންމެ ކުޑަ ރަށް ކަމުގައިވާ މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެރަށަށް މިހާރުވަނީ ކޮޅުވެއްޓިތައް ކައިރިކި ކޮށްފައެވެ. އަދި އޭގެ އިތުރުން މިއަހަރަށް ބަޖެޓް ކުރެވިފައިވާ، އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް މިއަހަރު ފައްޓަވާ ދެއްވާނެކަމަށްވެސް ޚުދު ރައީސް ސާލިހުވަނީ އެމްޑިޕީގެ ބައި އިލެކްޝަން ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެރަށުގެ ރައްޔިތުންނަށް، ވައުދުވެ ވަޑައިގެންފައެވެ.
މީގެ އިތުރުންވެސް މިދާއިރާއަށް ބޭނުން ޖެހިފައިވަ އަސާސީ އެތަކެއް ޚިދުމަތްތަކާއި، ތަރައްގީގެ އެތައް މަޝްރޫޢުތަކެއް ފުރިހަމަ ކޮށްދެއްވާނޭ ކަމުގެ ވައުދު، ސަރުކާރުގެ އެކިއެކި ވަޒީރުން ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ގެންދަވަނީ ވެވަޑައި ގަންނަވަމުންނެވެ.
އިދިކޮޅުން އެއަރ ޕޯޓެއް! އެމްއެންޕީން ބުނަމުން ދަނީ ތަރައްގީގެ ވައުދު ވަމުންދަނީ އެ ޕާޓީގެ ޕްރެޝަރަށް ކަމަށް!
ކޮމަންޑޫ ދާއިރާއަށް އިދިކޮޅު އެންމެ ބޮޑު ޕާޓީން ވާދަކުރައްވަމުން ގެންދަވާ މޫސާ ފަތުހީއަށް ތާއީދު ހޯދުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމިން މި ހަފްތާ ބަންދުގައި އެދައިރާއަށް ދަތުރު ކުރައްވާފައި ވާއިރު، ދެން ވާދަކުރައްވާ އެމްއެންޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އެޕާޓީގެ ލީޑަޝިޕުންވެސް ގެންދަނީ ދާއިރާގައި އެޕާޓީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މި ގޮތުން، ރައީސް ޔާމިން ކޮމަންޑޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި، ޕީޕީއެމްގެ ކެނޑިޑޭޓަށް އެދާއިރާގެ ރައްޔިތުން ވޯޓު ދެއްވައިފިނަމަ، ޕީޕީއެމްގެ ދެން އުފެދޭ ސަރުކާރެއްގައި، ކައިރީގައި އޮތް ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން، ކީކިމިނީ ފެކްޓްރީގެ ފައިދާ ލިބޭ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި މީގެ އިތުރުން، ރައީސް ޔާމިން ވިދާޅުވި ގޮތުގައި، ކޮމަންޑޫ ދާއިރާއަކީ އެމަނިކްފާނުގެ ވެރިކަމުގައި 500 މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންގޮސްފައިވާ ދާއިރާއެއް ކަމަށާއި، އެދާއިރާއަށް ތަރައްގީ އަންނާނީ ހަމައެކަނި ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ކުރިޔަށް އޮތް ބައި އިލެކްޝަންގައި ކޮމަންޑޫ ދާއިރާއަށް އެމްއެންޕީއިން ވާދަކުރާ ހަންނާން އިދުރީސްއަަށް ތާއީދު ހޯދުމަށް ކުރެވެމުންދާ ކެމްޕޭންގެ ނަތީޖާއެއްގެ ގޮތުން، ތަރައްގީގެ މަޝްރޫއުތައް އަވަސްވެ، އަދި މި މަޝްރޫޢުތަކަށް އަމަލީ ސިފަ ގެނައުމަށް ސަރުކާރަށް މަޖުބޫރުވަމުން ދާކަމަށާއި، އެކަމާ އުފާ ކުރާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ވެހޭތާ ފެން ނެގުން!
ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ބާކީ 2 އަހަރެއްހާ ދުވަސް ކުރިޔަށް އޮއްވާ ކުރިމަތިލާން ޖެހުނު ބައި އިލެކްޝަން ވެގެން މިދިޔައީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އައި ތަރައްގީގެ އީދެއްކަމުގައި ނޫނީ ބެލެވެން ނެތް ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ.
ސަބަބަކީ، މިހާރު ކުރިޔަށްދާ ބައި އިލެކްޝަން ކެމްޕޭނުގައި ސަރުކާރުގެ ފަރާތުން އެދާއިރާގައި ހިންގުމަށް މިހާރު ވައުދުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫޢުތަކަށް އަމަލީ ސިފަ އައުމުން، މުޅި ރާއްޖެއިން ބެލި ކަމުގައިވި ނަމަވެސް، ތަރައްގީގެ މަޝްރޫޢުތައް އެއްދާއިރާއެއްގައި އެންމެ ގިނަ އަދަދަކަށް ކުރިޔަށްދާނެ ދާއިރާ ކަމުގައި އެދާއިރާ ވެގެން ދާނެތީއެވެ. އަދި މި މަޝްރޫޢުތަކަށް ސަރުކާރުގެ ބަޖެޓުން ކުރާ ހޭދަ އެތައް ސަތޭކަ މިލިއަން ރުފިޔާއަށް އަރައިގެން ދޭނެތީވެސް މެއެވެ.
އަދި ހަމަ އެއާއެކު، މި އިންތިޚާބުގެ ކެމްޕޭންގެ ނަތީޖާއެއްގެ ގޮތުން، އެ ދާއިރާގައި އެއަރޕޯޓެއް އަޅުއްވާ ދެއްވާނޭކަމަށް ކުރީގެ ރައީސް ޔާމިން ވައުދުވެ ވަޑައިގަތް ގަތުގަތުމާއި، އަދި މި ނޫނަސް މިބީދައިން ސިޔާސީ ލީޑަރުން ވެވަޑައި ގަންނަވަމުންދާ ވައުދުތަކަށް ބެލުމުން، މި ބައި އިލެކްޝަން ހުރިހާ ގޮތަކުން ބެލި ކަމުގއަިވި ނަމަވެސް، ވެގެން ގޮސްފައިވަނީ މިދާއިރާއަށް އައި ތަރައްގީގެ އީދަކަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ބައި އިލެކްޝަންތަކަކީ، ދައުރުގެ މެދުތެރެއިން މަދުން ނޫނީ ކުރިމަތިނުވާ އިންތިޚާބުތަކަކަށް ވެގެން ދާއިރު، މިއިންތިޚާބު ވެގެން މިދަނީ، މިގޮތުން ބޭއްވޭ އިންތިޚާބުތަކާއި ޚާއްސަ ގޮތެއްގައި ތަރައްގީއާއި ގުޅި ލާމެހިގެންދާ މިންވަރު ވަރަށްވެސް ރަގަޅަށް ރަމްޒު ކޮށްދޭ އިންތިޚާބެއް ކަމުގައެވެ. އަދި ގަބޫ ކުރެވޭ ގޮތުގައި، މި އިންތިޚާބާއި ދިމާކޮށް ސަރުކާރުން އެދާއިރާއަށް ވަމުންދާ ތަރައްގީގެ ގިނަ ވައުދުތަކަށް ބަރޯސާކޮށް ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުވެސް ދޭނޭކަމަށް ބެލެވިގެން ދާއިރު، ރައްޔިތުން ތިބީ ވެހޭތާ ފެންނަގަން ތައްޔާރަށްތޯ ނުވަތަ ނޫންތޯ މިއިންތިޚާބުގެ ނަތީޖާއިން ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވިގެންދާނޭ ކަމެއް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.