އިންތިޚާބަށް ފޯރުވާ ނުފޫޒު އިލެކްޝަންސް ކޮމިޝަނަށް ބެލޭކަށް ނެތް! ބަލާނެ އިތުރު މުވައްސަސާއެއްވެސް ނެތް؟

އިންތިޚާބަށް ފޯރުވާ ނުފޫޒު އިލެކްޝަންސް ކޮމިޝަނަށް ބެލޭކަށް ނެތް! ބަލާނެ އިތުރު މުވައްސަސާއެއްވެސް ނެތް؟

ރައްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާބެއްވެސް ރެގިއުލޭޓް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފަލަން ޖެހޭ އެންމެ މުހިންމު މުވައްސަސާއަކީ އިލެކްޝަންސް ކޮމިޝަނެވެ. މާނައަކީ ގާނޫނު އަސާސީއާއި ގަނޫނުތަކުން އެކޮމިޝަނާއި ހަވާލުކޮށް މަތިކޮށްފައިވާ ހަމަ އެކަނި ޒިންމާއަކީ އިންތިޚާބުތައް ބޭއްވުން އެކަންޏެއް ނޫނެވެ.

އިންތިޚާބުތައް އިންތިޒާމްކޮށް ބޭއްވުމުގެ އިތުރުން އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު އިންތިޚާބަށް ކެމްޕޭން ކުރެވިގެންދާކަން ޔަގީން ކުރުމުން ފެށިގެން ގޮސް، ގޮނޑިއަށް ނުވަތަ މަގާމަކަށް ކެނޑިޑޭޓަކުން އިންތިޚާބު ވުމާއި ކެނޑިޑޭޓުން އިންތިޚާބަށް ކޮށްފައި ހުރި ޚަރަދަކަށް ދަންދެން ރެގިއުލޭޓްކޮށް ބަލާ، މި ކަންކަން ހިނގާފައި ހުރީ ގާނޫނުތަކާއި އެއްގޮތަށްތޯ ކަށަވަރު ކުރުމަކީ އެކޮމިޝަންގެ މައްޗަށް ގާނޫނު އަސާސީންނާއި ކޮމިޝަންގެ ގަނޫނުންނާއި އަދި އިންތިޚާބާބެހޭ ގާނޫނުން އެކޮމިޝަންގެ މައްޗަށް ލާޒިމްކޮށް މަތިކޮށްފައިހުރި ކަންކަމެވެ.

މާނައަކީ، މި ދެންނެވުނު ކަންކަމާއި ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ކޮމިޝަނުން ތަހުގީގު ކުރަން ޖެހެއެވެ. އެންމެ ކުޑަމިނުން ތަހުގީގު ހިންގުމަށްފަހު، ލިބޭ ހެކިތަކާއި ފެންނާންހުރި ނަތީޖަތަކުގެ މައްޗަށް މައްސަލަތައް ދައުލަތުގެ ކަމާ ގުޅޭ އެހެނިހެން މުވައްސަސާތަކާ ހަމައަށް ފޯރުކޮށްދީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާ އެކޮމިޝަނުން އުފުލާން ޖެހެއެވެ.

އެހެންނަމަވެސް މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅެމުންދާ ޝަކުވާތަކާއި ގުޅިގެން ކޮމިޝަނުން ބުނަމުން ދަނީ، ކެމްޕޭން ކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް ހިންގާ ހަރަކާތްތައް ރެގިއުލޭޓް ކުރުމަކީ އެކޮމިޝަނަށް ގޮންޖެހުންހުރި އަދި އުދަގޫ މަސައްކަތްތަކެއް ކަމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ވިދާޅުވަނީ ކޮރަޕްޝަނާއި ނުފޫޒުގެ މައްސަލަ ބެލުމުގައި ގޮންޖެހުންތައް ހުރި ކަމަށް

ކޮމިޝަންގެ ވާހަކަ ރަގަޅެވެ! ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފަސޭހަ ހަމަ އެއްކަމެއްވެސް ފެންނަން ނެތްއިރު، ގޮންޖެހުންކުޑަ އެއްވެސް ކަމެއް ހަމަ އެއްވެސް މުވައްސަސާއަކާއި މަތިވެފައެއް ނެތެވެ. އެހެންނަމަވެސް، އެއީ ފެންނާން ހުރި ހަގީގަތްތަކުގެ މައްޗަށާއި، ސާފުކޮށް ފެންނާން ހުރި ހެކިތަކުން މަތިން އިހުމާލުވުމަށް މުވައްސަސާތަކަށް އޮތް ހުއްޖެތެއްތޯއެވެ؟

 

ބަޖެޓްގައި ނެތް ޕްރޮޖެކްޓްތައް ނުފެށުމަށް ކޮމިޝަނުންވެސް ދަނީ އިލްތިމާސްކުރަމުން!

ރާއްޖޭގައި ބޭއްވެމުންދާ ހުރިހާ އިންތިޚާބަކީވެސް، އަދި އިންތިޚާބުތަކުގައި ކުރެވެމުންދާ ހުރިހާ ކެމްޕޭނަކީވެސް ރަށްރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކާއި ގުޅި ލާމެހިފައިވާ އިންތިޚާބުތަކާއި ކެމްޕޭންތައް ކަމުގައި ދަންނަވަން ޖެހެއެވެ.

ސަބަބަކީ، މިއިން ކޮންމެ އިންތިޚާބެއްގައިވެސް އަދި ކެމްޕޭނެއްގައިވެސް އޭރަކު އޮންނަ ސަރުކާރަކުން ތަރައްގީގެ އެތަކެއް ވައުދުތަކެއްވެ، އަދި ބޮޑެތި ބައެއް މަޝްރޫޢުތައް ރަށްރަށުގައި ފަށާ ދީފައިވެސް ވާތީއެވެ. މިގޮތުން މި ސަރުކާރުގައިވެސް ފާއިތުވެދިޔަ އެޖެންޑާ19 ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައާއި އަދި އޭގެ ފަހުން އައި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް، ކަން ހިގާފައި އޮތީ ހަމަ މި ބީދައިން ކަމުގައި ދަންނަވަން ޖެހެއެވެ.

މިއީ ފާއިތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް ކަން ހިގާފައިވާ ގޮތެވެ. އަދި މި ސަރުކާރުވެސް ހަމަ މިއުސޫލުގެ މަތީގައި ކުރިޔަށް ދަމުންދާކަން ސާބިތު ކޮށްދޭ އެންމެ ފަހުގެ ދިރިހުރި މިސާލަކަށް ފެންނާން އޮތީ މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއެވެ.

މި ބައި އިލެކްޝަންގެ އިންތިޚާބުގައި، ކޮމަންޑޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ވެރިކަން ކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ގޮސް، ދައުލަތުގެ އެކިއެކި ވުޒާރާތަކުގެ ވަޒީރުންވެސް ގެންދަވަނީ، އިންތިޚާބަށް އަމާޒުކޮށް އެދާއިރާގައި ތައްރަައްގީގެ ބޮޑެތި މަޝްރޫއުތައް ފައްޓަވާ ދެއްވާ އަދި އަނެއްބައި މަޝްރޫޢުތަކުގެ ކޮންޓްރެކްޓްތައް އެވާރޑްވެސް ކޮށްދެއްވަމުންނެވެ.

މިގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތީ، ކޮމަންޑޫ ދާއިރާގެ ކޮމަންޑޫގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން އެދެމުން އައި ކޮމަންޑޫ މަތި ކޮމަންޑޫ ގުޅުވައިދޭ ބްރިޖް އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް މިހާރު ކުރިޔަށްދާ އިންތިޚާބަށް އަމާޒުކޮށް ސަރުކާރުން ވަނީ އެމްޓީސީއާއި ހަވާލުކޮށް މިހާރު ކޮންޓްރެކްޓުގައިވެސް ސޮއި ކޮށްފައެވެ. އަދި އޭގެ އިތުރުން، ފާއިތުވެދިޔަ 3 އަހަރު އެ ދާއިރާގެ ފޯކައިދޫގައި ފުޓްސެލް ދަނޑެއް ނެތިފައި ވަނިކޮށް، އިންތިޚާބަށް އަމާޒުކޮށް އެރަށުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުވަނީ އެމްޓީސީސީއައި ހަވާލު ކޮށްފައެވެ.

ކުރިޔަށްދާ ކެމްޕޭނުގައި، ކޮމަންޑު މަތި ކޮމަންޑޫ ބްރިޖްގެ މަސައްކަތް ސަރުކާރުން މިހާރުވަނީ އެމްޓީސީސީއައި ހަވާލު ކޮށްފަ

އެހެންކަމުން މިކަންކަމާއި، އަދީ މީގެ އިތުރުންވެސް މިނޫން އެތައް ވައުދެއ،ް އަދި ތަރައްގީގެ މަޝްރޫޢުތައް ސީދާ އިންތިޚާބަށް އަމާޒުކޮށްގެން ކުރިޔަށްދާން މިހާރު ފަށާފައި ވާއިރު، މި ކަންކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ އިތުރު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ފާޅު ކޮށްފައިވާކަން މި ފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

އަދި މިކަން ކަމުގެ ޝަކުވާތައް ސިޔާސީ ބައެއް ޕާޓީތަކުންނާއި އަމިއްލަ ބައެއް ފަރާތްތަކުންވެސް އިލެކްޝަން ކޮމިޝަނަށް އުފުލާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ޖަވާބަކަށް ވެގެންދަނީ، އިންތިޚާބުތަކާއި ގުޅުންހުރި ކޮރަޕްޝަނާއި ނުފޫޒުގެ މައްސަލަތައް އެކޮމިޝަނަށް ބެލުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތަކެވެ. އަދި މިއިން އެއްވެސް މައްސަލައެއްގެ ތަހުގީގެއް އެކޮމިޝަނުން ކުރިޔަށް ގެންދާކަމެއް ނުވަތަ ނޫންކަމެއްވެސް އެގޭކަށް ނެތެވެ.

އެހެންނަމަވެސް، ގަބޫލު ކުރަން ޖެހިފައިވާ އެއް ހަގީގަތަކީ، ކަމުގެ އަސްލާއި ހަމައަށް ވާސިލް ވެވުނަސް އަދި ނުވެވުނަސް، މާނައަކީ، ހިގަމުންދަނީ ނުފޫޒާއި ކޮރަޕްޝްންގެ މައްސަލަތަކެއްކަން ސާބިތު ވިޔަސް އަދި ނުވިޔަސްވެސް، މިއީ އިލެކްޝަންސް ކޮމިޝަނުން ބަލާ ފިޔަވަޅު އަޅަންޖެހޭ މައްސަލަތައް ކަމެވެ. އެއީ ސަރުކާރު ހިންގާ ޕާޓީކަމުގައިވިޔަސް، ސަރުކާރުގެ ވެރިން ކަމުގައިވިޔަސް، އަދި އެއީ އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓުންނާއި ޕާޓީތައް ކަމުގައިވިޔަސް، މި މައްސަލަތައް ކޮމިޝަނުން ބަލާ ތަހުގީގުކޮށް، އެކޮމިޝަނަށް ފާހަގަ ކުރެވޭ ކަންކަން ކަމާއި ގުޅުންހުރި ދައުލަތުގެ އެހެނިހެން މުވައްސަސާތަކާއި ހަމައަށް ފޯރުކޮށް ދޭން ޖެހޭކަމެވެ.

އަދި އަމުދުން، ހުރިހާ އިންތިޚާބުތަކަކާއި ދިމާކޮށްވެސް، ތަފާތު އެކިއެކި ނުފޫޒުތައް އިންތިޚާބުތަކަށް ފޯރަމުން ދާކަން ޚުދު އިލެކްޝަންގެ މެމްބަރުންނަށް ފާހަގަވެ، އެކަންކަން އެގޮތުގައި ނުހިންގުމަށް ޚުދު އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރަމުން ދާއިރު، މިކަންކަމާއި ގުޅޭގޮތުން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމުގައި ހަމަ އެމެމްބަރުން ވިދާޅުވަމުން ދާދިއުމަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މުސްތަގިއްލުކަމާމެދު ސުވާކުރެވެން އޮތް ކަމެއްކަމުގައި މެނުވީ ދެންނެވޭކަށް ނެތެވެ.

 

ނިމުމަކަށް އަންނަން ޖެހިފަ އޮތް ސަގާފަތެއް!

ރައްޖޭގައި ބޭއްވޭ އިންތިޚާބުތަކާއި ރަށްރަށުގެ ތަރައްގީއާއި އޮތް ބޮޑު ގުޅުމަކީ މި ގުޅުމާއި ގުޅޭގޮތުން މުޅި އާބާދީ ހޭލުންތެރި ވެގެން މެނުވީ ހައްލެއް އޮތް ސަގާފަތެއް ކަމުގައި ދެންނެވޭކަށް ނެތެވެ. އެހެންނަމަވެސް މިއީ ކަންބޮޑުވާން ޖެހިފަ އޮތް ސަގާފަތެކެވެ.

ސަބަބަކީ، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި އަދި އޭގެ ފަހުން އަންނަ ކައުންސިލް އިންތިޚާބުތަކާއި، މިބީދައިން ތަރައްގީ ގުޅި ލާމެހިގެން ދިއުމުން، މި ތަރައްގީގެ މަޝްރޫޢުތައް ތަންފީޒު ވެގެން ދިއުން، ދެފަރާތަކުން ކުރާ ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައި މިކަން ސިފަވެގެން ދާދިއުމެވެ. މާނައަކީ، ރައްޔިތުން ދޭ ވޯޓުގެ ބަދަލުގައި އޭރަކު އޮންނަ ސަރުކާރަކުން ތަރައްގީގެ މަޝްރޫއުތައް ހިންގައި ދެނީއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން، އިންތިޚާބުތަކުގައި މިއުސޫލުން ތަރައްގީގެ މަޝްރޫޢުތައް ސަރުކާރުތަކުން ފައްޓަވާ ދެއްވާ، ސަރުކާރު ކެނޑިޑޭޓް ނުހޮވި، ކެމްޕޭންތަކުގައި އަޅާދޭ ބިންގާތައް އެގޮތުގައި ހުރެ ފީވެގެން ގޮސްފައި ވަނީވެސް މަދު ފަހަރަކުއެއް ނޫނެވެ.

އެމްޑިޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ސަރުކާރުގެ ވެރިންގެ ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން

އެހެންނަމަވެސް، ރަށްރަށުގެ ހިންގާ ތަރައްގީގެ މަޝްރޫޢުތަކަކީ، އޭރަކު އޮންނަ ސަރުކާރެއްގެ މެނިފެސްޓޯއާއި އެއްގޮތަކަށް، ހިނގާންޖެހޭ، އަދި ގިނަ ފަހަރަށް އޭރަކު އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭ އަސާސީ ވަރަށް ގިނަ ޚިދުމަތްތަކާއިވެސް ގުޅި ލާމެހިގެންދާ މަޝްރޫޢޫތަކެއް ކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

އެހެންނަމަވެސް، ހިތާމައަކީ، ރައްޖޭގައި ބޭއްވިގެންދާ ހުރިހާ އިންތިޚާބަކާއިވެސް ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތައް އަދަޔާއި ޚިލާފަށް ބޮޑަށް ގުޅިލާމެހިގެން ގޮސްފައިވާކަމެވެ. މުޅި ސިޔާސީ މަސްރަހުގައި މި ސިޔާސަތު ވަކި ހިއްޕާލާފައި ވާކަމެވެ. ރައްޔިތުން މި ސިޔާސަތުގެ މަސްތުގައި ޖެހިގެން ގޮސްފައި ވާކަމެވެ. އަދި ސަރުކަރުތަކުން މި ސަގާފަތް ދިރުވާ އާލާކުރަމުންވެސް ދާކަމެވެ. އަދި ރައްޔިތުން މިއުސޫލަށް ތަބާވެ، އެހެންނަމަވެސް ހަމަ އެރައްޔިތުން މި ސިޔާސަތުގެ ޝިކާރައަކަށްވެސް ވަމުން ދާކަމަވެ.

އަދި އަމުދުން، މި އުސޫލާއި، މި ސަގާފަތް އަދި މި ނުފޫޒާއި ކޮރަޕްޝަން ހުއްޓުވުމުގެ ޒިންމާ ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތި ކޮށްފައިވާ މުވައްސަސާތަކުން އިހުނަށްވުރެ ޒިންމާދާރުވެ، ބިރު ފަހަނައަޅާ، އެ މުވައްސަސާތަތަކަށް ލިބިގެންވާ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރާހާ ހިދަކު، މިނޫން ދުވަހެއް ފެންނާން ނެތްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. މިކަމުންސާފުކޮންއެނގޭކަމަކީ ސަރުކާރުގެނުފޫޒު އިލެކްސަންމަށްޗަށްއޮތްވަރު ވަރަށްހަޑިތާއީދުހޯދުމަށް ބަޖެޓުގައިނެއްކަންކަންކުރުމަކީ ސީދާއެކަމުގެމަށްޗަށްނުފޫޒުފޯރުވަންސަރުކާރުންހިންގާޖަރީމާއެއް މިކަންދިވެހިރައްޔިތެއްގެ ހައިސިއްޔަތުންކުށްވެރިކުރަން

Leave a Reply

Your email address will not be published. Required fields are marked *